ސިފައިންގެ ގުރުބާނީން މޯދީ ސިޔާސީ ފައިދާ ނަންގަވަނީ: އިދިކޮޅު ޕާޓީތައް

ސިޔާސީ މަގުސަދު ހާސިލު ކުރެއްވުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ގުރުބާންވެފައިވާ ސިފައިންގެ ބޭނުން ކުރައްވަމުންގެންދަވާކަމުގައި އިންޑިއާގެ 21 ސިޔާސީ ޕާޓީ ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފިއެވެ.

"އަމިއްލަފުޅު ސިޔާސީ މަގުސަދު ހާސިލުކުރުމަށް ޝަހީދު ވެފައިވާ ސިފައިންގެ ނާޖާއިޒު ފައިދާ ވަރަށް ނުބައި ގޮތަކަށް މޯދީ ނަންގަވަމުން އެބަގެންދަވާ." ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބަޔާން ހުށަހަޅުއްވަމުން ކޮންގްރެސްގެ ލީޑަރ ރާހުލް ގާނދީ މޯދީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދެއްކެވިއެވެ. "ގެއްލިފައިވާ ޕައިލެޓާމެދު މުޅިގައުމު ފިކުރުބޮޑުވެގެން އުޅޭއިރު މޯދީ ގެންދަވަނީ ސިޔާސީ ހަރަކާތްތައް ހިންގަވަމުން އެކަންތައްތަކުގައި ބައިވެރިވެވަޑައިގަންނަވަމުން."

ބޮޑުވަޒީރު މޯދީއާއި ބީޖޭޕީގެ ރައީސް އަމިތު ޝާހު ގެންދަވަނީ ހަތިޔާރު އެޅި ސިފައިންގެ ގުރުބާނީ ލަދެއްނެތި ސިޔާސީ އުކުޅުތަކަށް ބޭނުންކުރައްވަމުން ކަމުގައި ވެސް ރާހުލް  ވިދާޅުވިއެވެ.

ރާހުލް ގާނދީ ވިދާޅުވިގޮތުގައި ގައުމަށް ދިމާވެފައިވާ ނުރައްކާތެރި ހާލަތާ ގުޅޭގޮތުން ހުރިހާ ޕާޓީތަކެއް ބައިވެރިވާ ބައްދަލުވުމެއް ވެސް މޯދީގެ ސަރުކާރުން ބާއްވާފައެއްނުވެއެވެ. އެފަދަ ބައްދަލުވުމެއް ބާއްވައި ޕާޓީތަކުގެ ޚިޔާލު ހޯދުމުގެ ބަދަލުގައި މޯދީ ކުރިއަށް ނެރުއްވަނީ އޭނާއާއި ބީޖޭޕީގެ ސިޔާސަތުކަމަށް ވެސް ރާހުލް ގާނދީ ވިދާޅުވިއެވެ.

ޕާކިސްތާނާއި އިންޑިއާ ހަނގުރާމައިގެ ހާލަތަށް ބަދަލުވުމުގެ ޒިއްމާ ނަންގަވަންޖެހެނީ ވެސް މޯދީގެ ސަރުކާރުންކަމަށް އިދިކޮޅު ޕާޓީތަކުން ވަނީ ބުނެފައެވެ.

ކަޝްމީރުގެ ޕުލްވާމާގައި މި މަހުގެ 14 ވަނަ ދުވަހު އިންޑިއާގެ ސިފައިން ދަތުރުކޮށްފައިދިޔަ ބަހަކަށް ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި ސިފައިންގެ 42 މީހުން މަރުވި ހާދިސާއާ ގުޅިގެން ޕާކިސްތާނަށް އިންޑިއާއިން ދިން ވައިގެ ހަމަލާތަކަށް އިދިކޮޅު ޕާޓީތަކުން ވެސް ވަނީ ތާއީދުކޮށްފައެވެ. ނަމަވެސް އެ ހާދިސާއަށް ފަހު ބޮޑުވަޒީރު މޯދީ ޢަސްކަރީކަންތައްތަކުން އަމިއްލަފުޅު ސިޔާސީ ކަންތައްތަކަށް ވަރަށް ބޮޑަށް ނާޖާއިޒު ފައިދާ ނަންގަވަމުންދާކަމަށް ބުނެ އިދިކޮޅު ޕާޓީތަކާއި ޢާއްމު ރައްޔިތުން ވެސް ގެންދަނީ މޯދީއަށާއި ބީޖޭޕީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.