އަންހެނުން ސިޔާސީ ގޮތުންނާއި އިޤުތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބާރުވެރި ބަޔަކަށް ނުވެގެން އުޅެނީ ޤާނޫނުތަކެއް ނެތިގެންނޭ ދެންނެވޭކަށް ނެތް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ޓްރާންޕޭރެންސީ މޯލްޑިވްސްއާއި ޔޫއެންޑީޕީ ގުޅިގެން ހޮޓެލް ޖެންގައި ކުރިއަށް ގެންދާ "ސިމްޕޯސިއަމް އޮން ވިމެންސް ޕޮލިޓިކަލް ޕާޓިސިޕޭޝަން" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ ޖެންޑަރ އިކުއަލިޓީގެ ޤާނޫނުގައި ވަކި ފަރާތެއް އިސްތިސްނާ ކުރުމެއް ނެތި، ހުރިހާ ފަރާތެއްގެ ޒިންމާ ވަރަށް ސަރީޙަ ޢިބާރާތުން ބަޔާން ކޮށްފައިވާކަމަށެވެ. އެހެން ނަމަވެސް، ޤާނޫނުގައި ބަޔާންކުރާ ކަންކަން ތަންފީޒު ވެގެންދާ މަންޒަރު، އޭގެ އެންމެ ފުރިހަމަ ގޮތުގައި ފެނިގެން ނުދާ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގައި ސިޔާސީ ގޮތުން އަންހެނުންނަށް ލިބިފައިވާ ކުރިއެރުމަށް ނަޒަރު ހިންގައިލާ އިރު، މާ ހިތްހަމަ ޖެހޭ އުފާވެރި މަންޒަރެއް ފެނިގެން ނުދާ ކަމަށެވެ. ދިވެހިރާއްޖޭގެ އާބާދީގައި އަންހެނުންނާއި ފިރިހެނުންގެ ނިސްބަތް ދާދި އެއް ހަމައެއްގައި އޮތް އިރު، މުހިންމު ނިންމުންތައް ނިންމާ ފެންވަރުގައި އެ ކަން ފެނިގެން ނުދާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ވަކިން ޚާއްޞަ ގޮތެއްގައި އިންތިޚާބީ މަޤާމުތަކުގައި އެ ފަރަޤު ބޮޑުކަމަށާއި ނިމިގެން ދިޔަ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމުލަ 87 ގޮނޑީގެ ތެރެއިން އަންހެނުން އިންތިޚާބުވެފައި ވަނީ އެންމެ 4 ގޮނޑިއަށް ކަމަށް އެކަމަނާ ވިދާޅވިއެވެ. އެއީ ވިސްނައި ފިކުރުކޮށް، ކަންކަން އިޞްލާޙުކުރަން ޖެހިފައިވާކަން އަންގައިދިން ކަމެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އިތުރުން، ކައުންސިލްތަކުގެ އިންތިޚާބުތަކުގައި ވެސް ފެނިގެން ދަނީ މި ފަދަ މަންޒަރެއް ކަމަށް ވިދާޅުވިއެވެ. އަދި މި ކަމަށް އޮތް ޙައްލަކީ އިންތިޚާބީ މަޤާމުތަކަށް ކޯޓާގެ އުސޫލުން އަންހެނުންނަށް ގޮނޑިތަކެއް ކަނޑައެޅުން ކަމަށާއި، އެއީ އެފަރމޭޓިވް އެކްޝަން ނުވަތަ ޕޮސިޓިވް ޑިސްކްރިމިނޭޝަންކަން ބަޔާންކުރައްވައި، މި ޚިޔާލު ކުރިން ވެސް ހާމަކޮށްފައިވާނެ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.
ކުރިއަށް އޮތީ ވެސް ވަރަށް މުހިންމު ދުވަސްތަކެއް ކަމަށާއި، ކައުންސިލްތަކުގެ އިންތިޚާބު ބޯމަތިވެފައިވާ އިރު، އެ އިންތިޚާބުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށްޓަކައި މިހާރުން ފެށިގެން ގިނަ މަސައްކަތްތަކެއް ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ފެންވަރުގައި ގުޅިގެން ކުރަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
Konfadha baaru verikameh anhenunnah nulibigen tho sidhaathaa thiya ulhuvvanee. Dhivehiraajjeyga ekabalunnah furusathu bandhuvefa othee tho? meehaku ajaibeh nuvaane tha alhe?