ކަރުނައިގެ މުތީ (7)

(28 މާރިޗު 2019 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

ޝެހެންޝާހް ޖަހާން ގީރާއި، މަލިކާ ނޫރު ޖަހާނާއި، މަހާބަތު ޚާން ހަތަރު ފަރާތުން ޝާހް ޖަހާނުގެ މަގަށް ހުރަސް އަޅުއްވަނީއެވެ. އެމަނިކުފާނު މި ވަގުތު ބޭނުންފުޅު ވަނީ ސިޔާސަތާ ދުރަށް އެމަނިކުފާނުގެ ޙަޔާތުގެ ބައިވެރިޔާގެ އަތްޕުޅުގެ ތެރެއަށް ވަޑައިގަންނަވާށެވެ. އެކަމަކު ލޯބީގެ ދޮރު ވެސް އެމަނިކުފާނަށް ދަނީ ބަންދުކުރެވެމުންނެވެ. އެ ފަދަ ވަގުތުގައި މަޗްލީ ޕަޓަންގެ ރަސްގެފާނު ޤުޠުބުލްމަލިކު ސާބިތުކޮށްދެއްވީ ވަފާތެރިކަމުގެ ހެއްކެވެ. އެރަސްގެފާނު، ރަށުން ބޭރުކޮށްލެވިފައި ވާ، ޙާލުކޮޅު ދެރަވެފައި ވާ ޝެހެޒާދާގެ ހިތްޕުޅު ހަމަޖައްސަވައިދެއްވިއެވެ. ހިތްވަރުފުޅު އެރުވިއެވެ. ޝެހެޒާދާގެ ސަވާރީ ދާ ކޮންމެ ތާކުން ވެސް އެމަނިކުފާނަށް ޚިދުމަތްއަރުވައި، ފުރާނަ ޤުރްބާންކުރުމުގެ ފުރިހަމަ ޙައްޤު އަދާކުރުމަށް އެ ރަސްގެފާނުގެ އަމުރުފުޅުގެ ދަށުގައި ތިބި މީހުންނަށް އެންގެވިއެވެ.

ޝާހް ޖަހާން އެ ތަނުން އަނެއްކާ ވެސް ހިތްވަރުގަދަ ސިފައިންގެ ލަޝްކަރަކާ އެކު ކުރިއަށް ވަޑައިގަތެވެ. ކަޓަކްގެ ވެރިޔާ އަޙްމަދު ބޭގް ޚާން އެމަނިކުފާނުގެ މަގު ބެއްދުމަށް މަސައްކަތްޕުޅުކުރެއްވިއެވެ. އެކަމަކު އޭނާ ހަނގުރާމައިން ބަލިވެވަޑައިގެން ސީދާ ބަންގާލަށް، އިބްރާހީމް ޚާނުގެ އަރިހަށް ވަޑައިގަތެވެ. އެ ތަނުން އާޞިފު ޚާނަށާއި މުމްތާޒު މަޙަލަށް، ޝާހް ޖަހާން ތަކުރާރުކޮށް ނާކާމިޔާބާ ކުރިމަތިފުޅުލެއްވުމަށް ފަހުގައި ވެސް އަލުން އައު ލަޝްކަރަކާއި އައު ހިތްވަރުފުޅަކާ އެކު ކުރިއަށް ވަޑައިގަންނަވާ ޚަބަރު ލިބިވަޑައިގަތެވެ.

 އިބްރާހީމް ޚާން ހަތިޔާރާއި، ނަވާއި، އެތާއި، ލަޝްކަރު ތައްޔާރުކުރައްވައި ހަނގުރާމައަށް ނުކުމެވަޑައި ގަތެވެ. އެމަނިކުފާނު ނުކުމެވަޑައިގަތުމުން އާޞިފު ޚާން އެމަނިކުފާނުގެ ދަނބިދަރިކަލުންނަށް ޖަހާން ގީރް ނަގަރް (ޑާކާ) އަށް ވަޑައިގެންނެވޭނޭ މަގު ތަނަވަސްކޮށްދެއްވިއެވެ. ޝާހް ޖަހާން ކަނޑުގެ މަގުން ޖަހާން ގީރް ނަގަރުގެ ޝާހީ ގަނޑުވަރަށް ޝާހް ބާނޫގެ އަރިހަށް ވަޑައިގަތެވެ.

