ސްރީ ލަންކާ ގެ ބޮޑު ވަޒީރު ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރައްވަން ރުހުން ދެއްވައިފި

ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ، ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރެއްވުމަށް މަޖިލީހުގެ މެމްބަރުން ރުހުން ދެއްވައިފިއެވެ. މަޖިލީހުގެ ރިޔާސަތުން މިރޭގެ ޖަލްސާއަށް މިމައްސަލަ ހުށަހަޅުއްވާ ބަހުސްކުރެއްވުމަށް ފުރުޞަތު ހުޅުވާލެއްވިއެވެ.

މިމައްސަލައިގެ ބަހުސްގައި ވާހަކަ ދެއްކެވީ ކޮންމެ ޕާޓީއަކުން އެއް މެމްބަރެވެ. ހުރިހާ މެމްބަރުންވެސް ވާހަކަ ދެއްކެވީ އެމައްސަލައަށް ތާއިދު ކުރައްވައެވެ. މަޖިލިހުގައި ތަޤްރީރު ކުރެއްވުމުގެ ފުރުސަތު ރަނިލް އަށް ދެއްވަން މަޖިލިހުން ފާސްކުރެއްވީ 70 މެމްބަރުންގެ ޢިއްތިފާޤުންނެވެ.

ރިޔާސަތުން. މަޖިލީހުގެ ނާއިބްރައީސް އިވާ ޢަބްދުﷲ ވިދާޅުވި ގޮތުގައި، ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، މަޖިލީހުގައި ތަޤްރީރު ކުރައްވާނީ އަންނަ މަހުގެ ތިންވަނަ ދުވަހު ހެނދުނު އޮންނަ ޖަލްސާގައެވެ. ޤާނޫނުއަސާސީގައި ބުނާގޮތުން ބޭރު ޤައުމެއްހެ ރައީސެއް ނުވަތަ އިސް ވެރިއަކަށް މަޖިލީހުގައި ތަޤްރީރު ކުރެއްވޭނީ މެންބަރުންގެ ރުހުން ލިބިގެންނެވެ.

ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ، ރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދެވަނަ ދުވަހު އެވެ. ސްރީލަންކާގެ ބޮޑު ވަޒީރުގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ސްރީލަންކާގެ ބޮޑު ވަޒީރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.