އެޑިޓަރުގެ ގޮނޑި

ގޮނޑީގެ އެދުން ނޯންނަނީ ކާކުގެ ހިތުގައ ިހެއްޔެވެ؟ ގޮނޑީގެ ކުޅިގަނޑުގައި ޖެހުނީމާ މީހުން އެހެން ހުރިހައި ކަމެއްގެ މަތިން ހަނދާންނައްތައިލައެވެ. އެންމެ ފަހުން ގޮސް ތިމާގެ ހައިސިއްޔަތުގެ މަތިން ވެސް ހަނދާންނެތިދެއެވެ. އެންމެން އިށީންނަ ހިތުން އެ އުޅޭ ގޮނޑިއަކީ ހަޤީޤަތުގައި އެހައި އަގުބޮޑު ގޮނޑިއެއް ވެސް ނޫނެވެ. ދޮޅަހަކަށް ރުފިޔާއަށް ލިބޭ ގޮނޑި ވެސް ބާޒާރުގައި ހުރެއެވެ. ފަންސާސް ރުފިޔާއަށް ނުވަތަ ފަސްހާސް ރުފިޔާއަށް ވިއްކާ ގޮނޑި ވެސް ހުރެއެވެ. އެކަމަކު މިހާރު މިދައްކަނީ އާދައިގެ ގޮނޑިއެއްގެ ވާހަކައެއް ނޫނެވެ. މި ދައްކަނީ އެޑިޓަރުގެ ގޮނޑީގެ ވާހަކައެވެ.

އެޑިޓަރުގެ ގޮނޑިއަކީ ވެސް އަޖާއިބެއް ކަހަލަ ގޮނޑިއެކެވެ. އެއީ އެނބުރޭ ގޮނޑިއެކެވެ. ދުވާ ގޮނޑިއެކެވެ. ބުނެވޭ ގޮތުގައި އެއީ ޚާއްޞަ ބަރަކާތެއް ވެސް ލައްވާފައިވާ ގޮނޑިއެެކެވެ.

މިހާރަކަށް އައިސް ވަރަށް ގިނަ ވައްތަރުގެ ގޮނޑި ބާޒާރުގައި ވިއްކަން ހުރެއެވެ. އެ ގޮނޑިތައް ބާޒާރުގައި ހުންނަ އިރު އެއްވެސް ކަހަލަ އާދަޔާ ޚިލާފު ކަމެއް ފާހަގައެއް ނުކުރެވެއެވެ. އެއީ ހަމަ އާދައިގެ ގޮނޑިއެވެ. އެހެންނަމަވެސް އެ ގޮނޑި ގެނެސް އެޑިޓަރުގެ ކޮޓަރިއަށް ވެއްދުމާއެކު އެ ގޮނޑީގެ އަގު ވަރަށް ބޮޑުވެގެން ހިނގައިދެއެވެ. އެ ގޮނޑީގައި އިށީންނަ މީހަކީ އެޑިޓަރެވެ. އެއީ ދުވަހުނޫހެއްގެ އެޑިޓަރެއް ކަމަށް ވިޔަސް ނުވަތަ ހަފުތާ ނޫހެއްގެ އެޑިޓަރެއް ކަމުގައި ވިޔަސް އެ ގޮނޑީގައި އިށީނުމާއެކު ވަރަށް މުހިއްމު މީހަކަށް ވެގެން ހިނގައިދެއެވެ. ކުރުކޮށް ބުނާނަމަ އެ ގޮނޑީގައި އިށީނުމުގެ ފުރުސަތު ނުލިބޭ އިރު އޭނާއަކީ އެއްވެސް މީހެއް ނޫނެވެ. އޭނާގެ އެއްވެސް ހައިސިއްޔަތެއް ނެތެވެ. އެހެންނަމަވެސް އެ ގޮނޑީގައި އިށީނުމާއެކު އޭނާއަށް އެޑިޓަރޭ ކިޔަން ފަށައެވެ. އޭނާއަށް އެހައި މޮޅު ނަމެއް ކިޔަން ފަށަނީ ގޮނޑިއެއްގެ ސަބަބުންނެވެ. އެއީ މީހާއަށް ލިބިފައިވާ ޢިލްމެއްގެ ސަބަބުން ނުވަތަ ޙިލްމެއްގެ ސަބަބުން ކިޔާ ނަމެއް ނޫނެވެ.

