ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮބަދަލެއް ގެނެވިއްޖެ: ރައީސް

ކުރު މުއްދަތެއްގެ ތެރޭގައި، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިއްޖެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުގެ މަސައްކަތު ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކާ ބެހޭ ގޮތުން މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ސަރުކާރާ ޙަވާލުވެ ވަޑައިގެންނެވީ ވެސް ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ޖުމްލަ 160 ވަޢުދެއް ހިމެނޭކަމަށާއި، އޭގެ ތެރެއިން މިއަދާ ހަމައަށް ގާތްގަނޑަކަށް 83 ޕަސެންޓް ފުރިހަމަ ކުރެވިފައިވާ ކަމުގައެވެ. އަދި ބާކީ ނުފުއްދެވި ހުރި ވަޢުދުތައް ފުއްދެވުމުގެ މަސައްކަތް ވެސް ކަމާގުޅޭ އިދާރާތަކުން މިހާރު ގެންދަވަނީ ކުރައްވަމުންކަމުގައި ވިދާޅުވިއެވެ.

އަސާސީ ޚިދުމަތްތައް ދިނުމުގައި، މާލެއާއި އެހެން ރަށްރަށާ ދެމެދު ހުރި ފަރަގު ނައްތައިލުމުގެ ސިޔާސަތާއި، ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން މިއަހަރުގެ މާރިޗު 1 ވަނަ ދުވަހުން ފެށިގެން ކަރަންޓުގެ އަގު ހެޔޮކުރުމަށް ސަރުކާރުން ނިންމާފައިވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ކަރަންޓުގެ އަގަށް މި ބަދަލު ގެނައުމުން، ރަށްރަށުގެ ގޭބިސީތަކުގެ ކަރަންޓު ބިލުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ. މި ގޮތުން މިސާލަކަށް، ގޭބިސީއަކުން ކަރަންޓު ބިލަށް 2200 ރުފިޔާ ހޭދަކުރާނަމަ، ދެން ދައްކަންޖެހޭނީ ގާތްގަނޑަކަށް 1700 ރުފިޔާ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑީސަލުން ނަގަމުން އަންނަ 5 އިންސައްތައިގެ ޑިއުޓީ ކަނޑައިލުމުން ސަލާމަތްކުރެވޭ މިންވަރު ކަނޑައެޅުމަށް ފަހު، އެ މިންވަރާ އެއްވަރަށް ހުރިހާ ކަރަންޓު ބިލަކުން ފިއުލް ޑިސްކައުންޓެއް ދޭ ގޮތަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުގެ މަސައްކަތުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައެޅި ކަންކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވައިފައެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ދައުލަތުގެ މާލީ ޙާލަތު އެއީ ރައްޔިތުންނަށް އެނގެންޖެހޭނެ ކަމެއްކަމަށާއި އެ ގޮތުން، ދައުލަތުގެ މާލީ ތަފްސީލްތައް، ފިނޭންސް މިނިސްޓްރީން ދަނީ ކޮންމެ ހަފުތާއަކު އެއްފަހަރު ޝާއިޢުކުރައްވަމުން ކަމުގައެވެ. އަދި މިފަދަ ކަންކަމުން ސަރުކާރުން ރައްޔިތުންނަށް އަންގައިދޭން ބޭނުންވަނީ، ސަރުކާރުން ރައްޔިތުންގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރި ނުވާނެކަން ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގެނައުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދުކަން ފާހަގަކުރައްވައި، ކުރީ ސަރުކާރުން މިނިސްޓްރީތަކަށް ނަގާފައި ހުރި، ލޯކަލް ކައުންސިލްތަކުގެ ބާރުތައް މިހާރު އެ ކައުންސިލްތަކަށް އަނބުރާ ދެއްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މި އިޞްލާޙްތަކާއެކު ރާއްޖޭގެ ހިންގުމަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ. ލާމަރުކަޒީ ޤާނޫނަށް އަޅުގަނޑުމެން މި ހުށަހެޅި އިޞްލާޙްތަކުގެ ތެރެއިން، އެންމެ މުހިންމު އެއް ކަމަކީ، މާލީ ބާރުވެރިކަން ކައުންސިލްތަކަށް ދިނުން. ދައުލަތުގެ ބަޖެޓްގެ މަދުވެގެން 5 އިންސައްތަ ކަނޑައަޅާނީ ކައުންސިލްތަކަށް ކަމަށް، މި ބިލްގައި ވާނީ ހިމަނާފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި، 100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން، ސަރުކާރުން ފާހަގަކޮށްލަން ބޭނުންވާ އަނެއް ކަމަކީ، ސަރުކާރުގައި ވަޒީފާ އަދާކުރާ މަންމައަކަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވް، އަދި ބައްޕައަށް 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް މުސާރައާއެކު ލިބޭނެ ގޮތް ސަރުކާރުން ހަމަޖެއްސުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.