ރޯދަމަހަކީ އަޅުކަމުގެ މައްސަރެވެ. މިމަހަށް ތައްޔާރުވާން ވަރަށްކުރިން ފަށައެވެ. ގެއާއި ގެދޮރު ސާފުކޮށް އެބައެއްގެ ތަނަވަސްކަން ހުރި މިންވަރަކުން އެއްޗެހި އައުކުރުމަކީ ސަގާފީކަމެކެވެ.
ގެއާއި ގެދޮރުސާފު ކުރުމަށްފަހު އުކާލަންޖެހޭ ސާމާނު އުކާލުމަކީ ވެސް މިހާރު މާބޮޑު އުނދަގޫ ކަމަކަށްނުވެއެވެ. ވެމްކޯ އެއޮތީ ތައްޔާރަށެވެ. ޚިދުމަތުގައެވެ. ރޯދަމަސް ފެށިގެން މިހާތަނަށް އައިއިރު އައްޑޫ ސިޓީގެ ގެތަކުން އުކާލާ ކުނި މިހާރުވަނީ ތިންގުނައަށް އިތުރުވެފައެވެ. މިއީ އާދަޔާ ޚިލާފު ކަމެއްނޫންނެވެ. މިއީ މާލޭއާއި، އައްޑުއާއި އަދި އެހެން ރަށްރަށުގައި ވެސް މިކަން އޮންނަގޮތެވެ. ރޯދަމަހު އުފެދޭ ކުނި ހަމަ ގިނައެވެ.
އައްޑޫސިޓީ ހިތަދޫގައި ހުންނަ ވެމްކޯގެ ސަރަޙައްދީ އޮފީހުގެ މެނޭޖަރ ޝާފިޢު ޖަމީލް ވިދާޅުވީ ރޯދަމަސް ފެށުމާއެކު އުކާލަންޖެހޭ ކުނި ތިންގުނަ އިތުރުވެފައިވާ ކަމަށެވެ. "ކުރިން އަޅުގަނޑުމެންނަށް ޓްރެކެއް ފުރާލެވެނީ ގާތްގަޑަކަށް ސަތޭކަ ވިއްސަކަށް ގެއިން ކުނި ނަގައިގެން. އެހެންނަމަވެސް ރޯދަމަސް ފެށުމުން ސާޅީހަކަށް ގެއިން ކުނި ނަގާތަކުން ޓްރަކް ފުރޭ އެހުރީ ކުނި އިތުރުވެފައިވާ މިންވަރު،" އޭނާ ވިދާޅުވިއެވެ.
ޝާފިޢު ވިދާޅުވީ އަދިވެސް ގޭގެއިން ގިނައިން އުކާލަން ޖެހިފައި ހުންނަނީ ރޯދައަށް ސާފު ކުރުމަށްފަހު އުކާނުލެވި ހުރި ކުނިތައް ކަމަށެވެ. އެތަކެތި އުކާލައި ނިމުމުން ކުރިއަށްއޮތް ދެތިން ދުވަސްތެރޭގައި މިކަމަށް ލުޔެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫ ސިޓީކައުންސިލާއި ވެމްކޯ ގުޅިގެން ވަނީ ރޯދައިގެ ކުރިން ހިލޭ ކުނި އުކާލުމުގެ ފުރުސަތު ހުޅުވައިފައެވެ. އެފުރުސަތުގައި ނަންނޯޓުކުރީ 400 އެއްހާ ގޭބިސީންނެވެ. ވެމްކޯއިން ވަނީ އެ ގޭ ބިސީތަކުން އެއްދުވަހު ހިލޭ ކުނިނަގައި ދީފައެވެ. އެހެންނަމަވެސް ރޯދަމަސް ފެށިގެން މިހިސާބަށް އައިރު އަދިވެސް ކުނިން ސަލާމަތެއް ނުވެއެވެ.
އައްޑޫސިޓީގައި ވެމްކޯއިން ދެމުން ގެންދާ ކެޕްސް ޚިދުމަތުގެ ތެރެއިން 350 ކިލޯގެ ކުންޏަށް ނަގަނީ 125 ރުފިޔާއެވެ. އަދި 1.5 ޓަނުގެ ކުނި ނަގައިދެނީ 275 ރުފިޔާއަށެވެ. 2 ޓަނުގެ ކުނި ނަގައިދެނީ 375 ރުފިޔާއަށެވެ. 4 ޓަނުގެ ކުންޏަށް ނަގަނީ 475 ރުފިޔާއެވެ.
މިފަހަރު ރޯދަމަހާއި ދިމާކޮށް އައްޑޫއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުނުކުރެވިންގެންއުޅޭ އެންމެބޮޑު މައްސަލައަކީ މިސަރުކާރުން އައަޑޫ ވެމްކޯއަށް ހަމަޖެއްސެވި ވެރިންގެ ނާގާބިލްކަމުން.