ކަރުނައިގެ މުތީ (2)

(7 މާރިޗު 2019 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

މިހެން ވިދާޅުވެފައި އެމަނިކުފާނު، ލާޑްލީ ބޭގަމުގެ ޖަވާބު އެއްސެވުމަކާ ނުލައި އެކަމަނާ ދޫކޮށްލައްވައިފައި ކުރިއަށް ވަޑައިގަތެވެ. ލާޑްލީ ބޭގަމް ތައުހީނުގެ އިޙްސާސުން ނުތަނަވަސްވެ ވަޑައިގެންފައި ހުންނެވިއެވެ. ޝެހެޒާދާގެ ހިތްޕުޅާއި ސިކުނޑިފުޅަށް ވެރިވެފައި ވަނީ ޝާހު ބާނޫއެވެ. އެމަނިކުފާނު އެ ވަޑައިގަތީ ނޫރު ޖަހާންގެ ލޯބިފުޅުވާ ދަރިކަނބަލުންގެ ހިތްޕުޅު ހަލާކުކޮށްލައްވައިފައި ކަމެއް ވެސް، ލޯބީގެ ދީވާނާކަމުގައި، އެމަނިކުފާނު ވިސްނައިވަޑައެއް ނުގަންނަވައެވެ. އެމަނިކުފާނަކީ ޝެހެންޝާހް ޖަހާން ގީރްގެ ދަރިކަލުން ކަމާއި، ވަލީ ޢަހުދުގެ ގޮތުގައި ބަލަމުން އަންނަ ޝެހެޒާދާ ކަމާ މެދަކު ޝައްކެއް ނެތެވެ. އެކަމަކު ހިންދުސްތާނުގެ ސިޔާސީ ރާޒުވާގޮނޑީގެ ކުޅިތައް ކުޅުއްވަނީ ނޫރު ޖަހާން އެކަމަނާ ބާނުންފުޅު ގޮތަކަށެވެ. ޝެހެންޝާހް ޖަހާން ގީރަކީ ވެސް އެކަމަނާގެ އަތްޕުޅުގައި ވާ ދިރުމެއް ނެތް ކުޅިއެކެވެ. އެކަމަނާއަށް، ބޭނުންފުޅު ކޮންމެ ވަގުތެއްގައި ވެސް، ޝެހެޒާދާ ޚުއްރަމް ނަންގަވައި، ސިޔާސީ ރާޒުވާގޮނޑިން ބޭރަށް އެއްލަވައި ލެއްވިދާނެއެވެ.

ވެރިކަމުގެ މަސްތު ތިމާގެކަން ކަނޑައިލައެވެ. ލޯބީގެ މަސްތު އާ ތިމާގެކަން އުފައްދައެވެ. ޝެހެޒާދާ ހުންނެވީ އާ ތިމާގެކަމަކަށް ގެއްލިވަޑައިގެންފައެވެ. ދުވާލު ފާއިތު ވެއްޖެއެވެ. ރޭގަނޑު އަތުވެއްޖެއެވެ. ދެވަނަ ފަހަރު ބައްދަލުވާނޭ ގޮތެއް ފެނިވަޑައެއް ނުގަނެއެވެ. އިރެއް ފަދަ މޫނެކެވެ. އިރެއް ފަދަ ނިތްކުރިއެކެވެ. ތިރިކޮށްލައިފައި ވާ ކަނދުރާއެކެވެ. ލަދުގެންފައި ވާ ހިނިތުންވުމެކެވެ. މި ކަންކަން އެމަނިކުފާނުގެ ހިތްޕުޅު ތަޅުވަމުން ގެންދެއެވެ. ނިދި ލޯފުޅާ ހަމައަށް އަންނާކަށް ބޭނުމެއް ނުވެއެވެ. އެންމެ ފަހުން ވަރަށް ވިސްނައިވަޑައިގަތުމުން ފެނިވަޑައިގަތީ އެންމެ ގޮތެކެވެ. ސިޓީބިޓީގެ އެހީ ހޯއްދެވުމެވެ. އޭރުން ފަހަރެއްގައި އުންމީދު ފުރިހަމަވާ ގޮތް ވެދާނެއެވެ.