މިހާރު ދައްކަމުން މި ދާ ވާހަކައަކީ އެޑިޓަރުގެ ގޮނޑީގައި އިށީންނަ މީހާގެ ވާހަކަ އެވެ. އެޑިޓަރުގެ ގޮނޑީގައ ިއިށީނުމުގެ ކުރިން އޭނާ ކުރީ ކޮން ކަމެއްތޯ ބެލުމުގެ މާނައެއް ނެތެވެ. އެއީ މަޖޫރީއެއްތޯ ނުވަތަ ސަލާންޖަހާ މީހެއްތޯ ބެލުމުގެ ބޭނުމެއް ނެތެވެ. އަދި އޭނާ އެ ގޮނޑިއާ ހަމައަށް އައީ ކިހިނެއްތޯ ބެލުމަކީ ވެސް ކުރަންޖެހޭ ކަމެއް ނޫނެވެ.

ކިޔަވައިގެން ހުރި ރަޙްމަތްތެރިއަކު އޭނާއަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން އެހެން މަސައްކަތެއް ކުރުމާ ބެހޭ ގޮތުން އަހަރެންނާ މަޝްވަރާކުރިއެވެ. އެކި ކަހަލަ މަޝްވަރާދިނުމަށް ފަހު ލިއުމުގެ ތެރެއަށް ނުވަންނާން އަހަރެން ނަސޭހަތްތެރިވީމެވެ. އެހެންނަމަވެސް ޝައުޤުވެރިކަމަކީ ވެސް ބާވަތެއްގެ ބައްޔެއް ވިއްޔާ އެވެ. އޭނާ ވެސް ކުރު ވާހަކައެއް ލިޔެފިއެވެ. ވާހަކަ ލިޔެ ނިންމުމަށްފަހު އަނެއްކާ ވެސް އަހަރެންނާ މަޝްވަރާކުރަން އަތުވެއްޖެއެވެ. އޭނާ ބޭނުންވީ ކޮންމެވެސް މަޖައްލާއެއްގައި އެ ވާހަކަ ޝާއިޢުކުރާށެވެ. އެ ހިސާބަށް ކަންތައް ދިޔައީމާ އޭނާގެ މަސައްކަތަށް ހުރަސްއެޅުމަކީ ރަނގަޅު ކަމެއްކަމަކަށް އަހަރެންނަކަށް ނުފެނުނެވެ. މައިގަނޑު ސަބަބަކީ އަހަރެންގެ ފުރަތަމަ މަޝްވަރާ އޭނާ ޤަބޫލު ނުކުރުންކަމަށް ވެސް ވެދާނެއެވެ. އެހެންވީމާ އަހަރެން އޭނާއަށް މަޝްވަރާދިނީ ވަރަށް މަޝްހޫރު މަޖައްލާއެއްގެ އެޑިޓަރެއްކަމަށްވާ ޢިރްފާން އަޙްމަދާ ބައްދަލުކުރާށެވެ. މި ފަހަރު އޭނާ އަހަރެންގެ މަޝްްވަރާއަށް ވަރަށް ބަރާބަރަށް ޢަމަލުކުރިއެވެ. ހަމަ އެދުވަހު ގޮސް ޢިރްފާން އަޙްމަދާ ބައްދަލުކޮށްފިއެވެ. އަދި އޭނާ އައީ އަހަރެން ފޮނުވައިގެން ކަމަށް ބުންޏެވެ. އެކަމަކާ އަހަރެން ހިތް ބުރައެއް ނުކުރަމެވެ.

އޭނާގެ ވާހަކަ ޢިރުފާން އަޙްމަދާ ހަވާލުކުރި ފަހުން ދެމަސް ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. ވާހަކައަށް ވީ ގޮތެއް ބަލައިލާން އަހަރެންގެ ރަޙުމަތްތެރިޔާ އެއްދުވަހަކު ޢިރުފާން އަޙްމަދުގެ އޮފީހަށް ހިނގައްޖެއެވެ.

