ސަރުކާރުން ވަނީ ޤާސިމް ނިކަމެތި ކޮށްފައި: ޑރ. ޚަލީލް

އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން މިހާރުވަނީ ޖުމްހޫރީޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވަރަށް ބޮޑަށް ނިކަމެތި ކޮށްފައި ކަމަށް ނިލަންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ޤާސިމް އިބްރާހީމަކީ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ގެންނެވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. އެހެންނަމަވެސް މިހާރު ފެންނަމުންދަނީ ސަރުކާރުން ވަރަށް ބޮޑަށް އޭނާ ނިކަމެތި ކުރައްވައިފައިވާ މަންޒު ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން ޑރ. ޚަލީލް ވިދާޅުވީ ޤާސިމަކީ ނިކަމެތި ކޮށްގެންވާނެ ބޭފުޅެއް ނޫން ކަމަށެވެ. އެމަނިކުފާނަކީ ކޮންމެ ތަނެއްގައި ހުންނެވިޔަސް ރާއްޖޭގެ މިނިވަން ކަމަށް މަސައްކަތް ކުރައްވާ ހިތްވަރުގަދަ ލީޑަރެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެމަނިކުފާނަކީ ޤައުމު ހަލާކުގެ ތެރެއަށް ދޫކޮށްލައްވާނެ ބޭފުޅެއް ނޫންކަމަށް ވެސް ޑރ. ޚަލީލް ވިދާޅުވިއެވެ.

މި ސަރުކާރު އައިފަހުން ފެނިގެންދަނީ "އެހެންކަހަލަ" ކަންތައްތަކެއް ކަމަށާއި އެކަންކަމަކީ ޤާސިމް އެހާބޮޑަށް ހިތްޕުޅާވާނެ ކަންކަން ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިސަރުކާރު އައިފަހުން ވަރަށް އެހެންކަހަލަ ކަންތައްތަކެއް ހިންގަމުން މިގެންދަނީ. ސަރުކާރު ގެނައުމަށްޓަކައި ޤާސިމް ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި. އެކަމަކު ފެންނަނީ ޤާސިމް ވެސް ނިކަމެތި ކޮށްލުމަށް އެމްޑީޕީން މަސައްކަތް ކުރަމުންދާތަން. ސޯޝަމް މީޑިއާގައި ހެސްކިޔާފައި އެބަފެނޭ ޤާސިމަށް ޙަމަލާތައް ދާތަން،" ޑރ. ޚަލީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފެންނަމުން ދަނީ ޤައުމު ހިންގުމުގައި "ވަރަށް ތަޖުރިބާއެއްނެތް ބަޔަކު" އުޅޭ މަންޒަރު ކަމަށެވެ. "އަޅުގަނޑު ޤަބޫލު ކުރާގޮތުގައި އެކަމާ ޤާސިމް ހިތްޕުޅާ ނުވާނެ،" ޑރ. ޚަލީލް ވިދާޅުވިއެވެ.

ޑރ. ޚަލީލް ވިދާޅުވީ ނޭދެވޭ ކަންކަން ޤައުމުން ފެނި ދިވެހި ރައްޔިތުންނަށް ގެއްލުންތަކެއް ލިބޭ ކަމަށްވާނަމަ ޤައުމު ސަލާމަތް ކުރުމަށް ޤާސިމާއެކު މަސައްކަތް ކުރައްވަން ތައްޔާރު ކަމަށެވެ.

ފަހަކަށް އައިސް ޤާސިމް އިބްރާހީމްގެ ރާގުވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް އޭނާ ގެންދަވަނީ ވަރަށްބޮޑަށް ފާޑުވިދާޅުވަމުންނެވެ. އޭނާ ތުހުމަތު ކުރައްވައިފައިވަނީ ކޯލިޝަން ރޫޅާލައި ސަރުކާރު ވައްޓަން ބަޔަކު މަސައްކަތް ވެސް ކުރާ ކަމަށެވެ. އެހެންނަމަވެސް ރައީސް ނަޝީދު ވިދާޅުވެފައިވަނީ ކޯލިޝަން ވެސް ނުރޫޅޭނެ ކަމަށާއި، ވެރިކަން ވެސް ނުވެއްޓޭނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.