ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް ތިނެއް އިންސައްތައަށް ކުޑަކޮށްފި

ފޮޓޯ: މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙްގެ ރިޔާސީ ވަޢުދާއި ގުޅިގެން ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށް ދޭ ލޯނު 3 އިންސައްތަ އަށް ކުޑަކޮށްފައިވާ ކަމަށް ހަޔަރ އެޑިއެކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ. އިންޓްރެސްޓްގެ ގޮތުގައި ސްޓޫޑެންޓް ލޯނުން ކުރިން ނަގަމުން އަައިސްފައިވަނީ ފަހެއް އިންސައްތަ އެވެ. މިނިސްޓަރ ވިދާޅުވީ ދަރިވަރުން އަތުން އިންޓްރެސްޓް ނަަގަނީ ބެންކުން މާނަކުރާ އިންޓްރެސްޓުގެ ގޮތުގައެއް ނޫނެވެ.

"އާއްމުކޮށް މިކަންކުރާ އުސޫލަކީ، ލޯނު މިދެނީ ވަކި ކަހަލަ ކަންތައްތަކަށް. މިސާލަކަށް ޔުނިވަރސިޓީ ފީ، ސްޓައިޕެންޑް، އަލަށް ފުރާ އިރު ޑިޕާޗަރ އެލަވަންސް، އިންޝުއަރެންސް އެލަވެންސް. ލޯނު ނަގާ އަދަދުގެ ޖުމްލަ ޚަރަދު ބަލާފަ، އޭގެ މައްޗަށް އެޑްމިނިސްޓްރޭޓިވް (އިދާރީ) ޗާޖެއް. ކުރީގަ މި ނަގަނީ 5%. ނަގާފަ މި ޓޯޓަލް އެމައުންޓް މި ކަލްކިއުލޭޓް ކުރަނީ. ޕްރިންސިޕަލް ވެލިއު މި ކަލްކިއުލޭޓް ކުރަނީ. ކޮށްފަ އެ އަދަދު މި އޮންނަނީ ވަކި މުއްދަތެއްގެ ތެރޭގައި ދައްކާ ގޮތަށް މި ބަހާލަނީ. ރައީސުލްޖުމްހޫރިއްޔާގެ ވައުދާއި ގުޅިގެން އެ ފަސް ޕަސެންޓު މިހާރު މިވަނީ 3% އަށް ކުޑަކޮށްފަ"، މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރަށް ލޯނު ދައްކާ މުއްދަތު ޖުމްލަގޮތެއްގައި  %25 އިތުރު ކުރައްވަނީ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މިސާލަކަށް 25،000 ރުފިޔާ އާއި ހަމައަށް ލޯނު ނަގާނަމަ ކުރީގަ އެ ލޯނު ދައްކަން ޖެހޭނެ 24 މަސް ދުވަސް ތެރޭގަ. އާ ފޯމިއުލާގެ ދަށުން އެ އަދަދަށް ލޯނު ނަގާފައިވާ ފަރާތްތަކުން ލޯނު ދައްކަންޖެހޭ މުއްދަތު 30 މަސް ދުވަހަށް ބަހާލެވިގެންދާނެ. ބޮޑެތި ލޯނު ދިގު މުއްދަތުގެ ތެރޭގައި ދައްކަންޖެހޭ ފަރާތްތަކަށް ވެސް އެ މުއްދަތު އިތުރުވެގެން ދާނެ. 15 އަހަރުގެ ތެރޭގައި ދައްކާ ގޮތަށް ނަގާފައި ހުރި ލޯނުތައް 20 އަހަރަށް ދިގު ދެމިގެންދާނެ"، މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި އުސޫލުތައް މިއަދު މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއު ކުރެވޭނެ ކަމަށެވެ.

އަލަށް ނަގާ ލޯނުގެ އިންޓްރެސްތް ރޭޓް ކުޑަ ކުރުމުގެ އިތުރުން މިހާރު ލޯނު ދައްކާ ފަރާތްތަކަށް ލޯނު އަނބުރައި ދެއްކުން ތަކުލީފަކަށް ނުވާނެ ގޮތަކަށް މުރާޖައާކޮށް އޮނިގަނޑު އެކުލަވާލެއްވުމުގެ މަސައްކަތުގެ ބޮޑުބައެއް ވެސް މިހާރު ނިމިފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެެވެ. އެގޮތުން ލޯނު ދައްކާ ދަރިވަރުން ލޯނު ދައްކަމުންދާ ޝެޑިއުލްގެ އޮނިގަނޑު އަލުން އެކުލަވައިލެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މި އޮނިގަނޑު އެކުލަވައިލުމުގައި ލޯނު ދައްކާ އެންމެންނަށް ހަމަހަމަކޮށް އިންސާފުވެރިކޮށް ބެހޭނެ ގޮތެެއް ބަލައި އެކި ގިންތިތައް ކަނޑައަޅައި ލޯނު ދައްކަންޖެހޭ މުއްދަތު ފަންސަވިސް އިންސައްތަ އިތުރުކޮށް ދިނުމަށް ވިސްނަވަފައިވާ ކަމަަށް ވިދާޅުވިއެވެ. އެކަމަށްޓަކައި ބެންކާއި މަޝްވަރާކޮށް އެއްބަސްވެވިފައިވަ ކަމަށް ވިދާޅުވިއެވެ. އަދި އިދާރީ ގޮތުން ކުރަންޖެހޭ މަަސައްކަތްތައް ނިންމައި އާއްމުކޮށް އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތަށް އިއުލާން ކުރުމުން އާ އޮނިގަނޑުގެ ތެރެއިން ލޯނު ދެއްކޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ފަރާތްތަކަށް އިންޓްރެސްޓް ކުޑަ ލޯނު ސްކީމެއް ތައާރަފްކޮށް މިހާރު ކިޔަވާ ލޯނު ދައްކަމުންދާ ފަރާތްތަކަށް އަދި ލޯނު އަނބުރައި ދައްކަމުންދާ ފަރާތްތަކަށް ތަކުލީފަކަށް ނުވާނެ ގޮތަކަށް މުރާޖަޢާކޮށް އަލުން އޮނިގަނޑު އެކުލަވައިލެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދް ޞާލިހް ވަނީ ކެންޕޭން ދުވަސްވަރު ވަޢުދުވެ ވަޑައިގެންފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.