ރައީސް ލަންކާއަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެންފި

ރައީސް އިބްރާހީމް ރާއްޖެ ވަޑައިގެންނެވުމަށް ލަންކާއިން ފުރާ ވަޑައިގަންނަވަނީ: ފޮޓޯ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ޞާލިޙް ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނަގެ ދަޢުވަތަކަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ސްރީލަންކާގެ 71 ވަނަ މިނިވަން ދުވަހުސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އެރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ރަސްމީގޮތުން މަރުޙަބާ ދެންނެވުން އޮތީ މިއަދު ސްރީލަންކާގެ ޕްރެސިޑެންޝަލް ސެކްރެޓޭރިއޭޓުން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރުޙަބާ ދެންނެވީ ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނަގެ ދެކަނބަލުންނެވެ.

މިދަތުރުފުޅުގައި ވަނީ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. މިމަޝްވަރާތަކުގައި ދެޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން ރައީސް އިބްރާހީމާއި ރައީސް ސިރިސޭނާ ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ސްރީލަންކާގެ ރައީސް އެމަނިކުފާނުގެ ޝަރަފުގައި މިއަދު ބޭއްވެވި މެންދުރުގެ ފަރިއްކޮޅެއްގައިވެސް ބައިވެރިވެ ވަޑައިގެންފައެވެ.

 ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ ދެކަނބަލުން ވަނީ ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހިރައްޔިތުންނާވެސް ބައްދަލުކުރައްވާފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.