ދެންއޮތީ ސަރުކާރަށް މެޖޯރިޓީ އޮތް މަޖިލީހެއް ހޮވަން މަސައްކަތް ކުރުން: ޝާހިދު

އިއްޔެ ބޭއްވި އެމްޑީޕީގެ ޕްރައިމަރީއަށް ފަހު އެމްޑީޕީގެ ޓިކެޓް ލިބޭނެ ކެންޑިޑެޓުން ކަށަވަރުވުމާއެކު ދެން ކުރިމަތީގައި އޮތީ ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙްގެ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތް ކުރުން ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ހުރިހާ މެމްބަރުންނަށް މަރުޙަބާ ވިދާޅުވެ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙްވެސް ވިދާޅުވި ފަދައިން ދެން އޮތީ ސަރުކާރަށް މެޖޯރިޓީ އޮތް މަޖިލީހަކަށް 2019 ގެ މަޖިލިސް ހެދުމަށް މަސައްކަތް ކުރުން ކަމަށެވެ.

"މަޖިލިސް 2019 ކާމިޔާބުކޮށް، ރައީސް ސޯލިޙްގެ ވައުދުތައް އިރާދަކުރެއްވިއްޔާ ސަރުކާރުން ފުއްދާނެ" ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ޝާހިދު ސިފަ ކުރައްވާފައި ވަނީ ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ޑިމޮކްރެޓިކް ޙަރަކާތުގެ ގޮތުގައެވެ. އަދި އެމްޑީޕީއަކީ އަބަދުވެސް ވޯޓު ލުމަށް ފަރިތަ ޕާޓީއެއް ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ އޮތް މަޖިލީހެއް ހޮވުމުގެ މަސައްކަތް ފެށުމަށް ޝާހިދު ގޮވާލެއްވިއިރު ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙްވެސް އިއްޔެ އޮތް ޕްރައިމަރީގައި ވޯޓު ލެއްވުމަށް ވަޑައިގެން މީޑިޔާގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް މުހިންމު ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.