އެމަނިކުފާނު ރޭގަނޑު ހަތަރު ދަން ވޭތިކޮށްލެއްވީ ހޭފުޅުލައްވައި ހުންނަވައިގެންނެވެ. ގަލަންކޮޅުގެ ތުނޑުން ހިތްޕުޅުގެ ޙާލު ބަޔާންކޮށްދެއްވަމުން ގެންދެވިއެވެ. ފަތިސްވީ އިރު އެމަނިކުފާނުގެ ވަށައިގެން ވަނީ ކުއްޖާއި ބޮޑެތި ކަރުދާހުގެ ފުނިވަރެކެވެ. ލޯބީގެ އެ ސިޓީތައް އުފުލާން އެންމެ ކުޑަ ވެގެން ވެސް ހިމާރެއް ބޭނުންވެއެވެ. އެކަމަކު ސިއްރު ސިޓީ ގެންދެވޭނީ ހަމަ އެކަނި ކޮތަރަށެވެ. މަޖުބޫރުން އެ މަނިކުފާނު ހިތްޕުޅުގެ ހުރިހައި އެތިކޮޅުތައް ފަރުވާތެރިކަމާ އެކު ރައްކާ ކުރެއްވިއެވެ. ދެން ކުރުކުރު ލޯބީގެ ސިޓީއެއް ލިއުއްވިއެވެ.

ހިތާއި ފުރާނައިގެ މީރުކަމަށް،

ހިންދުސްތާނުގެ ތާޖުގެ ޝަރަފަށް،

އިއްޔެ މާ ވިއްކާ ފިހާރައިން ފިނިފެންމަލެއް ނިޤާބެއް ނެތި ފެނުނެވެ. އެ ފިނިފެންމަލުގެ ނަން ލިއުމަކީ މަޞްލަޙަތު ހުރި ކަމެއް ނޫނެވެ. މި ސިޓީ ފަހަރެއް ގައި ދުޝްމަނެއްގެ އަތުގައި ވެސް ޖެހިދާނެއެވެ. ޙާލު ހުރި ގޮތަކީ އެ ފިނިފެންމާ އެއް ފަހަރު ފެނުމުން މިހާރު މި ވަނީ ދެވަނަ ފަހަރު ދުށުމަށް ބޭނުން ވެފައެވެ. މިރޭ ސާދަ ވިލޭރޭގެ ހަނދު ހުންނާނެއެވެ. ޖަމްނާގެ އައްސޭރި އޮންނާނެއެވެ. މެންދަން ވާނެއެވެ. އަޅުގަނޑު ބާރާދަރީގައި އިންތިޒާރު ކުރާނަމެވެ. ކަލާނގެ ރަސްކަންފުޅަށް ޓަކައި ވަޑައިގެން ބައްލަވާށެވެ. ލޯ ފަން ކުއްޖެއްގެ ބުނުން އެއީ ޙަޤީޤަތަކަށް އަޅުގަނޑު ހަދާނަމެވެ.

                                                                                ދުށުމުގެ އެދުމުގައި ވާ

                                                                                ޝިހާބުއްދީން ޚުއްރަމް

އެމަނިކުފާނު ސިޓީ ފަށްޖެއްސެވިއެވެ. އެ އަށް ފަހު ކޮތަރުގެ ފައިގައި ހަރު ކުރެއްވިއެވެ. ދެން ވަރަށް އުންމީދާ އެކު އެ ސިޓީގައި ބޮސްދެއްވައިފައި ކޮތަރު ފަޒާގެ ތެރެއަށް ދޫކޮށްލެއްވިއެވެ. ކޮތަރުކޮށީގައި ތިބެނީ ތަފާތު މިންވަރަށް ތަރުބިއްޔަތު ދެވިފައި ވާ ކޮތަރެވެ. އެއީ ތަފާތު ތަންތަނަށް ސިޓީ ފޮނުވުމުގައި ބޭނުން ހިފޭ ގޮތަށެވެ. ލޯބީގެ ސިޓީ ހިފައިގެން އުދުއްސައިގަތް ކޮތަރަކީ ޔަމީނުއްދައުލާ އާޞިފު ޚާންގެ ގަނޑުވަރާ ހަމައަށް އުދުހުމުގެ ތަރުބިއްޔަތު ދެވިފައި ވާ ކޮތަރެކެވެ.

