ނިސްބަތްވާ ޖިންސެއްގެ ސަބަބުން ކުރަން ބޭނުންވާ މަސައްކަތެއް ކުރުން ހުރަހަކަށް ވެގެން ނުވާނެ: އެމް.ޑީ.ޕީ

ފޮޓޯ: އެމް.ޑީ.ޕީ

އިންސާނަކު ނިސްބަތްވާ ޖިންސެއްގެ ސަބަބުން އެ މީހަކު ކުރަން ބޭނުންވާ މަސައްކަތެއް ކުރުން އޭނާއަށް ހުރަހަކަށް ވެގެން ނުވާނެ ކަމަށް އެމް.ޑީ.ޕީ އިން ބުނެފިއެވެ. ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރުމާ ގުޅޭގޮތުން އެ ޕާޓީ އިން މިއަދު ނެރުނު ބަޔާނުގައި ބުނި ގޮތުގައި އެއީ ޕާޓީް ގަބޫލުކުރާ އެންމެ އަސާސީ އެއް އުޞޫލެވެ.

އެ ބަޔާނުގައި ހާމަކުރައްވާފައިވާ ގޮތުގައި ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ހިއްސާކުރަނީ އަންހެނުންނެވެ. އެހެންކަމުން އާބާދީގެ ދެބައިކުޅަ އެއްބައި ބާކީކޮށްފައި ގައުމު ބިނާކުރެވިދާނެކަމަކަށް އެ ޕާޓީއިން ގަބޫލެއް ނުކުރެއެވެ. އޭގެ އިތުރުން އިގްތިސާދީ ކަންކަމުގެ އިތުރުން އިޖްތިމާއީ އެންމެހައި ކަންކަމުގައި ވެސް ބަސްބުނެ ގޮތް ނިންމުމުގެ ބާރު ފިރިހެނުންނެކޭ އެއްފަދައިން އަންހެންނުނަށް ލިބިދޭންޖެހޭ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ޑރ. އަޒްމިރަލްދާ ޒާހިރް އާއި އަލްއުސްތާޒާ ޢާއިޝާ ޝުޖޫން ގެ ނަންފުޅު މިދިޔަ ހަފްތާގައި ޖޭ.އެސް.ސީ އަށް ފޮނުއްވާފައެވެ. އެކަމާ ގުޅޭ ގޮތުން އުފެދިފައިވާ ޚިލާފާ ބެހޭ ގޮތުން ވެސް އެ ބަޔާނުގައި އަލިއަޅުވާފައިވެއެވެ. އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި އިސްލާމްދީނުގެ އަސާސަކާ އެކަން ޚިލާފުވާކަމަކަށް އެ ޕާޓީ އަކުން ނުދެކެއެވެ.

"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަށް ރިޢާޔަތް ކުރާއިރު ފަނޑިޔާރުކަމުގެ މަޤާމަށް އަންހެން ބޭފުޅަކު ޢައްޔަން ކުރުމަކީ ޤާނޫނުއަސާސީއާއި ރާއްޖޭގައި ޢަމަލުކުރަމުން އަންނަ އެއްވެސް ޤާނޫނަކާ ޚިލާފު ކަމެއް ނޫނެވެ. އަދި ހަމަ އެހެންމެ، އިސްލާމް ދީނުގެ އެއްވެސް އަސާސަކާވެސް ޚިލާފު ކަމެއް ކަމުގައެއް މިޕާޓީއަކުން ނުދެކެމެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ މައުޟޫއަށް ކުރެވިފަިއވާ ބައެއް ދިރާސާތަކާއި ބައިނަލްއަގުވާމީ ގިނަ އިސްލާމީ ޖަމިއްޔާތަކުގެ ރައުޔުތަކަށް ހަވާލާދީ، ކޯޓުތަކުގައި ޝަރީއަތް ކުރުމަށް އަންހެން ޖިންސުގެ ފަނޑިޔާރުން ތިބުމަކީ އިސްލާމް ދީނުގެ އެއްވެސް އަސްލަކާ ޚިލާފު ކަމެއް ނޫންކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

"މިމައުޟޫޢުގައި ކޮށްފައިވާ ގިނަ ދިރާސާތަކާއި، ބައިނަލް އަޤްވާމީ ގިނަ އިސްލާމީ ޖަމްޢިއްޔާތަކުން މިކަމުގައި ދެކޭ ގޮތަށް ބަލާއިރު، ކޯޓުތަކުގައި ޝަރީޢަތް ކުރުމަށް އަންހެން ޖިންސުގެ ފަނޑިޔާރުން ތިބުމަކީ އެޖަމްޢިއްޔާތަކުގެ ރައުޔުގައި އިސްލާމް ދީނުގެ އެއްވެސް އަސްލަކާ ޚިލާފު ކަމެއް ނޫނެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ.

މިނިވަން ޑިމޮކްރެޓިކް އިސްލާމީ ގައުމުތަކުގައި އަންހެނުން ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާތާ އަހަރުތަކެއް ވެފައިވާ ކަން ފާހަގަކޮށް، އިންޑޮނޭޝިއާ، ސައޫދީ އަރަބިއާ ހިމެނޭގޮތުން މެދު އިރުމަތީގެ ގިނަ ގައުމުތަކުގައި އަންހެން ފަނޑިޔާރުން ޝަރީއަތް ކުރަމުން އަންނަކަން ފާހަގަކޮށްފައިވެއެވެ.

ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙްގެ ނިންމެވުމަށް އެ ޕާޓީ އިން ޝުކުރު އަދާކޮށްފައިވެއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. އަންހެނަކު މަގާމަކަށް ލާންއުޅެފިތަ، ބައެއް މީހުންގެ ނިކަން ވާހަކަ ގިނަވާނެ. ފިރިހެނަކު ހަމަ އެކަގާމުގައި އިދެގެން އޮރިޔާން ފިލްމުކުޅެ، ފާހިޝް އަމަލުތައް ހިންގާ، ރިޝްވަތުހިފާ، ޒިނޭކޮށް، ކަޑައެޅިގެން ހަރާމް އެތެއް ކަމެއްކޮށް ފަޑިޔާރެއް ހުރުން ލާޒިމް ޝަރުތުތަކުން ބޭރުވިޔަސް ހަމަ އެއްކަލަ ގްރުޕު ތިބޭނީ މަޑުމަޑުން. ބުނާއެއްވެސް އެއްޗެއް އިގޭ ކަމަކަށް ނުވާނެ. ދިނާ ފުށުއަރާ ކަމަކަށްވެސް ނުވާނެ. މިއީ ދެން އަޅެ ކޮންފަދަ ކަމެއް؟

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.