 ވަކިވެވަޑައިގެންފައި ވާތާ އެތައް ދުވަހެއް ވެފައި ވާ ދެ ބޭފުޅުން އަލުން ބައްދަލުވެވަޑައިގަތެވެ. ޝާހް ބާނޫއަށް އެކަމަނާގެ ހިތްޕުޅާއި ފުރާނަފުޅުގެ ވެރިޔާ އެ ގޮތަށް ބަރުބާދުވެވަޑައިގެންފައި ވާ ޙާލުކޮޅުގައި ފެނިވަޑައިގަތުމުން ބާރަށް ކީރިތިފުޅު ކުރައްވާން ފެއްޓެވިއެވެ. ޝެހެޒާދާ ލޯބިފުޅާއެކު އެކަމަނާ، އަތްޕުޅުގެ ތެރެއަށް ލައްވައިފައި ވިދާޅުވިއެވެ.

 "ރާޙަތެޖާން! ރަސްރަސްކަލުންނަށް ވެސް ނުރަނގަޅު ވަގުތު އަންނަ ވާހަކައަކީ ކިހާ ވަރެއްގެ ތެދު ވާހަކައެއް ތޯ؟ އަޅުގަނޑަށް ނާކާމިޔާބާ މި ބައްދަލުވަނީ ކަމަނާގެ މޫނުފުޅު ނުފެންނަތާ ގިނަ ދުވަސް ވެގެން ކަން ނޭނގެ. ލޯބީގެ އެހީތެރިކަމަކީ ދުނިޔޭގެ އެންމެ ބޮޑު އެހީތެރިކަން. މި ދިގު ހަނގުރާމައިގާ ގާތް މީހުނާ ދުރު މީހުން ވަކިވެ ދިޔުމަށް ފަހު، މި ބިންމަތީގާ އަޅުގަނޑުގެ އެހީތެރިއަކަށް ވީ ހަމައެކަނި ކަމަނާގެ ލޯބި. އަޅުގަނޑު އަޅީސާގެ މަގުން ކަމަނާގެ އަރިހަށް އައުމަށް ހަމަ ނިންމުމުން ކުއްލިއަކަށް ނަސީބު ހޭލައިފި. އަޙްމަދު ބޭގް ޚާން ބަލިކޮށް އަޅީސާ ފަތަޙަވެއްޖެ. އިރާދަކުރެއްވިއްޔާ އިބްރާހީމް ޚާން ވެސް ބަލިފުޅުވެގެން އޭނާގެ ބޮޑުބޭބެކޮއްކޮ ނޫރު ޖަހާނުގެ އަރިހަށް ވަޑައިގެންފާނެ."

ޝާހް ބާނޫ ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ އަޅުއްވާ ކޮންމެ ފިޔަވަޅުފުޅަކާ އެކުގައި ވެސް ކާމިޔާބު، މަނިކުފާނުގެ ފައިންޕުޅުގައި ބޮސްދޭނެ. އަޅުގަނޑުގެ ލޯތްބާ ހެޔޮ ދުޢާތައް އަބަދު ވެސް މަނިކުފާނާ އެކުގަ ވާނެ."

"ހަމަ އެކަނި ދުޢާއެއް ނޫން. ކަމަނާ ވެސް އަބަދު ވެސް އަޅުގަނޑާ އެކުގަ ވާނެ. އަޅުގަނޑުގެ ހިތްވަރު، ޒުވާންކަމުގަ ދެމިހުންނަނީ ކަމަނާގެ ލޯބިން. އަޅުގަނޑު ކަމަނާއާ ވަކިވެއްޖެ ނަމަ މުޅި ދުނިޔެ ވެސް އަޅުގަނޑާ ވަކިވާކަން އަޅުގަނޑު ތަޖުރިބާކޮށްފިން. ރާޙަތެޖާން! ދެން އަޅުގަނޑުމެން ވަކިނުވާން ވަޢުދުވެވަޑައިގަންނަވާ!"

