ޕާކިސްތާނުން ވައްޓާލި އިންޑިއާގެ ޖެޓުގެ ޕައިލެޓު ބަޠަލަކަށްވީ ކިހިނެއް؟

އިންޑިއަން އެއާރ ފޯސްގެ ވިންގް ކޮމާންޑަރ އަބީނަންދަން ވަރުތަމާން މިގް 21 ބައިސަން ޖެޓެއްގައި އިންޑިއާއިން ފުރައިގެން ދިޔައީ ޕާކިސްތާނަށް ގެއްލުން ބޮޑު ވަރުގަދަ ހަމަލާތަކެއް ދިނުމަށެވެ.

އިންޑިއާގެ ވައިގެ ސިފައިން ހަމަލާތައް ދިނުމަށް ބޭނުންކުރާ އެންމެ މޮޅު ޖެޓުތަކުގެތެރޭގައި ހިމެނޭ ޖެޓެއްގައި އަބީނަންދަން ވަރުތަމާން ބުދަދުވަހު ދަތުރުކޮށްފައި ދިޔައިރު ޖެޓުގައި އެތައް މިލިއަން ރުފިޔާއެއްގެ އަގުބޮޑު މިސައިލާއި ބޮން ހުއްޓެވެ. އޭނާގެ މަގުސަދަކަށްވެފައި އޮތީ ޕާކިސްތާނުގެ މުހިއްމު ތަންތަނަށް ހަމަލާދީ ފުނޑުފުނޑު ކޮށްލުމެވެ.

ޕާކިސްތާނަށް ހަމަލާދޭނޭ އަމާޒުތަކެއް އަބީނަންދަން ހޯދަމުންދަނިކޮށް އޭނާ ދުއްވާފައިދިޔަ ޖެޓަށް ޕާކިސްތާނުން ހަމަލާދީ ވައްޓައިލިއެވެ. އެ ޖެޓަށް ހަމަލާދީ ވައްޓާލީ ޕާކިސްތާން ވައިގެ ސިފައިންގެ ޒުވާން ޕައިލެޓެއްކަމުގައިވާ ޙަސަން ޞިއްދީޤީއެވެ.

ޖެޓަށް ހަމަލާދިނުމުން އަބީނަންދަން ވައިކުޑައިގައި ފުންމާލުމުން އޭނާ ގުޅައަކަށް ގޮސް ޖެހުނީ ޕާކިސްތާނުގެ ސަރަހައްދަށެވެ.

އެތައް މިލިއަން ޑޮލަރެއްގެ އަގުބޮޑު ހަނގުރާމަމަތީ ޖެޓެއްގައި އެހާ އަގުބޮޑު މިސައިލާއި ބޮމާއެކު އޭނާ އިންޑިއާއިން ފުރުވާލުމުން އެ ހުރިހާ އެއްޗެއް ވެގެންދިޔައީ އަޅިއަށެވެ. އޭނާއަކަށް އޭނާގެ ވާޖިބު ފުރިހަމައެއް ނުކުރެވުނެވެ. ޕާކިސްތާނުގެ ޒުވާނުންތަކެއް އޭނާއަށް ހަމަލާދީ އޭނާގެ ދުވަސް ދުއްވާލަން އުޅެނިކޮށް އޭނާގެ ފުރާނަ ސަލާމަތްކޮށްދިނީ ޕާކިސްތަނުގެ އެއްގަމު  ސިފައިންގެ ދެމީހުންނެވެ.  

އަބީނަންދަން ޕާކިސްތާނު ސިފައިންގެ ބެލުމުގެ ދަށުގައި ހުރި އިރު ޕާކިސްތާނު ސިފައިންގެ އޯގާވެރިކަމާއި ކުޅަދާނަކަމާއި ގާބިލުކަން އޭނާއަށް ވަނީ ފެނިފައެވެ. އޭނާ ވަނީ ޕާކިސްތާނުން މީރު "ޗައި" ބޮއިގެން ޕާކިސްތާނުގެ ސިފައިންނަށް ވަރަށް ބޮޑަށް ތާރީފުކޮށްފައެވެ.

ދެދުވަސް ފަހުން ދެން އިވުނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން އަބީނަންދަން މިނިވަންކޮށް އިންޑިއާއަށް ފޮނުވާލިވާހަކައެވެ.

ވިންގް ކޮމާންޑަރ އަބީނަންދަން ހުކުރުދުވަހުގެ ރޭ އިންޑިއާއަށް ދިއުމުން އޭނާއަށް ގައުމުން މަރުހަބާކީ ބަޠަލެއްގެ ގޮތުގައެވެ.

ޕައިލެޓު އަބީނަންދަންއާމެދު ފަޚުރުވެރިވާކަމުގައި ބޮޑު ވަޒިރު ނަރެންދުރަ މޯދީ އާއި ޑިފެންސް މިނިސްޓަރު ނިރްމަލާ ސިތާރަމަން ވެސް ވަނީ ވިދާޅުވެފައެވެ. އެކަމަކު ސުއާލަކީ އަބީނަންދަން އަށްޓަކައި އިންޑިއާ ފަޚުރުވެރިވާންޖެހެނީ ކީއްވެގެންބާވައެވެ!

ބަޠަލުންނަށް ވަނީ މޮޅުކަންތައް ކުރާމީހުންނެވެ.

އަބީނަންދަން ކުރި މޮޅުކަމަކީ ކޮބައިހެއްޔެވެ؟

އޭނާއަކީ ގައުމަށް ހުތުރުއެރުވި މީހަކަށް ނުވޭބާވައެވެ؟

އޭނާއަށްޓަކައި އިންޑިއާ ފަޚުރުވެރި ވާންވީ ކީއްވެގެންބާވައެވެ؟

އޭނާއަކީ ބަޠަލެއްކަމުގައި އިންޑިއާ މީހުން ދެކެނީ ކީއްވެގެންބާވައެވެ؟

ކުރިއަށް އޮތްތާނގައި އޭނާގެ ކުޅަދާނަކަން ފާހަގަކޮށް އެކި ނަންނަން ކިޔައިގެން ހަނދާނީ އައްޑަންތަކާއި އިނާމުތަކާއި ފިލާތައް ދިނުން އޮންނާނެއެވެ.

އަބީނަންދަން ބުނިގޮތުގައި އޭނާ ހުރީ ޖެޓުދުއްވަންދާހިތުންނެވެ. އެކަމަކު އޭނާއަށް ކުރަމުންދާ ބޭސްފަރުވާއާއި ނަފުސާނީ ފަރުވާގެ ކަންތައް ނިމެން އަދި ދުވަސްކޮޅެއް ނަގާނެއެވެ.

ބައެއް މީހުން ގަބޫލުކުރާގޮތުގައި އަބީނަންދަންއަށް ބަޠަލެއްގެ ދަރަޖަ ދޭންޖެހޭނީ ކުރިއަށް އޮތްތަނުގައި އޭނާގެ ޚިދުމަތް އިންޑިއާގެ ވައިގެ ސިފައިންނަށް ލިބޭ ގޮތެއްގެ މައްޗަށް ބިނާކޮށްގެންނެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.