އަޅުގަނޑު ތާއީދު ކުރާނީ އެމްޑީޕީ ބަލިކުރެވޭނެ ކެންޑިޑޭޓުންނަށް: ޢުމަރު

އެޕްރީލް 6 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެކިދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޢުމަރު ނަސީރު ތާއީދު ކުރައްވާނީ އެމްޑީޕީގެ ކެންޑިޑޭޓު ބަލިކުރުމުގެ ފުރުސަތު އެންމެބޮޑު ކެންޑިޑޭޓަށް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޢުމަރު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓު ބަލި ކުރެވޭނެ ކެންޑިޑޭޓުން އެނގޭނީ ދާއިރާތަކަށް ކުރިމަތިލައްވައިފައިވާ އެހެން ކެންޑިޑޭޓުން ދިރާސާ ކުރުމަށްފަހު ކަމަށެވެ.

އެމްޑީޕީ ބަލި ކުރެވޭނެ ފުރުސަތު އެންމެބޮޑު ކެންޑިޑޭޓަށް ތާއިދު ކުރައްވަން ޢުމަރު ނިންމެވީ އެމްޑީޕީން ދައްކަމުންދާ ދީނާއި ޤައުމިއްޔަތާ ފުށުއަރާ ވާހަކަތަކުގެސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޑީޕީން ވަރަށް ސާފުކޮށް ބުނަމުން އެގެންދަނީ އެހެން ޤައުމިއްޔަތެއް ގެންނަ ވާހަކަ. އެހެން ޤައުމިއްޔަތަކީ ކޮބައިތޯ ބަލާލާ އިރުގައި ރައީސް ނަޝީދުގެ ވެރިކަމަށް ނަޒުރު ހިންގާލާއިރު ވަރަށް ސާފުކޮށް އެބަ އެނގޭ އެބުނަނީ ކޮން ޤައުމިއްޔަތެއްގެ ވާހަކަކަން،" ޢުމަރު ވިދާޅުވިއެވެ.

އެ ޤައުމިއްޔަތުގައި ހިމެނޭ ފުރަތަމަ ކަމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ހުއްދަ ކުރުމަށް ރައީސް ނަޝީދު ކުރެއްވި މަސައްކަތް ކަމަށް ޢުމަރު ވިދާޅުވިއެވެ. އެފަހަރު އެކަން ނުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަށް ހުއްދަ ނުދިނުމަށްޓަކައި އެމްޑީޕީ ކެންޑިޑޭޓު ބަލި ކުރަންޖެހޭ ކަމަށް ޢުމަރު ވިދާޅުވިއެވެ.

"އަނެއްކަމަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ދެހާސް ދިހަވަނައަހަރު ރައީސް ނަޝީދު ފުރުސަތު ދެއްވުން. ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ބޭސްއެއް ހެދުމަށް ރައީސް ނަޝީދަށް އިންޑިއާއަށް ފުރުސަތު ނުދެވުނީ ވެސް މަޖިލީހުގެ މެޖޯރިޓީ ނެތީމައި. މިފަހަރު މަޖިލިސް މެޖޯރިޓީ ލިބިއްޖެއްޔާ އިންޑިއާއަށް ފުރުސަތުދޭނެ މިލިޓަރީ ބޭސް ހަދަން. އެހެންވީމާ އިންޑިއާގެ މިލިޓަރީ ބޭސް އެއް ރާއްޖޭގައި ހަދައި އައްޑޫ ރައްޔިތުންގެ އިޤްތިސާދު އެއްކޮށް ފުނޑުފުނޑުވެ އެމީހުންނަކީ ހެދިބިލެތް އިންޑިއާ މީހުންނަށް ވިއްކާ މީހުން ކަމަށް ބަދަލުވިޔަ ނުދިނުމަށްޓަކައި އެމްޑީޕީ ކެންޑިޑޭޓު ނޫން އަނެއް ކެންޑިޑޭޓު ނަގަން މިޖެހެނީ،" ޢުމަރު ވިދާޅުވިއެވެ.

ޢުމަރު މިހެން ވިދާޅުވިޔަސް ރާއްޖޭގެ މިވަގުތު ރައީސުލްޖުމްހޫރިއްޔާއަކީ އިބްރާހީމް މުޙައްމަދު ޞާލިޙު ކަމަށާއި އެހެން ކަމުން ރައީސް ނަޝީދަށް ރާއްޖޭގެ ކަންކަން ނުނިންމެވޭނެ ނޫންހޭ ދެންނެވުމުން ޢުމަރު ވިދާޅުވީ ރައީސް އިބްރާހީމް ހުންނެވީ ރައީސް ނަޝީދާ އެކުގައި ކަމަށެވެ.

"ވެރިއަކަށް ހުންނެވީ އިބްރާހީމް މުޙައްމަދު ޞާލިޙު. އެކަމަކު އެމަނިކުފާނު ހުންނެވީ ރައީސް ނަޝީދާއެކުގައިކަން ވަރަށް ސާފު. އަޅުގަނޑު ހީކުރީ އެމަނިކުފާނު ހުންނަވާނީ ކޯލިޝަނާއެކުކަމަށް. އެކަމަކު އެގޮތަށް ނޫން މަންޒަރު ފެންނަނީ. މިފެންނަނީ ހަމައެކަނި އެމްޑީޕީ ކެންޑިޑޭޓުން ހޮވަން އެމަނިކުފާނު މަސައްކަތް ކުރައްވާތަން. އެހެން ވީމާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް ނަޝީދު މިގުނާލެވޭނީ އެއްކޮށް އެއްބައެއްގެ ގޮތުގައި،" ޢުމަރު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.