އެ ދެ ބޭފުޅުން ވަޢުދުތަކާއި ހުވާތަކުން ބެނދެވިވަޑައިގަންނަވާން ފެށިއެވެ. ރާޙަތެޖާނުގެ ލޯބިފުޅު މި ލިބިވަޑައިގަތީ އެތައް ދުވަހަކަށް ފަހުން ކަމަށް ވީތީ ޝެހެޒާދާ ގަނޑުވަރުން ބޭރަށް ފިޔަވަޅުފުޅެއް ނާޅުއްވައެވެ. އެމަނިކުފާނު ރަނގަޅަށް ތަމްރީނުވެފައިވާ ފުރިހަމަ ލަޝްކަރެއް، ޢަބްދު ޚާން ފީރޯޒް ޖަންގުގެ ކޮމާންޑަރުކަމުގެ ދަށުގައި، އިބްރާހީމް ޚާނާ ހަނގުރާމައަށް ފޮނުއްވިއެވެ. އާޞިފު ޚާން ދުވެލި ބާރު ގާސިދުން މެދުވެރިކުރައްވައި، ހަނގުރާމައިގެ ދުވަހުރިޕޯޓު ގަނޑުވަރަށް ފޮނުއްވައެވެ.

އެ މުއްދަތުގެ ތެރޭގައި މުޣަލް ޚާންދާނުގެ އާދަކާދައިގެ މަތިން ޝާހް ޖަހާން ފިނިފެންމާއީދުގެ މުނާސަބަތު ފާހަގަކުރެއްވިއެވެ. މި މުނާސަބަތު ކޮންމެ އަހަރެއްގެ ވެސް ސާވަންގެ (ހިންދުސްތާނީ ކަލަންޑަރުގެ އަހަރުގެ ހަތަރުވަނަ މަހުގެ) ފުރަތަމަ ދުވަހު ވަރަށް ފުރިހަމައަށް ބާއްވައެވެ. ފާރިސީން މި އީދަށް ކިޔަނީ އީދު ތުރުކާނެވެ. އީރާނުގެ ރަސްރަސްކަލުން ވެސް ޤަދީމީ ޒަމާނުއްސުރެން މި އީދު ފާހަގަ ކުރައްވަމުން ގެންދަވައެވެ. މުމްތާޒު މަޙަލުގެ އަރިސްކަން އިތުރަށް ކުލަގަދަކޮށް، އުފާވެރިކުރުމަށް، އެ މުނާސަބަތު ވަރަށް ފުރިހަމައަށް ބޭއްވުމަށް ޝާހް ޖަހާން އަމުރުކުރެއްވިއެވެ. އެހެން ރަށްރަށުގެ ވެރީންނާއި، އަމީރުންނާއި، ބޮޑުން ޝާހް ޖަހާނާއި މުމްތާޒު މަޙަލަށް ޖަވާހިރުން އަތްކަންއެޅި ދޯރުތައް ވެދުންކުރެއްވިއެވެ. އެ ދޯރުތައް ހުރީ ފިނިފެންމާ އަޅައި ފުރައިފައެވެ. އެހެނިހެން ބޭފުޅުން ރަންކުލައިން ކުރެހުންއެޅި ދޯރުތަކާއި މާބޮނޑިތައް ވެދުންކުރިއެވެ. އެ އީދުގައި ޝާހް ބާނޫ ވަނީ ފިނިފެންމަލުގެ މީރުވަހުގެ ތެރެއަށް ގެނބިވަޑައިގެންފައެވެ. ގަނޑުވަރުގައި އެކަމަނާގެ ވަށައިގެން ވަނީ ހީނާމަލާއި، ކުދިމަލާއި، ހުވަނދުމަލާއި، ސޯސަންމަލާއި، ފިނިފެންމަލުގެ ބަހާރެވެ. އެ މާތަކުގެ މެދުތެރެއިން ޝާހް ބާނޫ ފެންނަނީ މާތަކުގެ ރާނީގެ ގޮތުގައެވެ. ޝާހް ޖަހާން އެ ލޯބީގެ މަލިކާއަށް ލޯބިފުޅާއެކު ބައްލަވަމުން ވިދާޅުވިއެވެ.

