ފޭދޫ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތި ލައްވަން އައިބީ ނިންމަވައިފި

މިއަހަރު އެޕްރީލް 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފޭދޫދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވަން އެދާއިރާގެ މިހާރުގެ މެމްނަރު އިބްރާހީމް ދީދީ (އައިބީ) ނިންމަވައި އިލެކްޝަނަށް ފޯމް ހުށަހަޅުއްވައިފިއެވެ.

އައިބީ މިގޮތަށް ނިންމެވީ ޕީޕީއެމްގެ ޓިކެޓް ވެސް އޭނާއަށް ދީފައިވަނިކޮށް ޓިކެޓް ދޫކޮށްލުމަށްފަހުގައެވެ. "އަޅުގަނޑަށް އޮތީ ޕާޓީ ޓިކެޓުވެސް ލިބިފައި. ޕާޓީ ސަޕޯޓުވެސް އެބައޮތް. އެކަމަކު އަޅުގަނޑަކީ އަބަދުވެސް ދާއިރާއަށް އެންމެފައިދާހުރި ގޮތަށް އަދި ދާއިރާގެ ގިނަ މެމްބަރުން އެންމެ ބޭނުންވާ ގޮތަށް މަސައްކަތްކުރަން ބޭނުންވާ މީހެއް،" އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވި ސަބަބާ ބެހޭގޮތުން އައިބީ ވިދާޅުވިއެވެ. އާފަތިހަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ މިހާރުވެސް ޕީޕީއެމްގެ ހުރިހާ މެމްބަރުން ވެސް އޭނާއަށް ތާއިދުކުރާ ކަމަށެވެ.

އައިބީ ވިދާޅުވީ ރާއްޖޭގައި މިހާރުއޮތީ ކޯލިޝަން ސަރުކާރެއް ކަމުން ދާއިރާއަށް އެންމެ ފައިދާބޮޑުވާނީ ކޯލިޝަނުގެ ހުރިހާ ލީޑަރުންނާ ގުޅިގެން މަސައްކަތް ކުރެއްވުން ކަމަށެވެ. "މިހާރު މިއޮތީ ކޯލިޝަން ސަރުކާރެއް. ކޯލިޝަން ސަރުކާރެއްވީމާ ހުރިހާ ލީޑަރުންނާވެސް ގުޅިގެން މަސައްކަތްކޮށްގެން ދާއިރާއަށް އެންމެ ފައިދާވާނީ. ކޯލިޝަން ސަރުކާރުތަކުގައި ރައްޔިތުންގެ މަޖިލީހުގެ ނިންމުންތައް މިދަނީ އެކޯލިޝަނުގެ ލީޑަރުންނާއި އަދި ގިނަ މެމްބަރުން އިއްތިފާގުވާ ގޮތަކަށް. އެގޮތުން ދައުލަތުގެ ބަޖެޓާއި، އެހެން ކަންކަން ވެސް އެގޮތަށްދާނީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދާއިރާގެ ތަރައްޤީއަށްޓަކައި މަޖިލީހުގެ މެޖޯރިޓީ ވަރަށް މުހިންމު ކަމަށެވެ. މަޖިލީހުގެ މެޖޯރިޓީ ނެތް ކަމަށްވާނަމަ ދާއިރާއަށް ބޭނުންވާ ކަންކަން ކުރުމުގައި މަޖިލީހުގައި ވަރަށް ބޮޑަށް ބާކީވާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.

އައިބީ ވިދާޅުވީ މަޖިލިސް މެމްބަރުން ކަމަށްވާނަމަ އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތާ ޚިލާފު ނުވާހާ ހިނދަކު ހުރިހާ ލީޑަރުންނާ ގުޅިގެން މަސައްކަތް ކުރެވެންޖެހޭނެ ކަމަށެވެ. "މެމްބަރުން އުޅެންޖެހޭނީ ވަކި ބައެއްގެ ދިފާޢުގައި ވަކި ކަމެއްގެ ދިފާޢުގައެއްނޫން. ރައީސް ޔާމީންގެ ސަރުކާރުގައި ވެސް އެކަން ކުރެއްވީ އެގޮތަށް. އަޅުގަނޑަށް ރައީސް ޔާމީންގެ ފަރާތުން ލިބިފައިވާ އިރުޝާދަކީވެސް (ރަނގަޅަށް ސަރުކާރު ދާކަމަށްވާނަމަ) މެމްބަރުން ތިއްބަވަންޖެހޭނީ ސަރުކާރާ ދެކޮޅު ނުހަދާ އަދި ސަރުކާރާ ގުޅިގެން މަސައްކަތްކުރާ ރަނގަޅު ބައެއްގެ ގޮތުގައި ކަމަށް،" އައިބީ ވިދާޅުވިއެވެ.

އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވީ މިހުރިހާ ކަމަކަށް ވިސްނަވައިފައި އެންމެ ފަސޭހަ ވެސް ވާނީ އެ ގޮތް ކަމަށް ކަމަށް ފެނިވަޑައިގެންނެވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހަށް ކުރިމަތި ލެއްވިޔަސް އޭނާއަކީ އަދިވެސް ޕީޕީއެމްގެ މެމްބަރެކެވެ.

އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ އަލުން ޕާޓީއަކާ ގުޅިވަޑައިގަންނަވާނެތޯ ދެންނެވުމުން ސީދާ ޖަވާބެއް ނުދެއްވިއެވެ. އޭނާ ވިދާޅުވީ ފާއިތުވި ފަސް އަހަރުވެސް އެހެން މެމްބަރުން ޕާޓީ ބަދަލުކުރެއްވިއިރު އޭނާ ހުންނެވީ ޕާޓީބަދަލު ނުކޮށް ސާބިތުކަންމަތީގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އައިބީގެ މި ނިންމެވުމުގެ ސަބަބުން މަޖިލީހުގެ މަސައްކަތް ކުރުމުގައި ޕީޕީއެމްގެ އަދި އެހެންވެސް ފަރާތެއްގެ ޕްރެޝަރެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ރައްޔިތުންގެ ޙައްޤުގައި ނިންމާ ހުރިހާ ނިންމުމަކަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ އެއްގޮތަށް އަޅުގަނޑަށް މިހާރު މަސައްކަތް ކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. އައިބީ ފޭލް! މަރުހަބާ ނިހާދު! ފޭދޫ ދާއިރާގައި ގިނައީ އެމްޑީޕީ މީހުން. އެމްޑީޕީ މީހުން އައިބީއަކަށް ވޯޓެއް ނުދޭނެ. ޕީޕީއެމް މީހުން އަމިއްލަ ކެންޑިޑޭޓަކަށް ވޯޓުދޭކަށް ބޭނުމެއް ނުވާނެ. ދެން ކިހިނެއް އައިބީ ހޮވެނީ؟ އައިބީ 2014 ގައި ހޮވުނީ އެމްޑީޕީ ވޯޓު ބައިބައިވެގެން. ނިހާދަށް ލިބެންޖެހޭ 400 އަށްވުރެ ގިނަ ވޯޓު ބައިބައިވެގެން ދިޔައީ އިމާދު ސާލިހަށާއި އަލްހާނަށް. މިފަހަރު އެހެނެއް ނުވާނެ. އަމިއްލައަށް އެކަނި ނެގޭނީ ބޯވަ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.