ޒާހިރު ނަސީރުގެ ތައުޒިޔާގެ ދަފުތަރުގައި ރައީސް މައުމޫން ސޮއިކުރައްވައިފި

CjXRpOSVEAAwX4A

ރާއްޖޭގެ ކުޅިވަރުދައިރާގައި ފާހަގަކޮށްލެވޭ މުހިންމު ޝަހުސިއްޔަތެއްކަމަށްވާ މުޙަންމަދު ޒާހިރު ނަސީރު (ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިއާ) އަވަހާރަވުމާގުޅިގެން ޔޫތް އެންޑް ސްޕޯޓްސް މިނިސްޓްރީން ހުޅުއްވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ސޮއިކުރައްވައިފިއެވެ.

ފަހަކަށް އައިސް އާލާސްކަންފުޅާ އުޅުއްވި ޒާހިރު އަވަހާރަވީ އިއްޔެރޭ ފަތިހު ވަރަށް ކުއްލިގޮތަށެވެ. ޙާލުބޮޑުވެގެން އެމެޖެންސީގައި ޒާރު އިއްޔެރޭފަތިހު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދިއެވެ. އެހެންނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވަނީ އަވަހާރަވެފައެވެ.
ޒާހިރަކީ ރާއްޖޭގެ ކުޅިވަރުގެދާއިރާގައި ދިގުމުއްދަތެއްގައި ޚިދުމަތްކުރެއްވި ބޭފުޅެއްގެ އިތުރުން ދައުލަތުގެ މުހިންމު މަޤާމުތައް ފުރުއްވި ޢިއްޒަތްތެރިއެކެވެ. އަދި އޭނާއަކީ ދިވެހިނޫސްވެރިކަމަށް ވެސް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އޭނާ ނޫސްވެރިކަމަށް ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކޮށް މިމަހު މީޑިއާ ކައުންސިލުން ވަނީ އޭނާއަށް ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް އަރުވާފައިވެއެވެ.
ޒާހިރުގެ ޚިދުމަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސްކަމުގައި ކުރެއްވި ޚިދުމަތްތަކެވެ. އޭނާއަކީ އެންމެ ގިނަ ދުވަހު ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ކުރެއްވި ބޭފުޅާއެވެ.
ޒާހިރު ނަސީރު އަވަހާރަވިއިރު އުމުރުފުޅަކީ 87 އެވެ.

ޒާހިރުގެ ތައުޒިޔާގެ ދަފުތަރުގައި ސަރުކާރުގެ އިސްބޭފުޅުންނާއި ކުޅިވަރުގެ ދައިރާގައި ފާހަގަކޮށްލެވޭ ބޭފުޅުން ގެންދަވަނީ ސޮއިކުރައްވަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.