ނުވިކޭނެ، ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުނަ ނުދޭނަން: ފަތުޙުﷲ

ފަރެސްމާތޮޑާ ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓު ފަތުޙުﷲ އަޙުމަދު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު

މިއަހަރު އެޕްރީލްމަހު 6 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ކޯލިޝަންގެ މައިޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ފަރެސްމާތޮޑާއަށް ވާދަކުރައްވާ ރަތަފަންދޫ، ފަތުޙުﷲ އަޙުމަދުގެ ހުރީ ވަރުގަދަ ޢަޒުމެއްގައެވެ.

އޭނާ ވިދާޅުވަނީ ފަރެސްމާތޮޑާ ދާއިރާގެ ގޮނޑިއަށް އޭނާ އިންތިޚާބު ކޮށްދެއްވައިފިނަމަ ރައްޔިތުންގެ އެކަން އެގޮތަށްކުރި މަޤުސަދު ޙާސިލް ކޮށްދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

"އަޅުގަނޑަކީ ސަރުކާރު ހިންގާ ކޯލިޝަންގެ މައިޕާޓީގެ އެމްޑީޕީގެ ފަރެސްމާތޮޑާ ދާއިރާގެ ޕްރައިމަރީ ކާމިޔާބުކޮށްގެން ޓިކެޓު ހޯދައިފައިވާ މީހެއް. އެ ޓިކެޓަށް އިޙުތިރާމް ކުރާނަން. ދެންއޮތީ އެޓީކެޓަށް ދާއިރާގެ ރައްޔިތުން ވޯޓު ދެއްވުން. ވޯޓު ދެއްވައިގެން އިންތިޚާބުކޮށްދެއްވައިފިނަމަ ވީކޭ މީހަކަށް ނުވާނަން. ދާއިރާގައި މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުނަނުދީ އިތުރަށް ހަލުއި ކުރުމަށް މަސައްކަތްކުރާނަން،" ފަތުޙުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެދާއިރާގެ އެންމެން އެންމެބޮޑަށް މިހާރު އުންމީދުކުރާ މަޝްރޫޢަކީ ފަރެސްމާތޮޑާ ސަރަޙައްދުގައި ހަދަމުންދާ އެއާޕޯޓު ކަމަށެވެ. އެތަނުގެ މަސައްކަތް ވެސް އަވަސްކޮށް ޚިދުމަތަށް ނެރުމަށް ސަރުކާރު ތެރެއިން މަސައްކަތްކޮށް ދެވޭނީ ސަރުކާރު ކެންޑިޑޭޓަށް ކަމަށް އޭނާ ވިދާޅުވިއެވެ. "އެއާޕޯޓުގެ އިތުރަށް ދާއިރާގެ އެހެން ރަށްރަށުގައި ފަށައިފައިވާ ނުވަތަ ފަށަން ވިދާޅުވެފައިވާ މަޝްރޫޢުތައް ފެށުމަށް ވެސް އަޅުގަނޑަށް މިގޮނޑި ވަރަށް މިހިންމު،" އޭނާ ވިދާޅުވިއެވެ.

ފަހުތުޙުﷲ ވިދާޅުވީ ފަރެސްމާތޮޑާ ދާއިރާގައި ހިމެނޭ ފަރެސްމާތޮޑާ، ފިޔޯރީ، ރަތަފަންދޫ މިއިން އެއްވެސް ރަށަކަށް ތަފާތު ކުރުމެއްނެތި ޚިދުމަތްކޮށް ދެއްވުމަކީ އޭނާގެ ވަރަށް މަތިވެރި މަޤުސަދެއް ކަމަށެވެ. "އަޅުގަނޑު މަޖިލިހަށް އަންނަނީ އަޅުގަނޑަށްޓަކައެއްނޫން. އަޅުގަނޑު ޖީބު ފުރާކަށެއްވެސް ނޫން. އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ތަނަވަސްކަމާއި ކުރިއެރުމާއި ފާގަތިކަން ގެނައުމަކީ އަޅުގަނޑު އެއް ޢަޒުމް. ދާއިރާގެ ރައްޔިތުންގެ އަޑު އެހުމަކީ އެންމެ ކުރީގައި އަޅުގަނޑު ގެންގުޅޭނެ ކަމެއް،" ފަތުޙުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކެމްޕޭން ދުވަސްވަރު އެދާއިރާއަށް ވަޑައިގެން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަންކަން ފަށައި ޢަމަލީގޮތުން އެކަން ކުރުމަށް މަޖިލިސްތެރެއިން ސަރުކާރަށް ޕްރެޝަރު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.