ކެމްޕޭން ޖަގަހައަށް ވަދެ ހައިތަމްގެ ދެމަފިރިންނަށް ހަމަލާދޭން އުޅެފި

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި މައްޗަންގޮޅީ ދެކުނު ދާއިރާއަށް ވާދަކުރައްވާ އަޙުމަދު ހައިތަމްގެ ކެމްޕޭން ޖަގަހައަށް މީހަކު ރޭ ވަދެ  އޭނާއަށާއި އޭނާގެ އަންހެނުންނަށް ޙަމަލާދޭން އުޅެފިއެވެ.

މައްޗަންގޮޅީ ސަހަރާ ކުރިމަތީ ހުންނަ ހައިތަމްގެ ކެމްޕޭން ޖަގަހައަށް އެމީހާ ވަދެ ހައިތަމަށް ވަނީ މަރުގެ އިންޒާރުވެސް ދީފައެއެވެ. މިރޭ އިރާކޮޅު ހިނގި މިޙާދިސާއާ ބެހޭ ގޮތުން މަންޒަރުދުށް މީހަކު ބުނީ އެމީހާ ކެމްޕޭން ޖަގަހައަށްވަދެ ހައިތަމްއަށް އިންޒާރުދީ އޭނާއާއި އޭނާގެ އަންހެނުންނަށް ޙަމަލާދޭން އުޅުނު ސަބަބެއެއް އެނގިފައި ނުވާ ކަމަށެވެ. ޖަގަހައަށް ވަދެ އޭނާވަނީ ބައެއް އެއްޗެހި ވައްޓާލައިފައި ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ހައިތަމްގެ ދެމަފިރިންނަށް ހަމަލާދޭން އުޅުމުން އެތާތިބި ބައެއް މީހުން ވަނީ އެމީހާ ހިފައްޓައިފައެވެ. އެހެންނޫންނަމަށް އެމީހާ ޙަމަލާ ދީނީސް ކަމަށް މަންޒަރުދުށް މީހާ ބުންޏެވެ.  "އޭނާ ފުރަތަމަ އައިސް ވަރަށްހަޑިހުތުރުބަހުން ވާހަކަ ދައްކަންފެށީ. އެގޮތަށް ވާހަކަ ދައްކަން ފެށުމުން އެތާތިބި މީހުންގެތެރެއިން އެކަކު އޭނާ ހުއްޓުވަން އުޅުނު. އުޅުމުން އޭނާ އުޅުނީ އެމީހާއަށް ވެސް ޙަމަލާދޭން. އެކަމަކު އެތާގައި މީހުން ގިނަވުމުގެ ސަބަބުން އެއްވެސް ކަމެއް ނުވި،" އެމީހާ ބުންޏެވެ. އެހެންނަމަވެސް ހައިތަންގެ ދެމަރިންނަށް މަރުގެ އިންޒާރުދީ މާރާމާރީ ހިންގަން އުޅުމުން އެތާ ތިބިމީހުން ވަނީ އޭނާ ހިފަހައްޓައިފައި ކަމަށް ވެސް އެމީހާ ބުންޏެވެ.

މިދިޔަ ހޮނިހިރު ދުވަހުވަނީ އެޖަގަހައިގެ ބިއްލޫރިގަނޑެއްވެސް ތަޅާލައިފައެވެ. އެގޮތަށް ދޭ ޙަމަލާތަކުގެ ސަބަބުން ކެމްޕޭން މަސައްކަތަށް އެއްވެސް ދަތިކަމެއް ހީނަރު ކަމެއް ނާންނާނެ ކަމަށް ހައިތަމްގެ ފަރާތުން ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.