ޕީއެސްއެމްއިން މަޖިލީސް ބަޙުސް ބާއްވަން ނިންމަވައިފި

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވައިފައިވާ ކެންޑިޑޭޓުންގެ މެދުގައި މިފަހަރުވެސް ބަހުސް ބޭއްވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ނިންމައި ހުރިހާ ކެންޑިޑޭޓުންނަށް ދަޢުވަތު ދެއްވައިފިއެވެ.

ނަވާރަވަނަ މަޖިލީހަށް މެމްބަރުން އިންތިޚާބު ކުރުމަށް ވޯޓުލުން އޮންނާނީ މިއަހަރު އެޕްރީލް 6 ވަނަ ދުވަހު އެވެ. ބަޙުސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މާރިޗު 10 އިން 28 އަށެވެ.

ޕީއެސްއެމް އިން ވިދާޅުވެފައިވަނީ މި ބަހުސާ ބެހޭ މަޢުލޫމާތު މިހާރުވާނީ ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންނާ ޙިއްސާ ކުރައްވާފައި ކަމަށެވެ. "މި ބަޙުސްގައި ބައިވެރިވުމަށްޓަކައި އެއްވެސް ސިޔާސީ ޕާޓީއެއް ތަފާތުކުރުމެއްނެތި އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން ވެސް ހިމެނޭ ގޮތަށް ހުރިހާ ކެންޑިޑޭޓުންނަށް ވަނީ ދަޢުވަތު އެރުވިފައެވެ." ޕީއެސްއެމްއިން ވިދާޅުވެފައިވެއެވެ.

އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ވިޔަފާރި އުސޫލުން ދޫކުރަން ހަމަޖެހިފައިވާ ވަގުތުގެ ތަފްސީލާއި ބަޙުސުގައި ބައިވެރިވުމަށް އެދި ހުށަހަޅަންޖެހޭ ފޯމު ޕީއެސްއެމްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ބަޙުސާ ގުޅޭ އެހެނިހެން މަޢުލޫމާތު ވެސް އެ ސައިޓުގައި ހުންނާނެ ކަމަށް ޕީއެސްއެމްއިން ވަނީ ވިދާޅުވެފައެވެ.

މި އިންތިޚާބުގައި ކޮންމެ ޕާޓީއަކުން ވެސް ބޭނުންވާ ދެ އިވެންޓެއް އެއްވެސް އަގެއް ނެގުމެއްނެތި ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑުން ގެނެސް ދިނުމަށް ހަމަޖައްސައި އެކަން ވެސް ސިޔާސީ ޕާޓީތަކަށް އަންގާފައިވާނެ ކަމަށް ޕީއެސްއެމްއިން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.