 "މީގެ ގާތްގަނޑަކަށް ނުވަ އަހަރު ކުރިން ހަމަ މި ގޮތަށް މަލުގެ ބަހާރު އައި. ކޮންމެ މަލެއްގެ ކުލަ ތަފާތު. މީރުވަސް ތަފާތު. އެ ހުރިހައި އެއްޗެއް އެކުވެގެން މަލާއި ވަހުގެ ބަގީޗާއަކަށް އޮތީ ވެފައި. ކަމަނާ މާވިއްކާފިހާރައިގައި ފައިންޕުޅު އެޅުއްވުމުން ބަހާރުގެ ޒުވާންކަމާއި ރީތިކަން އެނގުނު. އަޅުގަނޑު ކަމަނާ ފުރަތަމަ ދުށީ އެ ތަނުން، މާވިއްކާ ފިހާރައިން. ކަމަނާ ނޭވާފުޅު ލައްވަމުން ގެންދެވީ މީރުވަހުގެ ތެރެއިން. އެއަށްފަހު ގެންދެވީ ނޭވާފުޅާއެކު މީރުވަސް ދުއްވަވަމުން. މިހާރު ވެސް ކަމަނާ މާތަކުގެ ތެރެއިން ފެނުމުން ހީވަނީ އެއީ އިއްޔެގެ ކަމެއް ހެން."

ޝާހް ބާނޫ ވިދާޅުވިއެވެ. "އާދެ، އެއީ މީނާ ބާޒާރުގެ ރަތްކުލައިގެ މާޙައުލު. އެއީ، ހަނގުރާމައިން މަނިކުފާނަށް ފަތަޙަ ލިބިވަޑައިގަންނަވައިގެން އަޅުގަނޑުމެންނަށް ޖަމްނާގެ އައްސޭރިއަށް، އަޅުގަނޑުމެންގެ ހުވަފެންތަކުގެ ރަށަށް ދެވޭނީ ކޮން އިރަކުންތޯ، ފަސް އަހަރުއްސުރެން އަޅުގަނޑު މި އިންތިޒާރުކުރާ ޖަމްނާގެ އައްސޭރިއެއް ނޫން."

"ރާޙަތެޖާން، ކަމަނާގެ ހުވަފެންފުޅުގެ ތަޢުބީރާ ވަރަށް އަވަހަށް ބައްދަލުވެވަޑައިގެންފާނެ. ޙާލަތު އަންގައިދޭ ގޮތުގައި ބައްޕާފުޅުގެ ލަޝްކަރާ ވެރިކަން އެތެރެއިން ދަނީ ހޮއިވަމުން. ބައްޕާފުޅު ރެޔާ ދުވާލު ހުންނަވަނީ މަސްތުވެވަޑައިގެންފައި. ޙަޤީޤަތުގަ އަޅުގަނޑުމެން ކުރިމަތިލައިގެން މި އުޅެނީ މަންމާފުޅުގެ ސިޔާސީ އުކުޅުފުޅުތަކާ."

"ބޮޑުދައިތާފުޅު، ރަސްގެފާނާ މަނިކުފާނާ ދެކޮޅުވެރިކުރެއްވިކަމީ ޙަޤީޤަތެއް. އެކަމަކު ބޮޑުދައިތާފުޅަކަށް ޝެހެރިޔާރު ކަހަލަ ބޭކާރު ދަނބިދަރިކަލަކު ރަސްކަމަކު ނުވެޑުވޭނެ. ޝެހެރިޔާރަކީ އަބަދު ރަލާ ޒުވާންކަމުގެ މަސްތަށް ގެނބިވަޑައިގެންފަވާ ބޭފުޅެއް."

