މުޣުނީއަށް އެމްޑީޕީން ކުރި ތާއީދު އަނބުރައި ގެންގޮސްފި

 ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގދ. ތިނަދޫ އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ޢަބްދުލް މުޣުނީއަށް އެމްޑީޕީން ކުރި ތާއީދު އަނބުރައި ގެންގޮސްފިއެވެ.

މުޣުނީ އަށް ކުރި ތާއީދު އަނބުރައި ގެންދިޔަކަން ހާމަކުރެއްވީ އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޑެޕިޔުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފެވެ. އަފްޝަން ވިދާޅުވީ  މުޣުނީގެ ކެންޕޭނުގައި ރައީސް މުޙައްމަދު ނަޝީދާއި އެޕާޓީގެ އެހެން ބޭފުޅަކު ވެސް ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށެވެ.

މުޣުނީ އަށް ކުރަމުން އައި ތާއީދު އެމްޑީޕީން އަނބުރައި ގެންދިޔައީ އޭނާގެ ކުރީގެ އަންހެނުންނަށް އަނިޔާ ކުރިކަމަށް ބުނެ ޓުވިޓަރގައި ގިނަބަޔަކު އެވާހަކަ ދައްކާން ފެށުމުންނެވެ. އޭނާގެ އަންހެނުންވެސް ވަނީ ބައެއް ވާހަކަތައް ޓުވިޓަރ ގައި ހިއްސާކޮށްފައެވެ. އަނިޔާކުރަނިކޮށް ފެނުނުކަމަށް ބުނެވެސް ބައެއް މީހުން ޓުވީޓު ކޮށްފައިވެއެވެ.

މުޣުނީގެ ކުރީގެ އަންހެނުން ވަނީ ޕާޓީގެ ޕްރައިމަރީ ބޭއްވުމުގެ ކުރީންވެސް ބައެއް ވާހަކަތައް ޓުވިޓަރ ގައި ހިއްސާކޮށްފައެވެ. އާދީއްތަ ދުވަހުން ފެށިގެން ޓުވިޓަރ ގައި މުޣުނީގެ ވާހަކަތައް ގިނަބަޔަކު ހިއްސާ ކުރަމުންދިޔައިރު ޕާޓީއިން އެފަދަ ކަންތަކަށް ދެނީ ބީރު ކަންފަތެއް ކަމަށް ބުނެ ގިނަބަޔަކު ވަނީ ފާޑުކިޔާފައެވެ. އަދި އެޖެންޑާ ނަވާރަ އަކީ އޮޅުވާލުމެއް ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.

ނަމަވެސް މިއަދުގެ ޕްރެސްގައި އަފްޝަން ވިދާޅުވީ މުޣުނީ އަށް ކުރެވޭ ތުހުމަތަކީ ޕާޓީގެ އަސާސްތަކާ މުޅީން ޚިލާފު ތުހުމަތެއް ކަމަށެވެ. އެހެންކަމުން ދެން ޕާޓީ އިން މުޣުނީއަށް ތާއީދު ނުކުރާނެ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ނިންމުމަށް ކުރީގެ ރައީސް އަދި އެމްއާރްއެމްގެ ރައީސް، ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް ވަނީ ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތު ކުރެވޭ މީހަކަށް އެމްޑީޕީ އިން ކުރަމުން އައި ތާއިދު އަނބުރައި ގެންދިއުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.

ތިނަދޫ އުތުރު ދާއިރާއަށް އެމްއާރްއެމްގެ ފަރާތުން މިހާރުވެސް އެ ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ ވާދާކުރައްވައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.