ޝާހީ ގަނޑުވަރުގެ މަތީބުރީގައި ހަތަރު ފަރާތް ފެންނަ ގޮތަށް ހުންނަ ކޮޓަރީގައި ހުރި ހޯޖާއަކަށް އެ ކޮތަރު ޝެހެޒާދާ ޚުއްރަމްގެ ގަނޑުވަރުން އާޞިފު ޚާންގެ ގެކޮޅާ ދިމާއަށް ދާ ތަން ފެނުނެވެ. އޭނާ އެ ޚަބަރު ލާޑްލީ ބޭގަމަށް އެރުވިއެވެ. ލާޑްލީ ބޭގަމް އެކަމަނާގެ މަންމާފުޅު ނޫރު ޖަހާންގެ އަރިހަށް އެ މައްސަލަ ހުށަހެޅުއްވިއެވެ. ބޮޑުބޭބޭފުޅު އާޞިފު ޚާންގެ އަރިހަށް ކޮތަރަކާ ޙަވާލު ކުރައްވައިފައި ޝެހެޒާދާ އެ ފޮނުއްވީ ކޮން މެސެޖެއް ބާވައެވެ؟ އެ މެސެޖު ފޮނުއްވީ ނަވާބު އާޞިފު ޚާނަށް ބާވައެވެ؟ ނުވަތަ ނަވާބުޒާދީ ޝާހު ބާނޫއަށް ބާވައެވެ؟ އާޞިފު ޚާނަށް ފޮނުއްވި ނަމަ އެ މެސެޖަކީ ސިޔާސީ ސިއްރު ރޭވުމަކަށް ވެސް ވެދާނެއެވެ. ޝާހު ބާނޫ އަށް ފޮނުއްވި ނަމަ ބޮޑުބޭބޭފުޅު އޭނާގެ ދަރިކަނބަލުން އެންގަނޑެއްގެ ގޮތުގައި ވަލީޢަހުދާ ދިމާއަށް އެއްލަވަނީއެވެ!

މި ދެ ގޮތަކީ ވެސް ފިކުރު ބޮޑުވާން ޖެހޭ ދެ ގޮތެވެ. މާތް މަލިކާ ވަރަށް ގިނައިރު ވަންދެން އެ މައްސަލައާ މެދު ފިކުރުފުޅު ކުރައްވަމުން ކޮޓަރިކޮޅުގައި ދެ ކޮޅަށް ހިންގަވާން ހުންނެވިއެވެ. އެއަށްފަހު ތީރުއެޅި އަންހެން ފޯރިވެރިއެއް ގެންނެވިއެވެ. އަދި މަތީ ކޮޓަރީގެ ޓެރަސް މައްޗަށް ދިއުމަށާއި، ޝެހެޒާދާ ޚުއްރަމްގެ ގަނޑުވަރާއި އާޞިފު ޚާންގެ ގެކޮޅާ ދެމެދު ކޮތަރެއް އުދުހޭ ތަން ފެނިއްޖެ ނަމަ ތީރުޖަހައި ވައްޓައިލުމަށް އަމުރުކުރެއްވިއެވެ. ފޯރިވެރިއާ ކޮޓަރީގެ ޓެރަސްމަތީގައި ހުށްޓެވެ. ހެނދުނު ފާއިތުވެ މެންދުރުވެއްޖެއެވެ. ހަވީރުވީ ފަހުން ކޮތަރެއް ފެނިއްޖެއެވެ. އެ ސޮރުގެ މިސްރާބު ހުރި ގޮތުން އެ ސޮރު އެ އަންނަނީ ނަވާބު އާޞިފު ޚާންގެ ގެކޮޅުން ކަމާއި މަންޒިލަކީ ޝެހެޒާދާ ޚުއްރަމްގެ ގަނޑުވަރު ކަން އެނގެއެވެ. ފޯރިވެރިޔާ ދުނިދަނޑީގައި ދުންޏެއް ރުވައިފައި ދޫކޮށްލިއެވެ. އަމާޒު ސީދަލެވެ. ހަމަ އެހެންމެ ޝެހެޒާދާ ޚުއްރަމާއި ޝާހު ބާނޫއާ ދެމެދު ސިޓީބީޓީ ބަދަލު ކުރެވޭ ކަމަށް ލަފާކުރެވުނު ލަފާކުރުން ވެސް ސީދަލެވެ.

