މަޖިލީހުގެ ދުސްތޫރީ ބާރުތައް ނެގެހެއްޓުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅުމަށް ފާސްކޮށްފި

ރައްތުންގެ މަޖިލީހުގެ ދޫސްތޫރީ ބާރުތައް ނަގަހައްޓައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމަށް ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރ ޙިސާން ޙުސައިން ހުށަހަޅުއްވައި މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ ތާއީދު ކުރެއްވި މިޤަރާރުގައި، މަޖިލީހުގެ ބާރު ތަކުގެ މައްޗަށް އަރައިގަނެވޭގޮތަށް، ޤާނޫނު އަސާސީއާއި ޚިލާފަށް ސްޕްރީމްކޯޓުން ކޮށްފައިވަނީ ޣައިރު ޤާނޫނީ އަމުރެއްކަމަށްވެސް ވަނީ ކަނޑައަޅުއްވައިފައެވެ. މިޤަރާރު ފާސްކުރައްވައިފައި ވަނީ 68 މެމްބަރުންގެ އަޣްލަބިއްޔުތުންނެވެ. ރައްޔިތުންގެ މަޖިލީހާއި އެމަޖިލީހުގެ ކޮމެޓީގެ މަސައްކަތާ ގުޅޭގޮތުން ސްޕްރީމްކޯޓުން ނެރެފައިވާ އަމުރަކީ މަޖިލީހާއި އަދި އެމަޖިލީހުގެ އެއްވެސް މެމްބަރަކު ބަނދެވޭ އަމުރެއް ނޫންކަމަށް ވެސް ޤަރާރުގައި ކަނޑައަޅައިފައިވެއެވެ.

ސްޕްރީމްކޯޓުގެ އަމުރާ ގުޅިގެން ރިޔާސަތުން ހުށަހެޅި މައްސަލައާ ގުޅިގެން އިތުރު ހުށަހެޅުންތަކެއްވެސް ވަނީ ފާސްކުރައްވައިފައެވެ. އެއީ ސްޕްރީމްކޯޓުން ނެރުނު ދެއަމުރުގެ މައްސަލަ ޖޭއެސްސީން ބަލާ މަޖިލީހަށް ފޮނުވުމަށާއި އަދި އެމައްސަލަ ބެލި ފަނޑިޔާރުންގެ ފަނޑިޔާރުކަމުގެ ޝަރުތު ހަމަވޭތޯ ބަލާ ގޮތެއް ނިންމުމަށްފަހު މަޖިލީހަށް ފޮނުވުމަށެވެ. އަދި ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ކޮރަޕްޝަން މައްސަލައެއް ހުށަހެޅިފައިވާނަމަ ލަސްނުކޮށް ޖޭއެސްސީ އިން އެމައްސަލަ ބެލުމަށް މަޖިލީހުން މިއަދު ވަނީ ފާސްކުރައްވައިފައެވެ.  

"ޢަދުލު އިންސާފު ޤާއިމު ކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެ އިސް އިސްތިޢުނާފީ ކޯޓްގެ ޙައިޞިއްޔަތުން ސްޕްރީމްކޯޓަށް ޤާނޫނު އަސާސީން ލިބިދީފައިވާ ބާރުތަކަށް ރައްޔިތުންގެ މަޖިލީހުން އިޙްތިރާމްކުރާ ހިނދު ، އެބާރުތަކުގެ އިމުގެ ތެރޭގައި ދެމިއޮތުމަށް ސްޕްރީމްކޯޓަށް އިރުޝާދުދިނުމަށާއި، އެ ބާރުތަކުގެ އިމުން ބޭރުވެ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އެއްވެސް ބާރަކަށް އަރައިގަނެ މަޖިލީހުގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ ރައްޔިތުންގެ ފަރާތުން ބަސްބުނާ މަޖިލީހުގެ ބާރުތަކާއި އެމަޖިލީހުގެ ދުސްތޫރީ ބާރުތައް ނެގެހެއްޓުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް މި މަޖިލީސް އިޤްރާރުވަމެވެ." މަޖިލީހުން ފާސްކުރި ޤަރާރު ނިންމާލަމުން ބުނެފައި ވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.