މަތީ ތަޢުލީމް ބޭރުން ޙާސިލްކޮށްގެން ނޫނީ ހުރިހާ ދާއިރާއަކުން މީހުން ބިނާ ނުކުރެވޭ: ޑރ. އިބްރާހީމް ޙަސަން

ރާއްޖޭގައި މަތީތަޢުލީމުދޭ މަރުކަޒުތައް އުފެދި މަތީ ތަޢުލީމުގެ ފުރުސަތުތައް ފަހިވެގެން ދިޔައީ ވަރަށް ފަހުން ކަމަށާއި އެހެން ކަމުން އަދިވެސް ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ޙާސިލް ނުކޮށް ހުރިހާ ދާއިރާއަކުން މީހުން ބިނާ ނުކުރެވޭނެ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޓީވީއެއްމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

"ރާއްޖޭގައި މަތީ ތަޢުލީމުގެ ފުރުސަތުތައް ފަހިވެ، މަތީ ތަޢުލީމުގެ މަރުޒުތައް ބިނާވެގެން މިދިޔައީ ވަރަށްފަހުން. އެހެންވީމާ އަޅުގަނޑުމެން ރާއްޖެއިން ބޭރުން މަތީތަޢުލީމް ޙާސިލް ކޮށްގެން ނޫންނީ ހުރިހާ ދާއިރާއަކުން އަޅުގަނޑުމެންނަށް އަދިއެއް އެންމެ ރަނގަޅަކަށް މީހުން ބިނާއެއް ނުކުރެވޭނެ. ހުރިހާ ދާއިރާއަކުން އެންމެ ރަނގަޅަށް ޤައުމަށް ޚިދުމަތް ވެސް ނުކޮށްދެވޭނެ،" މިނިސްޓަރ ވިދާޅުވިއެވެ.

އެހެން ކަމުން ރާއްޖެއިން ބޭރުގެ ޤައުމުތަކުން ކިޔެވުމުގެ ފުރުސަތު މީހުންނަށް ސަރުކާރުން ފަހިކޮށްދެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިސަރުކާރުން ގެންދަވަނީ އެމަސައްކަތް ވަރަށް ބޮޑަށް ކުރައްވަމުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޤައުމު ބިނާކުރުމަށް މީހުން ބޭނުންވާ ދާއިރާތަކުން "ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް. މިސަރުކާރުން އެމަސައްކަތް ކުރަމުން މިދަނީ. އޭގެ ހެއްކެއް މި ލޯން ސްކީމް އިޢުލާންކުރި ކުރުމަކީ ވެސް،" މިނިސްޓަރ ވިދާޅުވިއވެ. އޭގެ އިތުރަށް ވެސް ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ މަސައްކަތް ސަރުކާރުން ކޮށްދެއްވަނީ "އެކި ދާއިރާތަކުން މީހުން ބިނާކުރުމުގެ މުހިންމު ކަމުގެ ސަބަބުން،" މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.