ހަދިޔާ: ކަންކަމާމެދު ވިސްނުން

ކަންކަމާމެދު ވިސްނުމަކީ، ރަނގަޅު ކަމެކެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު ތެދުވެ، ބައިގަނޑިއެއްހައިއިރު ލޯމަރާލައިގެން ކަންކަމާ ވިސްނައިލަން ވަގުތުކޮޅެއް ހުސްކޮށްލުން އެއީ ބޭނުންތެރި ކަމެކެވެ. އެ ވަގުތުކޮޅަކީ މެޑިޑޭޓްކުރާ ވަގުތުކޮޅެއް ނޫނެވެ. އަދި ދުޢާކުރުމުގައި އިންނަ ވަގުތެއް ވެސް ނޫނެވެ. ތިމާ ކުރާ ކަންތައްތަކާއި ކުރަންއުޅޭ ކަންތައްތަކާއި އެ ކަންތައްތަކުގެ ނަތީޖާއާމެދު އަމިއްލައަށް ވިސްނައި ފިކުރުކޮށްލުމުގެ ވަގުތުކޮޅެކެވެ. ތިމާ މިހާރު ހުރި ޙާލަތާއި އެ ޙާލަތު ބަދަލުކުރުމަށް ވިސްނާ ގޮތާމެދު، ވިސްނައިލުމުގެ ވަގުތުކޮޅެކެވެ.

އަހަރުމެންނަށް، ވަގުތު މިއީ ލިބެން އޮތް އެއްޗަކަށް ނުވެއެވެ. ހެނދުނު ތެދުވީއްސުރެ ރޭގަނޑު ނިދަންވަންދެން މި އުޅެވެނީ އެކި ކަންކަމުގައެވެ. ކޮން ކަމެއްގައިހެއްޔެވެ؟ އެކި ކަންކަމުގައެވެ. އެހެންވީމާ، އެ ކަންކަމުގެ ތެރެއިން އަމިއްލަ ކަންކަމާމެދު ހަނުއިނދެގެން ވިސްނައިލަން ބައިގަނޑިއެއްހައި އިރު ހުހެއް ނުކުރެވޭނެބާވައެވެ؟ ވިސްނުމަކީ، ރަނގަޅު ކަމެކެވެ. ވިސްނަނީ ވިޔަފާރި ކުރިއަރުވާށެވެ. އައު ކަންތައްތައް ފަށާށެވެ. ނޫނީ އަމިއްލަ ޙަޔާތާމެދުގައެވެ. މި އުޅެވެނީ ހަމަ ރަނގަޅު ދިރިއުޅުމެއްތޯއާ މެދުގައެވެ. ހެޔޮކޮށް ކަންތައްތައް ކޮށްދޭންޖެހޭ މީހުންނާމެދު ހެޔޮކޮށް ކަންތައްތައް ކޮށްދީގެންތޯއާ މެދުގައެވެ. މާތް ﷲ އަންގަވައިފައިވާ ގޮތަށް ދިރިއުޅެވޭތޯއާ މެދުގައެވެ. ނަމާދު އަޅައިފައި ހުރެވޭތޯއާ މެދުގައެވެ. އާޚިރަތުގެ ދާއިމީ ސުވަރުގެ ޙާޞިލްކުރެވޭނެ ފަދަ ގޮތަކަށްތޯއާ މެދުގައެވެ. ދީނުގައި މަނާކުރައްވައިފައިވާ ކަންތައްތައް ކުރެވޭތޯއާ މެދުގައެވެ. އެފަދަ ކަންތައްތައް ނުރަނގަޅު ގޮތުގައި ކުރެވޭނަމަ، އެކަންކަމުން ދުރުހެލިވުމަށް ކުރާނެ ކަންތައްތަކާ މެދުގައެވެ.

ހެނދުނު ކަންކަމާ ވިސްނައިލަން ހުސްވަގުތުކޮޅެއް ހޭދަކުރާ ވާހަކަ ބުނުމުން، އެއީ ބައެއް މީހުންނަށް ހެއްވާ ވާހަކައަކަށް ވެދާނެއެވެ. އެކަމަކު، ތިމާއަށް މި ދަތުރުކުރެވޭ ދިމާއާމެދު ވިސްނައިނުލައި ހުރުމަކީ އަދި މާ ހެއްވާ ކަމެކެވެ.

ކޮންމެ ދުވަހަކު، އެންމެންމެ މި އުޅެނީ އަވަދިނެތިއެވެ. އެގޮތަށް އުޅެ، ދުވަސް ނިމުމުން މިއަދު ކުރެވުނީ ކީއްތޯ ހިސާބުކޮށްލަބަލާށެވެ.

ވިސްނާށެވެ. ވަރަށް ފަރުވާތެރިކަމާއެކު، ވަގުތާއި ހަކަތަ ހޭދަކޮށްގެން މި ކުރެވުނީ ބޭކާރު ކަމެއްކަމުގެ އިޙްސާސް ކުރެވުމަކީ، ނުވިސްނާތީ ވާ ގޮތެވެ. އެހެންވިޔަ ނުދޭށެވެ. ވަގުތަކީ، އަގުބޮޑު އެއްޗެކެވެ. ވަގުތަށް ކަމޭހިތާށެވެ.

ތިމާއަށް އުޅެވޭގޮތާމެދު ރަނގަޅަށް ވިސްނައިފިނަމަ، އިޞްލާޙުކޮށް ރަނގަޅުކުރާނެ އެތައް ކަމެއް ފެނިގެންދާނެއެވެ. އެފަދަ ކަންތައްތައް ހޯދައިލުމަށް، ވިސްނަން ހުސްވަގުތުކޮޅެއް، ހޭދަކޮށްލުމަކީ، ބޭކާރު ކަމެއް ނޫނެވެ. އަދި ހެއްވާ ކަމެއް ވެސް ނުމެ ނޫންމެއެވެ.

މުޙައްމަދު ވަޙީދު - މަޑުލު
މަޑުލު މުޙައްމަދު ވަޙީދަކީ ދިވެހި ލިޔުންތެރިކަމުގެ ދުނިޔޭގައި އެންމެ ވިދާ އެއް ނަމެވެ. ކުރުވާހަކަ ލިޔުއްވުމުގައި އެއްވަނައެވެ. ފާޑުކިޔުމާއި، ސިފަކުރުމުގެ ލިޔުންތަކުގެ މައިދާނުގައި އެންމެ ކުރީގައި އުޅުއްވާ ލިޔުންތެރިއަކީ ވަޙީދެވެ. ކުރު އިބާރާތް ބޭނުން ކުރައްވައިގެން ސާފުކޮށް، ރީތިކޮށް ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.