"ރާޙަތެޖާން. އެންމެ ފަހުން ޚަބަރު ލިބިފަވަނީ ޝެހެރިޔާރަށް އެ ކުލަ ޙަފްލާތަކުން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގެންފި ކަމަށް. ރާފޮދު ހިއްޕެވުމާ ވިޔާނުދާ އުޅުއްވުމުގެ ސަބަބުން އެމަނިކުފާނަށް ވަނީ ނުރައްކާތެރި ބައްޔެއް ޖެހިވަޑައިގެންފަ. ބުމަފުޅާ ތުނބުޅިމަތިމަސްފުޅުގެ އިސްތަށިތައް ވަނީ ވެރިފަ. ސިފިލިސްގެ ސަބަބުން މުޅި ހަށިކޮޅުން ވަނީ ފޮޅު ނަގާފަ. މޫނުފުޅުގެ ސިފަ ހުތުރުވެފާ ވާ ވަރުން މީހުންގެ ކުރިމައްޗަކަށް ނުކުމެވަޑައެއް ނުގަނޭ. ﷲގެ ހެޔޮ އަޅުން އެ ފަދަ ޢިބްރަތްތެރި ނިމުމުން ރައްކާތެރިކުރައްވާނެ."

"އެހެންވީއިރު ކާމިޔާބު ވަނީ މަނިކުފާނުގެ ތަޤްދީރުގައި ކަން ޙާލަތު ބަޔާންކޮށްދޭ."

މުމްތާޒު މަޙަލްގެ އެ ވިދާޅުވުން ވީ ބަރަކާތްތެރި ވިދާޅުވުމަކަށެވެ. ހަމަ އެ ވަގުތު ގާސިދަކު އައިސް ފަތަޙައިގެ އުފާވެރި ޚަބަރު ދެންނެވިއެވެ. އިބްރާހީމް ޚާން ހަނގުރާމައިގައި އަވަހާރަވެ، އޭނާގެ ލަޝްކަރު ހަތިޔާރުބެހެއްޓީއެވެ. އެ ފަތަޙައިން ޝާހް ޖަހާނުގެ ހިތްވަރުފުޅު ގަދަވިއެވެ. އެމަނިކުފާނުގެ މަންޒިލަކީ ވެރިރަށް ކަމަށް ހައްދަވައި އިލާހް އާބާދާ ދިމާއަށް ދަތުރު ފެއްޓެވުމަށް ނިންމެވިއެވެ. ޝާހް ބާނޫ ހުރިހައި ވަގުތެއްގައި ވެސް އަރިހުގައި ހުންނެވުމަށް ކުރިއްސުރެން އޮތީ ކަނޑައަޅުއްވައިފައެވެ. އެހެންކަމުން އަނބިކަނބަލުންނާއި ބޭފުޅުން ވެސް ގެންދެވިއެވެ.

ރަހެތާސާ ހަމައަށް ދެ ބޭފުޅުން އެކުގައި ވަޑައިގަތެވެ. ރަހެތާސް ކިއްލާއަށް ވަޑައިގަތްތަނާ ޝާހް ބާނޫ ބަނޑުފުޅުގައި ރިހިވަޑައިގަންނަވަން ފެށްޓިއެވެ. އަދި އެ ވަރުގަދަ ކިއްލާގައި އެކަމަނާގެ ހަތަރުވަނަ ދަރިކަލުން މުރާދު އުފަންވެވަޑައިގަތެވެ. ޝާހް ބާނޫގެ ޙާލުކޮޅު ވަރަށް ބޮޑެވެ. ކުރިއަށް ދަތުރު ކުރެއްވުމަކީ އެކަށީގެންވާ ކަމަކަށް ނުވިއެވެ. ޝާހް ޖަހާނަށް މަޖުބޫރުވެވަޑައިގަތީ އަނެއްކާ އަނެއް ފަހަރު އެމަނިކުފާނުގެ ރާޙަތެޖާނުގެ ވަކިވެވަޑައި ގަތުމަށް ކެތްތެރިވެވަޑައި ގަންނަވާށެވެ. އެމަނިކުފާނު އަނބިކަނބަލުންނާއި ބޭފުޅުން އާޞިފު ޚާނުގެ ބެއްލެވުމުގެ ދަށަށް ދޫކުރައްވައި، ކުރިއަށް ވަޑައިގަތެވެ.