މަލިކާ ނޫރު ޖަހާން ލެއިން ކަޅިވެފައި އޮތް ކޮތަރުގެ ފައިގައި ހަރުކޮށްފައި އޮތް ކަރުދާސްގަނޑު ނަންގަވައި ނިއުޅައިލައްވައިފައި ވިދާޅުވިއެވެ. އޭގައި ލިއެފައި އޮތެވެ.

މަތިވެރި މާތް ޝެހެޒާދާއަށް ކަނީޒު ވެދުން ދަންނަވައެވެ. މަނިކުފާނު ފިނިފެންމަލޭ ތިޔަ ވިދާޅުވާ މާ ކުރިއްސުރެން ވަނީ ކަށިތަކުގެ ތެރޭގައި ހައްޔަރުވެފައެވެ. މާތްރަސްކަލާނގެ ރަސްކަންފުޅަށް ޓަކައި އަޅުގަނޑު އިމްތިޙާން ނުކުރައްވާށެވެ. އަޅުގަނޑުގެ ފައިގައި ވަނީ ލަދުވެތިކަމުގެ ހިލިހިލައެވެ. އަދި ބައްޕަގެ ޢިއްޒަތާއި ޝަރަފަށް ވެސް ބަލާންޖެހެއެވެ. މަނިކުފާނުގެ އަރިހުގައި އަޅުގަނޑު ދަންނަވާ އާދޭހަކީ އަޅުގަނޑުގެ މަޖުބޫރީތަކަށް ޚިޔާލުކުރައްވައި، އަޅުގަނޑުގެ އިންތިޒާރުގައި މަނިކުފާނުގެ އަގުހުރި ވަގުތުތައް ބޭކާރު ނުކުރެއްވުމެވެ. އަޅުގަނޑު މަނިކުފާނުގެ އަމުރުފުޅަކާ ދެކޮޅެއް ނުހަދަމެވެ. އަބުރުވެރިކަމުގެ ދާއިރާއިން ދަނޑިވަޅެއް ލިބިއްޖެ ނަމަ، މި ކަނީޒު މަނިކުފާނުގެ ފައިންޕުޅު ދޮށަށް އޭނާގެ ފުރާނަ ޤުރުބާންކޮށްލާނެއެވެ. ...

އެ ސިޓީގައި ލިއުނު މީހާގެ ސޮއެއް ނެތެވެ. މާތް މަލިކާގެ ނިތްކުރިފުޅަށް ރޫއެރިއެވެ. ނަން ނެތް ނަމަވެސް ޢިބާރާތްކޮށްފައިވާ ގޮތުން އެއީ ޝާހު ބާނޫ ލިއުއްވައިފައިވާ އެއްޗެއް ކަން އެނގެއެވެ. ޝާހު ބާނޫ އަކީ ކުށެއް ނެތް، ލަދުވެތި ބޭފުޅެއް ކަން މި ސިޓީން އަންގައި ދެއެވެ. ޝެހެޒާދާ ކޮންމެވެސް ތަނެއްގައި އެކަމަނާއަށް އިންތިޒާރުކުރައްވާން ބޭނުންފުޅުވަނީއެވެ. އެކަމަކު އެކަމަނާ އެމަނިކުފާނާ ބައްދަލުކުރައްވާން ދެކޮޅުހައްދަވައިފައި ވަނީއެވެ.

