ގއ. ވިލިގިލީގައި މަރުވެފައި އޮއްވައި މިއަދު ފެނުނު މީހާގެ މަރުގެ މައްސަލައާ ގުޅުގެން އެއްވެސް މީހަކު މިހާތަނަށް ބަންދުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެ މަރުގެ ތުހުމަތުގައި މީހަކު ބަންދުކޮށްފި ކަމަށް ބުނެ މީޑިއާގައި ވާހަކަތަކެއް ފެތުރުމެމުންދާ ކަމަށެވެ. އެހެންނަމަވެސް އެއީ ޙަޤީތެއްނެތް ވާހަކަތަކެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ މަރާބެހޭ ގޮތުން އިތުރު މަޢުލޫމާތު ލިބެމުންދާ މިންވަރަކުން މީޑިއާގައި ޙިއްސާކުރައްވަމުން ގެންދަވާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ވިލިގިލީ އުތުރުކޮޅުގައި ހުރި ހަރުގެއެއްގެ ކައިރިން މިއަދު ހެނދުނު 7:00 ގައި އެމީހާ ފެނިފައިވަނީ ރަށުތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށެވެ. ފެނުނުއިރު ގައިގައި ފިހިފައިހުރި ކަހަލަ ނިޝާންތަކެއް އެމީހާގެ ގައިގައި ހުއްޓެވެ. އެއީ ކަރަންޓުޖެހިގެން ދިމާވިކަމެއްތޯ ނުވަތަ މީހެއްގެ ހަމަލާއަކުން ދިމާވި ކަމެއްތޯ ފުލުހުން ނުނިންމަވައެވެ.
އެމައްސަލަ ތަޙުޤގީގު ކުރުމަށްޓަކައި ފުލުހުންގެ ޓީމެއް މިހާރުވަނީ ވިލިގިއްޔަށް ގޮސްފައެވެ.