“އަޅުގަނޑު މީގެ ދެމަހެއްހައި ދުވަސް ކުރިން ކުރުވާހަކައެއް ފޮނުވިން-” އަހަރެންގެ ރަޙުމަތްތެރިޔާ ބުނެފިއެވެ.

“އަދި ނުކިޔަން-” ވަރުބަލިކަން އެކުލެވިފައިވާ ރާގަކަށް އެޑިޓަރު ބުނެލިއެވެ.

އިރުކޮޅެއް ވުމަށްފަހު އަނެއްކާ ވެސް ވާހަކަދެއްކީ އެޑިޓަރެވެ.

“އަދި ދެމަހެއްހައި ދުވަސްވާނެ-” އެޑިޓަރު އެއްވެސް ބޭނުމެއްނެތި ފައިލެއްގައި ހުރި ގަނޑުތަކެއް އުކަމުން ބުނެލިއެވެ.

“ދެ މަސް ދުވަހޭތޯ؟”

“އާދެ! އެއީ ވެސް ކުރު މުއްދަތެއް.” އެޑިޓަރު އިޙްސާންތެރިކަން ހަނދާންކޮށްދޭ ކަހަލަ ގޮތަކަށް ބުނެލިއެވެ.

“އަޅުގަނޑު އެ ވާހަކަ ގެނައި ފަހުން ވެސް މިހާރު ދެ މަސް ދުވަސް ވެދާނެ.”

“އެއީ އެހައި ބޮޑުކަމެއްތޯ؟ އަޅުގަނޑުމެންގެ މަޖައްލާގެ މަގުބޫލުކަން މަނިކުފާނަށް އެނގިވަޑައިނުގަންނަވަނީތޯ؟ މި މަޖައްލާ ނުކުތުމާއެކު ވިކި ހުސްވޭ. ނުލިބިގެން ދުވާ މީހުންގެ އަދަދުވެސް ދަންނަވާކަށް ނޭނގޭ.” އެޑިޓަރު އޭނާގެ ބޮޑު ގޮނޑީގައި ރަނގަޅަށް ލެނގިލަމުން ބުނެލިއެވެ.

“ތިޔައީ ތެދުފުޅެއް. އެކަމަކު އަޅުގަނޑުގެ ވާހަކަ…؟”

“ފަހުން ކިޔައިލާނަމެޭ އަޅުގަނޑު ދަންނަވައިފީމެއް ނޫންތޯ؟” އެޑިޓަރު ތަންކޮޅެއް ހަރުކަށި ރާގަކަށް ބުނެލިއެވެ.

މި ދެންނެވުނު ވާހަކަތައް ދެކެވުނު ފަހުން ވެސް ތިން މަސްދުވަސް ވެގެން ހިނގައްޖެއެވެ. އަހަރެންގެ ރަޙްމަތްތެރިޔާ އަނެއްކާ ވެސް ހިތްވަރުކޮށްފައި އެޑިޓަރު ޢިރުފާނު އަޙްމަދާ ބައްދަލުކުރަން ހިނގައްޖެއެވެ. އެޑިޓަރު ގޮނޑީގައި ހަމަޖެހިލައިގެން އިނދެ ކަރުގައި އަތްކާއްތަކާއްތާފައި މިލަގުޅަ ހަދަނީއެވެ.

“އަހަނ! އަވަހަށް ވަޑައިގަނޭ! ތިޔަ ވަޑައިގަތީ ހާދަހާ ދުވަހެއް ކޮށްފައޭ!” އެޑިޓަރު ޖޯޝާއެކު އޭނާއަށް މަރުހަބާކިޔައިފިއެވެ.

ލިޔުންތެރިޔާ އާދައިގެ ގޮނޑިއެއްގައި އިށީނދެއްޖެއެވެ.