އެއްވެސް ޝައްކެއް ނެތެވެ. ޝާހު ބާނޫގެ ކުށެއް ނެތެވެ. އެހެން ނަމަވެސް އެކަމަނާގެ އެންމެ ބޮޑު ކުށަކީ، ވަލީ ޢަހުދު އެކަމަނާއާ ހެދި މޮޔަފުޅުވުމެވެ. އަދި އެ މޮޔަފުޅުކަމުގައި މަލިކާގެ ލޯފުޅުގެ އަލިކަން، ލާޑްލީ ބޭގަމް އެއްފަރާތްކޮށް ލެއްވުމެވެ. މިއީ ހަމަ އެކަނި ލާޑްލީ ބޭގަމަށް ލިބިވަޑައިގަތް ތައުހީނެއް ނޫނެވެ. މާތް މަލިކާއަށް ވެސް ލިބިވަޑައިގަތް ތައުހީނެކެވެ. މި ހައި ތަނާ ޖެހެންދެން ވެސް އެކަމަނާ ރާއްވަވައިފައި ވަނީ، އެކަމަނާގެ ދަރިކަނބަލުން ވަލީ ޢަހުދާ ކާވެނިކޮށް ދެއްވައިގެން، އެކަމަނާއަކީ ހިންދުސްތާނުގެ މަލިކާއަށް ހެއްދެވުމަށެވެ. އެކަމަކު ޝެހެޒާދާ އެ ދަރިކަނބަލުންގެ އަގުވައްޓައިލެއްވުމުން، ގަދަކަމުން ކާވެނިކޮށް ދެއްވުމަކީ މަލިކާއަށް ލިބިވަޑައިގަންނަވާ ތައުހީނެކެވެ. މަލިކާ މުޢައްޡިމާގެ ދަރިކަނބަލުންގެ ކާވެނިފުޅަށް މީހުން މަދެއް ނޫނެވެ.

ހަމަ އެ ދުވަހު މަލިކާ ހިތްޕުޅާ ހިތްޕުޅުން ނިންމެވުމެއް ނިންމެވިއެވެ. އެއީ ކުރިއަށް އޮތް ތާނގައި ޝެހެޒާދާ ޚުއްރަމްގެ ބަދަލުގައި ޝެހެޒާދާ ޝެހެރިޔާރު ވަލީ ޢަހުދަކަށް ހެއްދެވުމެވެ. އަދި ޝެހެރިޔާރާއި ލާޑްލީ ބޭގަމްގެ ކާވެނިފުޅުކޮށް ދެއްވުމެވެ. މި ނިންމެވުމާ ހަމައަށް ޢަމަލީ ގޮތުން ވަޑައިގަތުމުގެ ކުރިން، ޝެހެންޝާހް ޖަހާންގީރްގެ އަރިހުގައި، ޝެހެޒާދާ ޚުއްރަމްގެ އަގުވައްޓައިލުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އަދި އެއަށް ވުރެން ވެސް ކުރިން ބޭނުންވާނީ ޝެހެޒާދާ ލޯބީގައި ބޮޑަށް ކަސްތޮޅު އެޅުވުމެވެ. ޅޯބިވެރިޔާގެ ވަކިވުމުން ވޭންލިއްބައި ދިނުމެވެ. ވެރިކަން ކުރަނީ ނަމަ ލޯތްބެއް ނުވެވޭނޭކަމާއި، ލޯބިވެރީންނަކީ ވެރިކަން ކުރުމުގެ ޤާބިލުކަން ހުރި ބައެއް ނޫން ކަން އޭރުން އެނގޭނެއެވެ.

ލޯބީގައި ޖެހިފައިވާ ދީވާނާ ބާދުޝާހެއްގެ މިސާލު މި ވަނީ ކުރިމަތީގައެވެ. ޖަހާންގީރަކީ އެ ފަދަ ލޯބިވެރިއެކެވެ. ޖަހާންގީރް މަލިކާ ނޫރު ޖަހާން ދެކެ ވެވަޑައިގަންނަވާ ލޯބިފުޅު ރައްޔިތުންނަށް ވެސް ވަންހަނާވެފައެއް ނެތެވެ. މެހުރުއްނިސާ ގަނޑުވަރަށް ގެންނަވައި މަލިކާ ނޫރު ޖަހާނަށް ހެއްދެވުމަށް ފަހު އަމިއްލަފުޅު ބުއްދިފުޅާއި ވިސްނުންފުޅު ދޫކޮށްލެއްވިއެވެ. އަބަދު މަލިކާގެ އަތްޕުޅުގެ ތެރެއަށް އަމިއްލަފުޅު ވުޖޫދު ގަންބަވައިލައްވައިފައި ބޭއްވެވިއެވެ. ދީވާނާކަން ހުރި މިންވަރަކީ، އެ ޕަރީއެއް ފަދަ ޖަހާން އާރާގެ ރުހިވަޑައިގަތުމާ ނުލައި ނޭވާފުޅެއް ވެސް ނުލައްވައެވެ.

