އެމަނިކުފާނަކީ އެއްގޮތަކަށް ވެސް އިންޑިއާ ދެކޮޅު ބޭފުޅެއް ނޫން ކަމަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވާ ރާއްޖޭގެ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އާފަތިހަށް މަޢުލޫމާތު ދެއްވަމުން ޢުމަރު ވިދާޅުވީ އިންޑިއާއާ ދެކޮޅު ނުވިޔަސް ރާއްޖޭގައި އިންޑިއާ ސިފައިންގެ ލަޝްކަރެއް އޮތުމަކީ އެމަނިކުފާނު ރުހޭ ކަމެއްނޫން ކަމަށެވެ.
"އިންޑިއާއަކީ ޒަމާނުއްސުރެން އަޅުގަނޑުމެންނާ އެންމެ ގާތް އެންމެ ރަޙުމަތްތެރި ޤައުމު. މި ދެ ޤައުމުގެ ރައްޔިތުންނަކީ އެއްބަޔަކު އަނެއްބަޔަކަށް ނުހަނު އިޙުތިރާމްކުރާ އެއްބަޔަކު އަނެއްބަޔަކަށް ހެޔޮއެދޭ ބައެއް. އެހެންނަމަވެސް އަޅުގަނޑު ނުރުހިގެން މިއުޅެނީ އިންޑިއާގެ ސިފައިންގެ ލަޝްކަރެއް ރާއްޖޭގައި އޮންނަ އޮތުމާ. އެކަން އެހެން ވެގެންނުވާނެ. އެކަމާ އަޅުގަނޑު ނުރުހޭނަން،" ޢުމަރު ވިދާޅުވިއެވެ.
ޢުމަރު ވިދާޅުވީ ކޮންމެ ފަދަ އަގެއް ދައްކަން ޖެހުނަސް ދިވެހި ފަސްގަނޑުން އިންޑިއާ ސިފައިން ބާލާނެ ކަމަށެވެ. މި ދިވެހި ފަސްގަނޑު މިހާރުގެ ޖީލާ ހަމައަށް އައިސްފައިވަނީ މި ފަސްގަނޑަށް އުފަން ދިވެހީންގެ ލެއާއި ފުރާނައިން އަގު ދައްކައިގެން ކަމަށްވެސް ވިދާޅުވިއެވެ. އެކަން 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލައާއި އެ ނޫންވެސް ތާރީޚީ އެތައް ޙާދިސާ ތަކުން އެކަން ހާމަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޢުމަރު އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ އިންޑިއާއަކީ ރާއްޖެއާ އެންމެ އެކުވެރި ޤައުމު ކަމަށެވެ. "އެކަމަކު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ޖެހޭނީ ފައިބަން،" ޢުމަރު ވިދާޅުވިއެވެ.
ރާއްޖޭގެ ދެ ސަރަޙައްދެއްގައި އިންޑިއާ ސިފައިން އެބައުޅެއެވެ. އެއީ އައްޑޫ ސިޓީ ގަމާއި، ލ. ކައްދޫގައެވެ. އެމީހުން ރާއްޖޭގައި ތިބެނީ ހެލިކޮޕްޓަރު އޮޕަރޭޓް ކޮށްދިނުމުގެ ނަމުގައެވެ.
.We suppor Umar. He is right