މިފްކޯ އުވާލައި ފެލިވަރު ބަންދުކޮށްގެން ނޫނީ ހައްލެއް ނެތް: ރައީސް ނަޝީދު

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިފްކޯ އުވާލައި ފެލިވަރު ބަންދުކޮށް އަމިއްލަ ފަރާތް ތަކަށް މަސްވެރިކަން ހުޅުވާލުމުން ނޫނީ މަސްވެރިކަމަށް ކުރިމަތިވަމުންދާ މައްސަލަތަކަށް ހައްލެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މމަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ދިނުމަށް، ގޮވާލާ މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރުގެ ބަހުސާ ގުޅޭ ގޮތުން ދެއްކެވި ވާހަކަ ފުޅުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ  މަސްވެރިންނަށް ދިމާވާ މައްސަލަތައއް ހައްލު ކުރުމުގެ ވާހަކަ އަކީ ވަރަށް ޒަމާންވީ ވާހަކެއް ކަމަށެވެ. މަސްވެރިން ބާނާ މަހަށް އެކަށީގެންވާ އަގެއް ލިބޭނެ ގޮތަކަށް މަސްވެރިކަން ރާވާލެވޭނީ ކިހިނަކުން ކުރީމާތޯ ވާހަކަ ދެކެވެމުންދާތާ ވަރަށް ދުވަސް ވެއްޖެކަމަށެވެ. 1970 ގެ އަހަރު ތަކުގައި މަސްދޯނި ފަހަރުގައި އިންޖީނު އެޅުމުގެ ކުރިންވެސް ދިވެހިން މަސް ބާނާ މަސް ކައްކާ ހިއްކައިގެން ބޭރުކުރާތާ 800 އަށް ވުރެ ގިނަ ދުވަސް ވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގެ އިގްތިސާދު މަސްވެރިކަމުގެ މައްޗަށް ބިނާވެފައި އެތައް ޒަމާނެއް ވަންދެން އޮތްކަން ވެސް ފާހަގަ ކުރެއްވިއެވެ.

ރާއްޖެއަށް ބާނާ މަހުގެ 70 އިންސައްތަ ބޭރުކުރަން ޖެހެނީ ޕްރޮސެސް ނުކޮށް ރޯމަހުގެ ގޮތުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތަށް މަސް ބޭރުކުރުމުން އެމަހަށް ހަމައަގު ނުލިބޭކަން ފާހަގަ ކުރެއްވިއެވެ. އެގޮތަށް މަސްބޭރު ކުރުމުން ރަނގަޅު ދުވަހަކު ވެސް ޓަނަކަށް ލިބެނީ12 ސަތޭކަ ޑޮލަރުކަމަށް ވިދާޅުވިއެވެ. ނަމަވެސް ޕްރޮސެސްކޮށްފައި ބޭރުކުރުމުން އެންމެ ގޯސް ދުވަހަކު ވެސް 2500 ޑޮލަރު ޓަނަކަށް ލިބޭކަން ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި ބިނާ ކޮށްފައިވާ މަސްފިނިކުރާ ތަންތަނާއި ކާރުހާނާތައް އަބުދުވެސް ހިންގަނީ ބޮޑެތި ބޮޑެތި ގެއްލުމުގައިކަން މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ. އެއީ ސަރުކާރު ޙިއްސާވާ ކުންފުނިތައްކަމުންވާ ގެއްލުންކަމަށް ފެނިވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ. 2010 ވަނަ އަހަރު އެމަނިކުފާނުގެ ވެރިކަމުގައި އަމިއްލަ ފަރާތްތަކަށް ކަޅުބިލަ މަސް ގަނެ ފޮރޮސެސްކޮށް ބޭރުކުރުމުގެ ހުއްދަ ދިނުމުން، މިހާރު 50 ޓަނު މަސް ޕަރޮސެސްކޮށްފައި އަމިއްލަ ފެކްޓްރތަކުން ބޭރުކުރާކަމަށް ވިދާޅުވިއެވެ. އެމީހުންގެ ފެކްޓްރީތަކަށް ސަބްސިޑީގެ ގޮތުގައި ފިނޭންސް މިނިސްޓްރީން މަހަކު އެއްފަހަރު މިލިއަނުން، މިލިއަނުން ރުފިޔާ ފޮނުވައި ދޭކަށެއް ވެސް ނުޖެހޭކަން ފާހަގަ ކުރެއްވިއެވެ.

"އަބަދުވެސް ފާހަގަ ވެފައި އޮތީ މިފްކޯ ޖެހޭނީ އުވާލަންކަމާއި ފެލިވަރު ޖެހޭނީ ބަންދުކުރަން ކަމާއި އަމިއްލަ މީހުންނަށް ގޭދޮށުގައި މަސް ޕްރޮސެސްކޮށްގެން ވިއްކުނީމާކަން މިކަމުގައި އަޅުގަނޑުމެންނަށް ފައިދާއެއް ލިބެން އޮތީ. އެއި މިދިޔަ 30 އަހަރުގައި  ހަދާފައިވާ ހުރިހާ ދިރާސާއެއް ވަރަށް ސާފުކޮށް ބަޔާންކުރާ ހަގީގތެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.