މަޑުމަޑުން ގޮސް ރަސްކަމުގެ ހުރިހައި އަމުރުތަކާއި ވެރިކަމުގެ ހުރިހައި ބާރުތަކެއް މަލިކާގެ އަތްޕުޅަށް ލިބިވަޑައިގެންފިއެވެ. ލޯބީގައި ހަފުސްވެވަޑައިގެންފައި ވާ ޝެހެންޝާހް ޖަހާންގީރަކީ ހަމައެކަނި ނަމަކަށް ވިއެވެ. ޚުދު ބާދު ޝާހު ސަލާމަތުގެ ބަސްފުޅަކީ ވެސް ތިމަން މަނިކުފާނު ވެރިކަން މަލިކާއަށް ދެއްވައިފީމެވެ. ތިމަން މަނިކުފާނަށް ރާ ގަލަހަކާއި ބައި ސެރު މަސް ފިޔަވައި އެހެން އެއްޗެއް ބޭނުމެއް ނުވެއެވެ.

ލޯބިވެރީން ވެރިކަމަށް އެކަށީގެންނެއް ނުވާ ކަން ވަގުތު ސާބިތުކުރަމުން ގެންދެއެވެ. މަލިކާ މުޢައްޡިމާ ކުޑަދޮރުކޮޅު ކައިރިއަށް ވަޑައިގެން ފެނިވަޑައިގަތުމުން، އަމީރުންނާއި ވަޒީރުން ހާޒިރުވެވަޑައިގެން އަދަބު އަދާކުރައްވައެވެ. ހުރިހައި ބޭފުޅުން އެކަމަނާގެ އަމުރުފުޅުތަކަށް ޢަމަލު ކުރައްވައެވެ. ތަފާތު ސޫބާތަކުގެ އަމީރުންނަށް ފޮނުއްވާ ފަތްކޮޅުތަކުގައި، ބާދު ޝާހުގެ އަނބިކަނބަލުން، މަތިވެރި، މާތް ނޫރު ޖަހާންގެ އަމުރުފުޅުގެ ތައްގަނޑު އޮވެއެވެ. ޝާހީ ސިއްކަފުޅުގެ ކާފިޔާ އެއް ގޮތް ލިއުންކޮޅަކީ، ނޫރު ޖަހާން ގުޝްތެ ބަޙުކުމް އިލާހް، ހަމްދަމޯ ހަމްރާޒް ޖަހާންގީރް ޝާހް (ކަލާނގެ އަމުރުފުޅުގެ މަތިން ހިންގަވާ، އަދި ޝާހް ޖަހާންގީރްގެ އެކުވެރި، ސިއްރުވެރި ނޫރު ޖަހާން) އެވެ.

ޚުޠުބާ ކިޔަނީ ޖަހާންގީރުގެ ނަންފުޅުގައެވެ. އެކަމަކު ފައިސާފޮތީގައި ބިންވަޅު ނަގައިފައިވާ ބައިތުގައި ޖަހާންގީރުގެ ނަންފުޅާ އެކުގައި އަނބިކަނބަލުންގެ ނަންފުޅު ވެސް އޮވެއެވެ. (ސައްތަ ޒޭވަރު އާމްދަނީގެ ވެރި ޝާހް ޖަހާންގީރުގެ އަމުރުފުޅަށް، ބާދުޝާހުގެ ރަން ފަދަ އަނބިކަނބަލުން ނޫރު ޖަހާންގެ ނަންފުޅު ގައި.)

