ދިވެހި ބަހުގެ ދުވަހުގެ ޝިއާރަކަށް "ބުނާނީ ލިޔާނީ ދިވެހި ބަހުން" ކަނޑައަޅުއްވައިފި

މިއަހަރުގެ ދިވެހި ބަހުގެ ދުވަހުގެ ޝިޢާރު ދިވެހި ބަހުގެ އަކަޑަމީން ކަނޑަ އަޅުއްވައިފިއެވެ. މިއަހަރުގެ ދިވެހި ބަހުގެ ޝިޢާރެއްކަމުގައި ދިވެހި ބަހުގެ އެކަޑަމީން ކަނޑައެޅުއްވައިފައި ވަނީ "ބުނާނީ ލިޔާނީ ދިވެހި ބަހުން" ނެވެ. ދިވެހި ބަހުގެ ދުވަހަކީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހެވެ.

އާފަތިހަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފު ޢަލީ ވިދާޅުވީ ދިވެހިން އެކަކު އަނެކަކާ މުޢާމަލާތު ކުރާއިރު ބުނެވެން އޮތް ކޮންމެ އެއްޗެއް ބުނަން ވާނީ ދިވެހި ބަހުން ކަމުގައެވެ. ލިޔުމުން މުޢާމަލާތު ކުރާނަމަ ލިޔަންވާނީ ތާނައިން ކަމުގައެވެ. ފަންނިއްޔާތުގައި ނުވަތަ ޓެކްނޮލޮޖީގައި ތާނަ އަކުރު ލިޔެވޭއިރު ދިވެހިން އެކަކު އަނެކަކަށް ލެޓިނުން ލިޔެލިޔެ ތިބެންވީތޯ އަޝްރަފު ސުވާލު އުފެއްދެވިއެވެ.

"ދިވެހި ބަހަށް ހެޔޮ އެދެންޏާ ކޮންމެ ފަދަ މަޤާމެއްގައި ވިއަސް، ކޮންމެފަދަ މަކާނެއްގައި ވިއަސް، ކޮންމެފަދަ މަހައްލެއްގައި ވިއަސް ބޭރު މީހަކާ ގުޅުން ހުރި މުޢާމަލާތެއް ނޫންނަމަ، ނިސްބަތް ވަނީ ދިވެހިންނަށްކަމަށް ވާނަމަ، އެމުޢާމަލާތް ކުރަންޖެހޭނީ ދިވެހި ބަހުން." އަޝްރަފު ވިދާޅުވިއެވެ.

އެބައެއްގެ އަމިއްލަ ބަހާއި ދަސްކުރާ ބަސް މަސްހުނިކޮށްގެން ވާހަކަ ދެއްކުމަކީ، ބަހެއް ނެތި ދިއުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރެއިން ސަބަބަކަށް ވާއިރު ރާއްޖެ މިހާރު ދެކެމުން ދަނީ އެމަރުޙަލާކަން އަޝްރަފު ފާހަގަ ކުރެއްވިއެވެ.

ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމަށް ޚާއްޞަ ނޫސް ސިންތާއެއް ބޭއްވުމަށް ވަނީ ހަމަ ޖައްސަވައިފައެވެ. މީގެ އިތުރުން  ދައުލަތުގެ މުޢައްސަސާ ތަކާއި ވުޒާރާތަކާއި އިދާރާ ތަކުގައި ޚާއްޞަ އެސެމްބްލީއެއް ބާއްވުމަށް އެދިވަޑައިގެންފައި ވާނެ ކަމަށް އެކަޑަމީގެ ރައީސް ވިދާޅުވިއެވެ. މިފަދަ އެސެމްބްލީއެއްގެ ބޭނުމަކީ ދިވެހި ބަހާމެދު ވިސްނައި، ވާހަކަ ދައްކާލުމަށް ވަގުތު ކޮޅެއް ހޯދައިދިނުން ކަމަށް އަޝްރަފު ވިދާޅުވިއެވެ. ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް މި އެސެމްބްލީ ބާއްވައެވެ.

އެސެމްބްލީގެ އިތުރުން އޮފީސްތަކުގެ މުއައްޒަފުންގެ މެދުގައި އަތުލިޔުމުގެ މުބާރާތްވެސް އަންނަނީ ބާއްވަމުންނެވެ. 

ދިވެހިބަހުގެ ދުވަސް ގޮތުގައި އޭޕްރީލް މަހުގެ 14 ވަނަ ދުވަސް ކަނޑައަޅައި ޤައުމީ ފެންވަރުގައި ފާހަގަކުރަން ފަށައިފައި ވަނީ 2015 ވަނަ އަހަރުން ފެށިގެންނެވެ. އެއީ  ދިވެހި ރާއްޖައި އުފެދުނު އެންމެ ކުޅަދާނަ އަދީބު، ދިވެހި އަދަބިއްޔާތުގެ ފަތިހުގެ ތަރި ޙުޞައިން ޞަލާހުއްދީންގެ އުފަންދުވަހެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.