މަހާބަތު ޚާނާއި ސުލްޠާން ޕަރްވޭޒަކީ ޝާހީ ލަޝްކަރުގެ ކޮމާންޑަރުންނެވެ. އެ ބޭފުޅުން ވަޑައިގަތީ ޝާހް ޖަހާނަށް ފާރަލައްވަމުންނެވެ. އެމަނިކުފާނުގެ ލަޝްކަރު ގަންގާ ކޯރު ހުރަސްކުރުމާ އެކު ޝާހީ ލަޝްކަރު ހަތަރު ފަރާތުން އެމަނިކުފާނު ބައްދައިލިއެވެ. ދެ ލަޝްކަރުގެ ދެމެދުގައި ވަރުގަދަ ހަނގުރާމަ ހިނގިއެވެ. ޝާހީ ލަޝްކަރުގެ ސިފައިންގެ އަދަދު ގިނަ ތަން ފެނުމުން ޝާހް ޖަހާނުގެ ލަޝްކަރުގެ ފިނޑި، ބައެއް އޮފިސަރުން މައިދާނުން ފިއްޔެވެ. ފުރާނަ ޤުރްބާންކުރާ ބައިވެރީން ހިތްވަރާ އެކު ހަނގުރާމަކުރިއެވެ. އެކަމަކު އަނެއްކާ އަނެއް ފަހަރު ވެސް ޖެހިވަޑައި ގަތީ ނާކާމިޔާބާ ބައްދަލު ކުރައްވާށެވެ. އެމަނިކުފާނު ފުރާނަފުޅު ސަލާމަތް ކުރެއްވުމަށާއި، އަލުން ލަޝްކަރު ތަރުތީބުކުރެއްވުމަށް ހަނގުރާމައިގެ މައިދާން ދޫކޮށްލެއްވިއެވެ.

 އަނެއްކޮޅުން މަލިކާ ނޫރު ޖަހާނުގެ ސިޔާސީ އުކުޅުފުޅުތަކުގައި ގުޑުމެއް އުފެދުނެވެ. އެކަމަނާގެ ފިކުރުފުޅަކީ ޝެހެރިޔާރު ވަލީޢަހުދަކަށް ހައްދަވައި ތަޚުތުގައި ވެޑުވުމެވެ. އެކަމަކު މަހާބަތު ޚާނާއި ސުލްޠާން ޕަރްވޭޒުގެ ގާތްކަން އެކަމަނާގެ ގައިކޮޅަށް ކަށިޖަހަމުން ދެއެވެ. ސުލްޠާން ޕަރްވޭޒަކީ ޝާހް ޖަހާނުގެ އަޚެކެވެ. މަހާބަތު ޚާނުގެ ކޮމާންޑަރުކަމުގެ ދަށުގައި ޝާހް ޖަހާން ތަކުރާރުކޮށް ވަޑައިގަންނަވަނީ ބަލިފުޅުވަމުންނެވެ. ޝެހެރިޔާރު ބޭކާރުވެވަޑައިގެންފައި އަދި ޝާހް ޖަހާން ބަލިފުޅުވަމުން ވަޑައިގަންނަވާ ވަގުތެއްގައި، ޕަރްވޭޒް އެމަނިކުފާނުގެ ވެރިކަން އިޢުލާން ކުރައްވައިފާނެއެވެ. އެމަނިކުފާނުގެ ބާރުފުޅު ކަނޑުވައިލެއްވުމަށް މަލިކާ ނިންމެވީ މަހާބަތު ޚާނާއި އެމަނިކުފާނު ދުރުކުރެއްވުމަށެވެ. މަހާބަތު ޚާން ވެރި ރަށަށް ގެންނަވައި ހައްޔަރުކުރެއްވުމަށެވެ.