މަލިކާ މުޢައްޡިމާ ތާރީޚުގެ ޢިބްރަތްތެރި ބާބެއް ލިއުއްވަމުން ގެންދަވަނީ އެވެ. އަންހެނުންގެ ބާރު ނުހިނގާ ފިރިހެނުންގެ ދުނިޔޭގައި، އެކަމަނާ، އެކަމަނާގެ ބާރުފުޅު ހިންގަވަނީއެވެ. އެކަމަނާގެ ދުރުވިސްނާވަޑައިގަތުމާއި، އެހެން އަންހެނަކަށް އެއްފަދައެއް ނުވެވޭނެއެވެ. ދުރަށް އަސަރު ފޯރާ ނަތީޖާއަށް އެކަމަނާ ސަމާލުކަން ދެއްވައެވެ. އަމީރުންނާއި ވަޒީރުންނާއި ސޫބާތަކުގެ ވެރީން، މަލިކާގެ އަމުރުފުޅާއި ރަސްގެފާނުގެ ދީވާނާފުޅުކަމާ މެދު، ނުފެންނަ ހިސާބުގައި ނުރުހުންފުޅާ އެކު ވާހަކަފުޅުދައްކަވާ ކަން އެކަމަނާއަށް އެނގިވަޑައިގަނެއެވެ. މި ޙަޤީޤަތަށް ބައްލަވައިފައި، ބައްޕާފުޅެކޭ އެއް ގޮތަށް ޙޫރެއްގެ ލޯބީގައި ހައްޔަރުވެވަޑައިގެންފައި ވާ ޝެހެޒާދާއެއްގެ ރަސްކަން ކުރިއަށް އޮތް ތާނގައި އެ ބޭފުޅުން ގަބޫލެއް ނުކުރައްވާނެއެވެ. އެހެންކަމުން ޝެހެރިޔާރަކީ ވަލީ ޢަހުދަށް ހެދުމަށް ޚުއްރަމް ލޯބީގައި ދީވާނާކުރާން މަޖުބޫރެވެ. މާތް މަލިކާގެ ސިޔާސީ ވިސްނުންފުޅާއި ޙިކްމަތު ޢަމަލީއަކީ މިއީއެވެ.

* * * * *

   

ޝެހެޒާދާ ޚުއްރަމް ހަވީރުވާންދެން ކޮތަރަށް އިންތިޒާރުކުރެއްވިއެވެ. އެ ކޮތަރު މާތް މަލިކާގެ ސިޔާސީ ތީރުގެ އަމާޒުފަތްގަނޑަކަށް ވެއްޖެ ކަމެއް އެމަނިކުފާނަށް އެނގިވަޑައިގެންފައެއް ނެތެވެ. އިރުއޮއްސުމުން، ނަވާބުޒާދީ ޝާހު ބާނޫ އެމަނިކުފާނުގެ ލޯބިފުޅުގެ ޖަވާބުގައި ލޯބިފުޅެއް ނުދެއްވިޔޭ ހިތްޕުޅަށްއަރައި އެމަނިކުފާނު މާޔޫސްވެ ވަޑައިގަތެވެ. އެކަމަކު ޝާހު ބާނޫ އެ މާފަތި ގަބޫލުކުރެއްވިކަން އެ ވަގުތު ހިތްޕުޅަށްއެރިއެވެ. އަދި ޝާހު ބާނޫގެ ހިތްޕުޅުގައި އެމަނިކުފާނުގެ މައްޗަށް ލޯބިފުޅު ފޮރުވިފައިވާ ކަމަށް މާ ވިއްކާ ކަނބުލޭގެ އެރުވި ޔަގީންކަން ވެސް ހަނދުމަފުޅުވިއެވެ. މި ކަންކަން ހަނދުމަފުޅުވުމުން އަނެއްކާ ވެސް ހިތްޕުޅުގައި އުންމީދު ޒުވާންވިއެވެ. ހިތްޕުޅު ދެންނެވިއެވެ. ޝާހު ބާނޫ އެ ވަނީ އެކަމަނާގެ ފިޠުރީ ލަދުވެތިކަމުން މަޖުބޫރުވެ ވަޑައިގެންފައެވެ. ހަމަހިމޭންކަން ޚިޔާރުކުރެއްވީ އެހެން ވެގެންނެވެ. އެކަމަނާ ޖަވާބުފުޅެއް ނުދެއްވީ އެހެން މީހުންނަށް އެނގިދާނެތީ ބިރުފުޅުން ކަމަށް ވެދާނެއެވެ. އެހެންނަމަވެސް ހިތްޕުޅުގެ ޖަޒުބާތު އެކަމަނާ ޖަމުނާގެ އައްސޭރިއަށް ގެންދާނެއެވެ.

