ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވަޒީފާ ލިބޭނެ އުސޫލެއް ކަނޑައަޅަނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ދާއިރާތަކުން ޚާއްޞަ ކޯޓާއެއް ހަމަޖައްސަވައި، ފަސޭހައިން ވަޒީފާ ލިބޭނެ އުޞޫލެއް ކަނޑައެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ރިވެލި އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ މީހެއްގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ، އެމީހެއްގެ ބަދުނަސީބު ކަމުގައި އެމަނިކުފާނު ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެހެން ކަމުން މުޅި މުޖިތަމަޢު މަސައްކަތް ކުރަންވީ އެފަދަ މީހުންގެ ކިބައިގައި ހުރި ހުނަރާއި ޤާބިލްކަމުގެ ބޭނުން ހިފޭނެ މަގު ފަހިކޮށްދީ، އެމީހުންނަކީ ނަސީބުވެރިން ކަމުގައި ހަދައިދޭން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ތަރައްޤީގެ މަގުގައި ރާއްޖެ ކުރިއަށްދާނީ އެންމެހާ ދިވެހިރައްޔިތުންނަކީ އެއް ޢާއިލާއެއް ކަމަށް ބަލައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އާމްދަނީއެއް ހޯދައި ދިނުމުގެ ގޮތުން ސަރުކާރުގެ އޮފީސްތަކުންނާއި ސަރުކާރުގެ ކުންފުނިތަކުން ވަޒީފާގެ ފުރުސަތުތައް ތަނަވަސް ކޮށްދެއްވަމުން ގެންދަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއަދު އެވޯޑް ޙާޞިލްކުރެއްވި ފަރާތްތަކަށް ވިސްނާލާއިރު، ސާބިތުވެގެން މިދަނީ އަބަދުވެސް ދައްކަވަމުން ގެންދަވާ ވާހަކައިގެ ތެދުކަން ކަމަށެވެ. "އެއީ، ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކީ، ނާޤާބިލް މީހެއް ނޫންކަން. އެމީހުންގެ ކިބައިގައި ވެސް ޤާބިލް އެތައް ހުނަރަކާއި ފަންނުވެރިކަމެއް އެބަ ހުރިކަން އަޅުގަނޑުމެން ދައުލަތް ހިންގުމާ ޙަވާލުވީ، ވަރަށް ގިނަ ވަޢުދުތަކަކާ އެކު. އޭގެ ތެރެއިން އެންމެ މުހިންމު ވަޢުދަކީ، ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ޚިދުމަތް ދިނުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީހެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެމީހަކު މުޖުތަމަޢުން އެކަހެރި ކޮށްލުމަކީ އަދުގެ މުޖުތަމަޢު ޤަބޫލު ކުރާ އުސޫލެއް ނޫން ކަމަށެވެ. "މި އަހަރުގެ ކުރީކޮޅު އައި.ޖީއެމް.އެޗްގައި ހުޅުވި ސެންޓަރ ފޮރ މެންޓަލް ހެލްތަކީ، އެ ސިޔާސަތުގެ ތެރެއިން ޤާއިމުކުރި މަރުކަޒެއް. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ދިނުމަށް، އައި.ޖީ.އެމް.އެޗްގައި މިހާރު ވާނީ އެންސްޕާ އާއި އާސަންދައިގެ ކައުންޓަރެއް ޤާއިމުކޮށްފައި. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޢާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް، އިތުރު މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައި،" ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.