މަހާބަތު ޚާނަށް ދަރުބާރަށް ހާޒިރު ވުމަށް އަމުރުފުޅު ދިޔުމުން އޭނާގެ ބޮލުގައި ރިއްސައިލިއެވެ. އޭނާއަކީ ހަނގުރާމައިގެ މައިދާނުގެ ކުޅުންތެރިއެކެވެ. މާތް މަލިކާގެ ބަދަލުވަމުންދާ އުކުޅުފުޅުތައް އޭނާއަށް ވިސްނެއެވެ. އޭނާ އެކަނި ދަރުބާރަށް ހިނގައްޖެ ނަމަ ކޮންމެވެސް މުސީބާތެއްގައި ހައްޔަރުވެދާނެ ކަމަށް އޭނާ ނިންމިއެވެ. އޭނާއަށް މުހިންމު ނިންމުމެއް ނިންމަންޖެހޭ ވަގުތު އައިސް ޖެހުނެވެ. އޭނާ ގަބޫލުކުރަންވީ ކާކުގެ އަމުރެއް ހެއްޔެވެ؟ ބައިވެރިވާންވީ ކާކާ ހެއްޔެވެ؟ މާތް މަލިކާއާ ހެއްޔެވެ؟ ނޫނީ ސުލްޠާން ޕަރްވޭޒާ ހެއްޔެވެ؟ ނުވަތަ ޝާހް ޖަހާނާ ހެއްޔެވެ؟

މަލިކާ ނޫރު ޖަހާން ބޭނުންފުޅު ވަނީ ޝެހެރިޔާރު ކަހަލަ އެކަށީގެންނުވާ ޝެހެޒާދާއެއް ތަޚުތުގައި ވަޑުވާށެވެ. ޙާލާތު އަންގައިދޭ ގޮތުގައި އެކަމަނާއަށް ވާނީ ނާކާމިޔާބެވެ. އެ ގޮތަކީ އަމީރުންނާއި ދަރުބާރުގެ ޢިއްޒަތްތެރީން މަލިކާއާއި ޝެހެރިޔާރުގެ ދާއިމީ ވެރިކަމަކާ ރުހިވަޑައެއް ނުގަންނަވާނެއެވެ. ދެން ހުންނެވީ ސުލްޠާން ޕަރްވޭޒެވެ. އެމަނިކުފާނަކީ ފެށުނީއްސުރެން ވެސް ޖަހާން ގީރަށް ކިޔަމަންތެރިވެވަޑައިގަންނަވަމުން ވަޑައިގަންނަވާ ބޭފުޅެކެވެ. އެމަނިކުފާނަކީ މޮޅު ކޮމާންޑަރެއް ވެސް ނޫނެވެ. އަދި ވެރިކަމުގެ އުނދަގޫ ކަންތައްތައް ދެނެވަޑައިގަންނަވާ ބޭފުޅެއް ވެސް ނޫނެވެ. އަމިއްލަފުޅު ކަމެއް ނިންމެވުމުގެ ކުޅަދާނަފުޅުކަމެއް އެމަނިކުފާނަކަށް ލިބިވަޑައިގެންފައެއް ނުވެއެވެ. މުހިންމު ކަމެއް ވެއްޖެއްޔާ އެމަނިކުފާނު އަބަދު ވެސް އެހެން މީހުންގެ މަޝްވަރާއަށް ބޭނުންފުޅު ވެއެވެ. އެމަނިކުފާނަކަށް އިތުބާރެއް ނުކުރެވޭނެއެވެ. ހިތްވަރުފުޅުގަދަ ޖެހިލުންފުޅުކުޑަ ބޭފުޅަކަށް ހުންނެވީ ހަމައެކަނި ޝާހް ޖަހާނެވެ. އެމަނިކުފާނު އެ ގެންދަވަނީ ވޭތިވެ ދިޔަ ފަސް އަހަރުއްސުރެން ފުރިހަމަ ސާބިތުކަމާއި ފިރިހެންވަންތަކަމާ އެކު ޖަހާން ގީރުގެ ބާރުތަކާ ހަނގުރާމަކުރައްވަމުންނެވެ. މަލިކާގެ މަކަރުފުޅުން ސަލާމަތްވެވަޑައިގަތުމަށް މަހާބަތު ޚާން ޝާހް ޖަހާނުގެ އަރިހަށް ހިނގައްޖެ ނަމަ އަމާންކަން ލިބޭނެކަން ކަށަވަރެވެ.

