މައުމޫން ފައުންޑޭޝަން، މަތީ ތަޢުލީމުގެ ފުރުޞަތު 4 ދަރިވަރަކަށް ދީފި

maumoon founda

މަތީ ތަޢުލީމް ޙާޞިލްކުރުމުގެ ފުރުޞަތު 4 ދަރިވަރަކަށް މައުމޫން ފައުންޑޭޝަންގެ ފަރާތުން ހަމަޖައްސަވައި ދެއްވައިފިއެވެ.

މިއަދު މައުމޫން ފައުންޑޭޝަންގެ އޮފީހުގައި އޮތް ބައްދަލުވުމެއްގައި އެ 4 ދަރިވަރުންނަށް ސްކޮލަރޝިޕް އާއި ބެހޭ ލިއުން ޙަވާލު ކޮށްދެއްވީ މައުމޫން ފައުންޑޭޝަންގެ ޗެއަރމަން ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމެވެ. އެ ދަރިވަރުންނާއި އެލިއުން ޙަވާލު ކޮށްދެއްވުމަށްފަހު އެދަރިވަރުންނަށް ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ތަހްނިޔާ އަދާކުރައްވައި އެ ދަރިވަރުންނަށް ލިބުނު ފުރުޞަތު ފުރިހަމަގޮތުގައި ބޭނުންކުރުމަށް ނަޞޭހަތްތެރިވެ ވަޑައިގެންނެވި އެވެ. އަދި ކޯސް ފުރިހަމަ ކުރުމަށްފަހު އެނބުރި ރާއްޖެ އައިސް ޤައުމަށް ޚިދުމަތްކުރުމުގައި ދެމިހުރުމަށް އެދިވަޑައިގަތެވެ.

މި ސްކޮލަރޝިޕް ތަކުގައި ދިއުމަށް ހަމަޖެހިފައިވާ ދަރިވަރުންނާއި އެދަރިވަރުން ފުރިހަމަ ކުރުމަށް ހަމަޖެހިފައިވާ ކޯސްތަށް ތިރީގައި އެވަނީއެވެ.

  1. އަޙްމަދު ފަރާޒް ލުޠުފީ ލިލީގަސްދޮށުގެ ސ.ފެދޫ   ބެޗަލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. އަޙްމަދު ރާއިދު ރަހީފް ގ.ވައިޖެހޭގެއާގެ        ބެޗަލަރ އޮފް ކޮމްޕިއުޓަރ އެޕްލިކޭޝަން
  3. ފާޠިމަތު ނާޒިޔާ ޒިޔާދު ގ.ގުރަހާގެ           ބެޗަލަރ އިން ބަޔޯޓެކްނޮލޮޖީ، ބަޔޯކެމިސްޓްރީ، ޖެނެޓިކްސް
  4. ޝަފްނާ ޙުސައިން ޕްލޭޝް ބ.ފެހެންދޫ      ބެޗަލަރ އިން ޖަރނަލިޒަމް، ސައިކޮލޮޖީ، އިންގްލިޝް

މި ސްކޯލަރޝިޕްތައް ހަމަޖައްސަވައި ދެއްވަނީ މައުމޫން ފައުންޑޭޝަންގެ ބޯޑް އޮފް ޓްރަސްޓީޒްގެ މެންބަރު އަދި ބެންގަލޫރުގެ ގާރޑްން ސިޓީ ޓްރަސްޓްގެ ޗެއަރމަން އަދި ބެންގަލޫރުގައި ހުންނަވާ ރާއްޖޭގެ ކޮންސަލް ޑޮކްޓަރ ޖޯސެފް.ވީ.ޖޯޖް ކަމަށްވާތީ އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ޝުކުރު އަދާކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.