އަނެއްކޮޅުން ޝާހް އަރްޖަމަންދު ބާނޫ ބެލްކަނީގެ ތަނބެއްގައި ލެނގިވަޑައިގަންނަވައިގެން އިންނެވިއެވެ. ސާދަ ވިލޭރޭގެ ހަނދު ފުރިހަމަ އަލިކަމާ އެކު ވިދަވިދައި ހުއްޓެވެ. ކުރިފުޅުމަތިން ސަތޭކައެއްހައި ފިޔަވަޅު ދުރުގައި އެހެރީ ބާރާދަރީއެވެ. ޝެހެޒާދާ ޚުއްރަމް އެ ބާރާދަރީ ހޮއްވެވީ ނަވާބު ޒާދީއަށް ގަނޑުވަރުން ނުކުމެ ވަޑައިގަންނަވައިގެން، އެ ކައިރި ދޭތެރެ ގިނިކަންޏާ ވެސް ހުރަސްކޮށްލެއްވޭނޭތީއެވެ. އެކަމަކު އެކަމަނާ ގިނިކަންޏާ އިންނަވައިގެން އެކަމަނާގެ ނިންމެވުމާ މެދު ހިތާމަފުޅުކުރައްވަނީއެވެ. އެ ޝެހެޒާދާއެއްގެ ލޯބި ހިތްޕުޅުގައި ރައްކާކުރައްވައިފައިވާ ޝެހެޒާދާއާ ބައްދަލުކުރެއްވުމުގެ ރަން ފުރުޞަތު އެކަމަނާ ވަނީ ނަންގަވައިލައްވައިފައެވެ. އެކަމަނާގެ ހިތްޕުޅަށްއަރަމުން ދިޔައެވެ. ފެންގަނޑެއް ފަދައިން ހުއްޓިފައި އޮތުމުން މަންޒިލަކަށް ނުފޯރާނެއެވެ. މަންޒިލަށް ދިއުމަށް ޖެހޭނީ ކޯރެއް ފަދައިން ދެމެމުން ދާށެވެ.

(ނުނިމޭ)

މުޙައްމަދު ޝާހިދު ޙަލީމް
މުޙައްމަދު ޝާހިދު ޙަލީމަކީ ދިވެހި އަދަބީ ދުނިޔޭގެ އެންމެ ފުންނާބު އުސް ލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދަބީ ދުނިޔޭގައި ޝާހިދުގެ ކުޅަދާނަކަން ނުފެންނަ ދާއިރާއެއް ނެތެވެ. ތަރުޖަމާ ކުރެއްވުމާއި، ލިޔުއްވުމާއި، ތަމްސީލާއި ޑްރާމާ ކުޅުއްވުމާއި، ޅެން ހެއްދެވުމާއި، އަތުލިޔުމުގެ ދާއިރާގައިވެސް މަޝްހޫރު ބޭފުޅެކެވެ. މިހާރުވެސް ދިވެހިބަހުގެ އެކަޑެމީގެ މެންބަރެއްގެ ގޮތުގައްޔާއި ޔުނިވަރުސިޓީ ލެކްޗަރާރެއްގެ ގޮތުގައި ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ލިޔުއްވުމުގައި އިބާރާތް ކުރެއްވުމުގެ ރީތިކަމާއި، އެތުރުއްވުމުގެ ކުޅަދާނަކަން ފާހަގަ ކުރެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.