ޞައްޙަވޯޓު ބާތިލްކުރި ސަބަބާބެހޭ ރިޕޯޓު މިއަދު ހުށަހަޅާނެ: އީސީ

ޞައްޙަ ވޯޓުތަކެއް ބާޠިލް ކަމަށް ކަނޑައެޅި މައްސަލާގައި ވޯޓު ގުނިމީހުން މިއަދު އިލްކެޝަންސް ކޮމިޝަނަށް ރިޕޯޓެއް ހުށަހަޅާނެ ކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ. އެކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފް ވިދާޅުވީ އެކަމާ ބެހޭގޮތުން ގޮތް ނިންމާނީ އެ ރިޕޯޓަށް ބެއްލެވުމަށް ފަހު ކަމަށެވެ.

"ފޮށިތައް ގުނިމީހުން މިއަދު ރިޕޯޓެއް ހުށަހަޅާނެ. އެ ރިޕޯޓު ހުށަހެޅީމައި އަޅުގަނޑުމެންނަށް އެނގޭނީ ގަސްތުގައި ބާތިލް ކުރީތޯ ނުވަތަ ޝައްކުވާ ކަހަލަ ގޮތަކަށް އޮތީމަތޯ ބާތިލް ކޮށްފައި އޮތީ. ޤާނޫނީ ވަރަށްބޮޑު ކުށެއް ޞައްޙަ ވޯޓެއް ބާތިލް ކުރުމަކީ،" ޝަރީފް ވިދާޅުވިއެވެ.

އެކަންކުރި އޮފިޝަލާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. މިފަދަ ކަންކަން ރަނގަޅަށް ބެލުމަށްފަހު ފިޔަވަޅު އެޅުމަކީ އެހެން މީހުންނަށް ވެސް ޢިބުރަތަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބާތިލް ވޯޓު ގިނަކަމަށް ޝަކުވާ ހުށަހެޅި މާމިގިލީ ދާއިރާގެ 3 ވޯޓުފޮއްޓެއް އަލުން ގުނިއިރު ބާޠިލް ވޯޓުގެ ތެރޭގައި ޞައްޙަ ވޯޓު ވެސް ހުރިކަމަށް ވަނީ ސާބިތުވެފައެވެ. އެދާއިރާގެ ބާޠިލް ވޯޓުގެ ގޮތުގައި ވަނީ 190 ވޯޓު ގުނައިފައެވެ. އެހެންނަމަވެސް އަލުން ގުނިއިރު އޭގެ ތެރެއިން 109 ވޯޓު ވަނީ ޞައްޙަ ވެފައެވެ. މި ނަތީޖާއާއެކު އެދާއިރާގެ ގޮނޑި ދިފާޢުކުރެއްވި ޤާސިމް އިބްރާހީމަށް ލިބިވަޑައިގެންނެވި ވޯޓު ވަނީ އިތުރުވެގެން ގޮސްފައެވެ.

ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި 212،079 މީހުން ވަނީ ވޯޓުލައިފައެވެ. ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކުގެ ޖުމްލަ އަކީ 264،442 މީހުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ އެމްޑީޕީއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.