ހަދިޔާ: ޙަޔާތުގެ އެންމެ އުފައުވެރި ކަންތައްތަކަކީ ކުދިކުދި ސާދާ ކަންތައްތަކަކުން އުފައު ލިބޭ ކަންތައް

އެންމެންނަށް ވެސް އެނގެއެވެ. މި ޒަމާނަކީ، އެއްޗިހި ގިނަގިނައިން ބޭނުންވާ ޒަމާނެކެވެ. ހުރި އެއްޗިހި ގިނަކަމުގެ ވާހަކަދައްކައި އުޅޭ ޒަމާނެކެވެ. އެފަދަ ޒަމާނެއްގައި ކުދިކުދި ކަންތައްތަކުން އުފައުވެރިކަން ހޯދާ ވާހަކަ ދައްކާ އަޑުއިވިފައި ޙައިރާންވެއެވެ. ފަހަރެއްގައި ވެސް މިބުނީ މާއްދިއްޔަތަކީ، ޤަބޫލުކޮށްގެން ވާނޭ ކަމެއް ނޫންކަމުގެ ވާހަކައެއް ނޫނެވެ. މި ބުނަނީ، މީހަކަށް ކޮށްދޭ އިޙްސާންތެރިކަމުގެ ޢަމަލަކުން އުފައު ހޯދާ ވާހަކައެވެ. އަގުބޮޑު، މޮޅު ކާރާއި މޮޅަށް ހަދައިފައި ހުންނަ ގޭގެއަކީ ވެސް ބައެއް މީހުންނަށް ހިތްހަމަޖެހުމާއި އުފައުވެރިކަން ގެނެސްދޭ ކަންތައްތަކެވެ.

އެހައި ދެއްކުންތެރިކަމެއް ނެތަސް، ހިތަށް އުފައުވެރިކަން ގެނެސްދެވިދާނެއެވެ. ފަޤީރަކަށް އެހީވުމަކީ، ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ. ދަތިކޮށް އުޅޭ، ގާތްތިމާގެ މީހަކަށް އެއްޗެއް ފޮނުވައިލުމުން، އޭނާގެ ހިތަށް ވެރިވާނެ ހިތްހަމަޖެހުން އިޙްސާސްކުރަން ދަންނަނަމަ، އެއީ ވަރަށް ބޮޑު އުފަލެކެވެ.

އުޑުމަތި ސާފު ރެއެއްގައި ތަރިތައް ފިޔަޖަހާތަން ބަލައިލުމުން، ހިތަށް ވެރިވަނީ ﷲ ގެ ކުޅަދުންވަންތަވެރިކަމެވެ. ޤުދުރަތުގެ ފުރިހަމަކަމާއި ރީތިކަމުން އުފައު ހޯދަން އެނގޭނަމަ، ޚަރަދެއް ނުކޮށް، ތިމާގެ ފުރާނައަށް އެތައް އުފަލެއް ހޯދައިދެވިދާނެއެވެ.

ބަލިވެ އެކަނިވެރިކަމުގައި އޮންނަ ރައްޓެއްސަކަށް ޒިޔާރަތްކޮށްލުމަކީ، ﷲ ރުހިވޮޑިގަންނަވާނެ ޢަމަލެކެވެ. އެފަދަ ކަމަކަށް ވަގުތުކޮޅެއް ހުސްކޮށްލައި އެ ޒިޔާރަތްކޮށްލުމަކީ، ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނެސްދޭނެ ކަމެކެވެ.

އެފަދަ އޯގާތެރިކަމާއި ހަމްދަރުދީގެ ޢަމަލުތަކުން ލިބޭ އުފައު އެތައް ދުވަހަކު ދެމިހުންނާނެއެވެ. އެފަދަ ކަންކަމުން އުފައު ހޯދަން ދަސްކުރާށެވެ.

މުޙައްމަދު ވަޙީދު - މަޑުލު
މަޑުލު މުޙައްމަދު ވަޙީދަކީ ދިވެހި ލިޔުންތެރިކަމުގެ ދުނިޔޭގައި އެންމެ ވިދާ އެއް ނަމެވެ. ކުރުވާހަކަ ލިޔުއްވުމުގައި އެއްވަނައެވެ. ފާޑުކިޔުމާއި، ސިފަކުރުމުގެ ލިޔުންތަކުގެ މައިދާނުގައި އެންމެ ކުރީގައި އުޅުއްވާ ލިޔުންތެރިއަކީ ވަޙީދެވެ. ކުރު އިބާރާތް ބޭނުން ކުރައްވައިގެން ސާފުކޮށް، ރީތިކޮށް ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.