ފުލުހުންނަކީ ވަޒީފާއަށްވުރެ ބޮޑަށް ޚިދުމަތުގައި ތިބޭބައެއް: ރައީސް

ފުލުހުންނަކީ ވަޒީފާއަށްވުރެ ބޮޑަށް ރައްޔިތުންގެ ޚިދުމަތުގައިތިބޭ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ފުލުހުންގެ 86 ވަނަ އަހަރީދުވަސްހުގެ ރަސްމީޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ހަމަޖެހިގެން ނިދާލެވެނީ ފުލުހުން ހޭލާ ތިބެގެން ކުރަމުންދާ މަސައްކަތުގެ ސަބަބުން ކަމަށެވެ.

"ފުލުހުންނަކީ ވަޒީފާއެއް އަދާކުރުމަށް ވުރެ ބޮޑަށް ރައްޔިތުންނަށް ޚިދުމަތްކުރުމަށް ތިބޭ ބައެއް. އަޅުގަނޑުމެން ކޮންމެ މީހަކަށް އެމީހެއްގެ ދިރިއުޅުމާއިގެން ކުރިއަށް މިދެވެނީ ފުލުހުން ރެއާއި ދުވާލު ހޭލައި ތިބެ އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭތީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުޖްތަމަޢުގެ އަމާންކަން ފުރިހަމަ ގޮތުގައި ދެމެހެއްޓޭނީ ކުށްކުރުމުން ކުށްވެރިޔާ ހައްޔަރުކުރަން ތިބުމުގެ ބަދަލުގައި ކުށެއް ކުރުމުގެ ކުރިން އެކަންކުރަން އުޅުނު މީހާ ހުއްޓުވައި ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދޭން ފުލުހުން މަސައްކަތް ކޮށްގެން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ މުޢައްސަސާއަށް ދައުލަތުން ބޮޑު އެއްޗެއް ހޭދަ ކުރައްވާ ކަމަށެވެ. އެހެން ކަމުން އެކަމުގެ ނަތިޖާ ވެސް ފެންނަންވާނެ ކަމަށެވެ. ނަތީޖާއަކަށް ވާންވާނީ މުޖުތަމަޢު އާމާންވުން ކަމަށް  ރައީސް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސް ވަނީ ކުރިއަށްއޮތް ފަސްއަހަރަށް އެކުލަވާލައިފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކޮށް ދެއްވައިފައެވެ. އަދި ފުލުހުންގެ ޚިދުމަތުގައި 25 އަހަރު ޚިދުމަތް ކޮށްދެއްވި ބޭފުޅުންނަށް ހަނދާނީ ފިލައާއި ކުލަވެސް ރައީސް މިރޭ ޙަވާލުކޮށް ދެއްވިއެވެ. އަދި ބައެއް ބޭފުޅުންނަށް ވަނީ ޚިދުމަތުގެ ކުލަ ވެސް ޙަވާލުކޮށް ދެއްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.