އެމްޑީޕީއާއި ޢަދާލަތުން ރޭ އެއްވެސް ކަމެއް ނުނިންމާ: އަފްޝަން

އެމްޑީޕީއާއި ޢަދާލަތު ޕާޓީން ރޭ ބޭއްވި މަޝްވަރާގައި އެއްވެސް ކަމެއް ނިންމާފައި ނުވާ ކަމަށާއި އެއީ ހަމައެކަނި ރައްޔިތުްގެ މަޖިލީހުގެ އިންތިޚާބާ ބެހޭގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ޑެޕިޔުޓީ ސެކްރެޓަރީ ޖެނެރަލް އަދި އެޕާޓީގެ މިފަހަރުގެ އިންތިޚާބާ ބެހޭ ތަރުޖަމާނު އަފްޝަން ލަތީފް ވިދާޅުވީ "ރޭ ކުރެވުނީ މަޖިލިސް އިންތިޚާބާމެދު މަޝްވަރާއެއް. ވަކި ގޮތެއް ނުނިންމާ. އަދި އިތުރު އެއްވެސް ކަމަކަށް ނިންމުމެއް ނިންމާފައެއްނުވޭ،" ކަމަށެވެ.

މިފަދަ ބައްދަލުވުން ކޯލިޝަންގެ އެހެން ޕާޓީތަކާއެކު ވެސް ބާއްވާނެތޯ ދެންނެވުމުން އަފްޝަން ވިދާޅުވީ އަދި ވަކިގޮތެއް ނިމިފައެއް ނުވާ ކަމަށެވެ. އެހެންނަމަވެސް މާދަމާ ބާއްވާ އެމްޑީޕީގެ ޤައުމީ މަޖިލިހަށްފަހު ނިންމާނެ ކަމަށް އޭނާ ވިދާޅިވިއެވެ. "މާދަމާގެ ޤައުމީ މަޖިލިސް ބައްދަލުވުމަށްފަހު ކުރިއަށްދާނެ ގޮތެއް ޕާޓީން ނިންމަވާނީ ވިސްނާފައި،" އޭނާ ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުމާބެހޭ ގޮތުން އެމްޑީޕީން ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ އެއީ ރައްޔިތުންގެ މަޖިލީސް ގޮނޑިތަކާ ބެހޭ ގޮތުން ޢަދާލަތު ޕާޓީއާ އެކު ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

ރޭގެ މަޝްވަރާ ބައްދަލުވުން ބާއްވައިފައިވަނީ އެމްޑީޕީ އޮފީހުގައެވެ. އެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ އެޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދެއެވެ. އެމަނިކުފާނު އަރިހުގައި އެޕާޓީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒާއި، ޗެއާޕާސަން އަލްއުސްތާޛު ޙަސަން ލަތީފާއި އެޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ޢަދާލަތު ޕާޓީގެ ފަރާތުން މި ބައްދަލުވުމުގައި އިސްކޮށް ހުންނެވީ އެޕާޓީގެ ރައީސް، މިސަރުކާރުގެ ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ އެވެ. އެމަނިކުފާނު އަރިހުގައި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.