މޯދީގެ ތަހުނިޔާ ރައީސް އިބްރާހީމަށް

މިދިޔަ ހޮނިހިރު ދުވަހު ދިވެހިރާއްޖޭގައި ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި، ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ކެންޑިޑޭޓުން ވަރަށްބޮޑު އަޣުލަބިއްޔަތަކުން ކުރި ހޯއްދެވުމުން އެކަން ފާހަގަކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު ހެނދުނު ފޯނުން ގުޅުއްވައި ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ގުޅުއްވައި އިންޑިއާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ނަތީޖާއިން ފެނިގެން އެ ދިޔައީ ދިވެހި ރައްޔިތުން މިހާރު މި އޮތް ސަރުކާރު ބަލައިގެންފައިވާ މިންވަރުކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރެއްވުމަށް ބޮޑުވަޒީރު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ނަރެންދުރަ މޯދީގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ދިވެހިރާއްޖެއަކީ އިންޑިއާ އާއި ވަރަށް ގާތް ޤައުމެއްކަން ފާހަގަކުރައްވައި އެޤައުމުން އަބަދުވެސް ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންޑިޔާގެ ބޮޑުވަޒީރު ފޯނުން ގުޅުއްވައިލައްވައި، ހެޔޮއެދިވަޑައިގަތުމުގެ ޝުޢޫރުތައް ފާޅުކުރެއްވީތީ، ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމުގައި ވިދާޅުވެ، ބޮޑުވަޒީރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އެމަނިކުފާނުގެ ޒަޢާމަތުގައި ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާނެކަމަށާއި އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ރަނގަޅު ރަހުމަތްތެރިއެއް ކަމުގައި ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މެދުކެނޑުމެއްނެތި އިންޑިއާއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.