“އެޑިޓަރުގެ ގޮނޑީގައި އިށީނދެވުމުން ލިބޭ ވަރަށް ގިނަ ފައިދާތައް ހުރޭ. އޭގެ ތެރޭގައި ހިމެނޭ އެއްކަމަކީ އެކި ކަހަލަ ސިޓީތައް ކިޔަން ލިބުން. ބައެއް ސިޓީގައި ހުންނާނީ އިންޒާރުގެ ބަސްތައް. ބައެއް ސިޓީގައި ޚުޝާމަދުކޮށްފައި. އަދި ބައެއް ސިޓީގައި އިމްލާ ކުށުގެ ވާހަކަ ވެސް ލިޔެފައި ހުރޭ.” އެޑިޓަރު ސިޓީއެއް ކަނޑައިލަމުން ބުނެލިއެވެ.

“އެހެންވީމާ ވަރަށް ބޮޑަށް ފޫހިފުޅުފިލާނެއެއް ނޫންތޯ؟”

“ފޫހިފިލާނެއޭތޯ؟ އެހެން ވާނީ ކިހިނެއްތޯ؟ ދުވާލު ހަތަރުދަމު އުޅެންޖެހެނީ އެކި ކަންކަމު އަންނަމީހުންގެ ކަންތައްތައް ހަމަނުޖެއްސިގެން.”އެޑިޓަރު ކުޑަކޮށް ނުރުހުންވެފައި ބުނެލިއެވެ.

“އާދެ! އާދެ! ތިޔަ ވާހަކަފުޅު އަޅުގަނޑަށް ވެސް ގަބޫލުކުރެވޭ. މިހާރު ތަޖުރިބާ ވެސް ކުރެވިއްޖެ.”

“ކީކޭތޯ؟ ތިޔަ ވިދާޅުވީ ކީކޭތޯ؟” އެޑިޓަރު ސިހިފައި އަހައިލިއެވެ.

“އަޅުގަނޑު ދެންނެވީ އަޅުގަނޑުގެ ވާހަކައިގެ ކަންތައް އޮތީ ކިހިނެއްތޯއޭ؟”

“އަޅުގަނޑު އެ ވާހަކަ ކިޔައިފިން. އައު ލިޔުންތެރިން ތަޢާރަފުކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް އިސްކަންދޭކަމެއް. އެހެންވީމާ އެވާހަކައަށް ކުދިކުދި ބަދަލު ގެނައުމަށްފަހު ޝާއިޢުކޮށްލާނަން. އަޅުގަނޑުމެން ޚިދުމަތްކުރަނީ ހަމަ އެކަނި އަދަބިއްޔާތަކަށް ނޫން. ލިޔުންތެރިންނާއި، ކިޔުންތެރިންނަށް ޚިދުމަތްކުރުމަކީ ވެސް އަޅުގަނޑުމެންގެ މަޤްޞަދުގެ ތެރޭގައި ހިމެނޭ ކަމެއް.” އެޑިޓަރު އެއްލޮލުން ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.

އެ ވަގުތު އެކޮޓަރިތެރެއަށް މީހަކު އައިސް ވަދެއްޖެއެވެ.

“އަވަހަށް ދުރުވޭ. ކިހިނެއްތޯ؟ އެޑިޓަރު އަހައިލި އެވެ. “ޗާޕުޚާނާގެ ކަންތައް ކިހިނެއްތޯ؟”

“ވަރަށް ރަނގަޅު. އަޅުގަނޑު މިއައީ އިއްޔެ ފޮނުއްވި ޗެކުގައި ހަނދުމަފުޅު ނެތިގެން ސޮއިނުކުރައްވައި އޮތީމާ، އެ ޗެކު ހިފައިގެން.” އެ މީހާ ވެސް އާދައިގެ ގޮނޑިއެއްގައި އިށީނދެއްޖެއެވެ.

“ސޮއި ނުކުރެވެއޭތޯ؟” އެޑިޓަރު ޙައިރާންވެފައި އަހައިލިއެވެ.

“އާދެ!” އެ މީހާ ޖަވާބުދިނެވެ.

“އެެހެންތޯ؟ އަވަހަށް ޗެކުދެއްވާ! މިހާރު ސޮއިކޮށްލީމާ ހަމަޖެހުނީއެއް ނޫންތޯ؟” އެޑިޓަރު އަތްދިއްކޮށްލިއެވެ. އެޑިޓަރަކީ އެއްލޯ ކުޑަކޮށް އަނދިރި މީހެކެވެ.