މި ގޮތަށް ވިސްނައިފައި އޭނާ ފުރަތަމަ އާޞިފު ޚާނާ ޞުލްޙަވިއެވެ. އެއަށްފަހު އޭނާ މެދުވެރިކުރައްވައި ޝާހް ޖަހާނުގެ އަރިހުން މާފުއެދިވަޑައިގަތެވެ. އާޞިފު ޚާނާއި މުމްތާޒު މަޙަލް ވެސް ޝާހް ޖަހާނަށް ސިޓީ ލިއުއްވިއެވެ. އެ ބޭފުޅުން ލިއުއްވިއެވެ. "މަހާބަތު ޚާން މަނިކުފާނުގެ އަމާންކަން ބޭނުންވެއެވެ. މިއީ ރަނގަޅު ދަނޑިވަޅެކެވެ. އޭނާގެ ކުރީގެ ކުށްތައް މާފުކުރައްވައި އޭނާއަށް އިތުބާރުކުރައްވައިފި ނަމަ ހަނގުރާމައިގެ ކުރެހުން ބަދަލުވެދާނެއެވެ. އޭނާއަކީ ވިސްނުންތެރި، ތަޖުރިބާކާރު ކޮމާންޑަރެކެވެ. އަޅުގަނޑުމެންގެ ދަށަށް އޭނާ އަތުވެއްޖެ ނަމަ ޝާހީ ލަޝްކަރުގެ އުނަގަނޑު ބިނދޭނެއެވެ. މަނިކުފާނު މި ދަނޑިވަޅު ނަންގަވައި ނުލައްވާށެވެ."

އާޞިފު ޚާނާއި މުމްތާޒު މަޙަލުގެ މަޝްވަރާއަކީ ރަނގަޅު މަޝްވަރާއެކެވެ. ވަގުތު ވެސް ބުރަވަނީ މަހާބަތު ޚާން ކަހަލަ ކެރޭ ތަޖުރިބާކާރު ކޮމާންޑަރަކު އެމަނިކުފާނުގެ ލަޝްކަރުގައި ބައިވެރިކުރުމަށެވެ. އޭނާ ކުރުނީސްކުރުމަށް ޝެހެޒާދާގެ ފޭލިގެއަށް އައުމުން، ޝާހް ޖަހާން އޭނާގެ ކުރީގެ ކުށްތައް މާފުކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތާނގައި ޝާހީ ޢިނާޔަތްތައް ދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެން، އޭނާގެ އިތުބާރު ހޯއްދެވިއެވެ.

(ނުނިމޭ)

މުޙައްމަދު ޝާހިދު ޙަލީމް
މުޙައްމަދު ޝާހިދު ޙަލީމަކީ ދިވެހި އަދަބީ ދުނިޔޭގެ އެންމެ ފުންނާބު އުސް ލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދަބީ ދުނިޔޭގައި ޝާހިދުގެ ކުޅަދާނަކަން ނުފެންނަ ދާއިރާއެއް ނެތެވެ. ތަރުޖަމާ ކުރެއްވުމާއި، ލިޔުއްވުމާއި، ތަމްސީލާއި ޑްރާމާ ކުޅުއްވުމާއި، ޅެން ހެއްދެވުމާއި، އަތުލިޔުމުގެ ދާއިރާގައިވެސް މަޝްހޫރު ބޭފުޅެކެވެ. މިހާރުވެސް ދިވެހިބަހުގެ އެކަޑެމީގެ މެންބަރެއްގެ ގޮތުގައްޔާއި ޔުނިވަރުސިޓީ ލެކްޗަރާރެއްގެ ގޮތުގައި ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ލިޔުއްވުމުގައި އިބާރާތް ކުރެއްވުމުގެ ރީތިކަމާއި، އެތުރުއްވުމުގެ ކުޅަދާނަކަން ފާހަގަ ކުރެވެއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.