ރައީސް މައުމޫނުގެ ބޭސްފަރުވާގެ ކަންކަމަށް އިހުމާލުވުމުން ދަޢުވާކުރަނީ

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް މާފުށީ ޖަލުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނަށް ކުރަންޖެހޭ ބޭސްފަރުވާ އަށް އިހުމާލުވެފައިވާތީ އެކަމަށް އިހުމާލުވި ފަރާތްތަކާ ދެކޮޅަށް ދަޢުވާކޮށްދެއްވުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވުމަށް ނިންމަވައިފިއެވެ.

"އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމުގެ ޞިއްޙީ ޙާލަތާއި ގުޅިގެން މި ކޮމިޝަނަށް ހުށަހެޅި މައްސަލައިގެ ތަހުޤީޤަށް ރިޢާޔަތްކޮށް ދައުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ނިންމައިފި،"އެޗުއާރުސީއެމް އިން ކުރައްވައިފައިވާ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް އެމައްސަލަ ފޮނުވާނެ ދުވަހެއް އެޗްއާރުސީއެމުން ވިދާޅެއް ނުވެއެވެ. އަދި އެމައްސަލާގައި ދަޢުވާކުރައްވަން އެދިފައިވަނީ ކޮންފަރާތަކާ ދެކޮޅަށް ކަމެއް ވެސް އެނގިފައެއް ނުވެއެވެ. ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދާ މީހުންގެ ކަންކަން ޢާއްމުކޮށް ބަލަހައްޓަނީ ކަރެކްޝަނުންނެވެ. އަދި ފުލުހުން ވެސް ބައެއް ފަހަރު ގައިދީންގެ ކަންތަ އުޅެއެވެ.

ހިޔުމަންރައިޓްސް ކޮމިޝަނުން ވިދާޅުވީ އެމައްސަލަ ފޮނުވަން ނިންމިޔަސް އަދި ނުފޮނުވާ ކަމަށެވެ. އެމައްސަލާގައި ދަޢުކުރާ ފަރާތް އެޗުއާރުސީއެމުން ހާމައެއް ނުކުރެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކަން ހާމަނުކުރައްވަނީ ޕީޖީ އޮފީހުން އެމައްސަލަ ދިރާސާ ކުރައްވައި ނިމޭއިރު ދަޢުވާން ކުރަންޖެހޭ ފަރާތް ބަދަލުވުމުގެ ފުރުސަތު އޮތުމުންނެވެ.

ރައީސް މައުމޫން ޖަލުގައި ހުންނެވި ދުވަސްވަރު އެކަށީގެންވާ ބޭސްފަރުވާ އެމަނިކުފާނަށް ނުދެއްވާ ކަމަށް ބުނެ އެމަނިކުފާނުގެ ޢާއިލާއިން އެޗުއާރުސީއެމަށް މައްސަލަ ހުށަހެޅީ އެމަނިކުފާނު ޖަލުގައި ހުންނެވި ދުވަސްވަރުއެވެ. އެމަނިކުފާނަށް އެކަށީގެންވާ ބޭސް ފަރުވާ ނުލިބޭ ކަމަށް ބުނެ ޢާއިލާއިން ވަނީ އެޗުއާރުސީއެމްގެ ސަމާލުކަމަށް އެތައް ފަހަރަކު އެކަން ގެނެސްފައެވެ.

ރައީސް މައުމޫން ހައްޔަރުކޮށް ޖަލުގައި ބަންދު ކޮށްފައި ބެހެއްޓޭ ފެބުރުއަރީ އެކެއްގެ އަމުރަށްފަހު ކުއްލިޙާލަތުގެ އިޢުލާން ކުރެއްވުމަށްފަހުއެވެ. ރައީސް މައުމޫން ވިދާޅުވެފައިވަނީ އެއީ ސީދާ އެމަނިކުފާނު ބަންދު ކުރެއްވުމަށް ކުރެއްވި ކަމެއް ކަމަށެވެ. އެމަނިކުފާނު ބަންދުކުރި މީހުންނާ މެދު ފިޔަވަޅު އަޅުއްވައި ދެއްވުމަސް އެމަނިކުފާނު ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.