އެ މީހާ އަތްމަތީ ފޮށިން ޗެކު ނަގައި އެޑިޓަރުގެ ކުރިމަތީގައި ބާއްވައިލިއެވެ.

“ޢަބްދުއްރަޙުމާން.” އެޑިޓަރު ތަންކޮޅެއް ބާރަށް ގޮވައިލިއެވެ.

މާ ގިނަ އިރުތަކެއް ނުވެ އުމުރުން ދުވަސް ވެފައިހުރި، ހިމަތޮޅި މީހަކު ބޮޑުފޮތެއް ހިފައިގެން އައިސް އެޑިޓަރުގެ ކޮޓަރިއަށް ވަދެއްޖެއެވެ.

“އަވަހަށް ދެލި ގެނެސް ދެއްވާ!” އެޑިޓަރު ބުނެލިއެވެ.

“އަޅުގަނޑުގެ އަތުގައި ގަލަން އެބަ އޮތް.” ޗެކު ހިފައިގެން އައި މީހާ އޭނާގެ ޖީބުގައި ހުރި ގަލަން ނަގައި އެޑިޓަރުގެ އަތަށްދީފިއެވެ.

“އަވަހަށް ދެއްވާ!” އެޑިޓަރު ގަލަން އަތުލަމުން ބުނެލިއެވެ.

އަހަރެންގެ ރަޙުމަތްތެރިޔާ ޝައުގުވެރިކަމާއެކު މި މަންޒަރު ބަލަން އިނީއެވެ.

އެޑިޓަރު ގަލަމު ދޯރި ނަގައިފި އެވެ. އަދި ބޮޑުވާއިނގިލީގައި ގަލަމުގެ ތުނޑު ކާއްތަންފަށައިފިއެވެ. އިނގިލީގައި ރަނގަޅަށް ދެލި އުނގުޅުނީމާ ޗެކުގައި އިނގިލީގެ ނިޝާންޖަހައިފިއެވެ.

“ކޮބާ! ރަނގަޅުތޯ؟” އެޑިޓަރު ހިނިތުންވެލިއެވެ.

“އާދެ! ޝުކުރިއްޔާ!” ޗެކު ހިފައިގެން އައިމީހާ ޗެކު ނަގައި، ފޮއްޓަށްލައިގެން ނުކުމެގެން ހިނގައްޖެއެވެ.

އޭނާ ނުކުމެގެން ދިޔައީމާ އެޑިޓަރު ޢިރުފާނުއަޙްމަދު، އަހަރެންގެ ރަޙުމަތްތެރިޔާއާ ދިމާއަށް ބަލައިލިއެވެ.

“އާދެ! ކީކޭތޯ؟ އަޅުގަނޑު ދެއްކީ އަދަބިއްޔާތުގެ ވާހަކަ ދޮގެއްތޯ؟”

އެޑިޓަރު ޢިރުފާނު އަޙުމަދު އެޑިޓަރުގެ އަރާމުގޮނޑީގައި ރަނގަޅަށް ހަމަޖެހިލައިގެން އިނދެ ދެއްކީ ކޮން ވާހަކައެއް ކަމެއް އަޅުގަނޑުގެ ރަޙުމަތްތެރިޔާއަކަށް މާރަނގަޅަކަށް ނޭނގުނެވެ. އިތުރު ވާހަކަ އަޑުއަހާނޭ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. އޭނާ ލިޔުނު ވާހަކަޔާމެދު ކުރިފިކުރު ވެސް ނެތިގެން ހިނގައްޖެއެވެ. އެ ވާހަކައަށް ކޮންމެ ގޮތެއް ހެދިޔަސް އެންމެ ރަނގަޅޭ އޭނާގެ ހިތަށް އެރިއެވެ.

މިއަދުގެ ތަޖުރިބާއިން އޭނާއަށް ވިސްނުނީ އެންމެ ކަމެކެވެ. އެއީ އެޑިޓަރަކީ މާމުހިއްމު މީހެއް ނޫން ކަމެވެ. ޙަޤީޤަތުގައި މުހިއްމު އެއްޗަކީ އެޑިޓަރުގެ ގޮނޑިއެވެ.

(ނިމުނީ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.