އިންޑިޔާ-ރާއްޖެ މިހާރު މިއޮތީ އެކުވެރިކަމުގެ މުޅިން އާޒަމާނަކަށް ވެދެވިފައި: ޝާހިދު

އިންޑިޔާ އާއި ރާއްޖޭގެ ގުޅުން ހީނަރުވެފައި އޮތް ދުވަސްތައް ފަހަނައަޅައި މިއަދު މިވަނީ ދެގައުމުގެ އެކުވެރިކަން މުޅިން އާޒަމާނަކާ ބައްދަލުވެފައި ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

"މޯލްޑިވްސް-އިންޑިއާ ކޮންސިއުލާ ޓޯކްސް"ގެ ނަމުގައި ކުރިޔަށްގެންދާ ވާހަކަތަކުގެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ފާއިތުވީ ދުވަސްތަކުގައި އިންޑިޔާ އާއި ރާއްޖޭގެ ގުޅުން ހީނަރުވުމުގެ ސަބަބުން ދެގައުމުގެ ރައްޔިތުންނަށްވެސް އުދަނގޫތަކެއް ކުރިމަތިވެގެންދިޔަ ކަމަށެވެ. ޚާއްސަކޮށް އިންޑިޔާއަށް ދަތުރުކުރާ ދިވެހިންނަށާއި ރާއްޖެއަށް ދަތުރުކުރާ އިންޑިޔާ މީހުންނަށް ކުރިމަތިވި ގޮންޖެހުންތައް ގިނަކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ދާދިފަހުން އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެގައުމުގެ އެންމެ އިސްވެރިންނާއެކުވެސް މަޝްވަރާތައް ބާއްވާފައިވާ މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ އިންޑިޔާ މީހުންނަށް ކުރިމަތިވާ އުދަނގޫތައް ޙައްލުކުރަން މަސައްކަތް ފެށުމަށް ދިވެހި ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ.  އެގޮތުން ރާއްޖޭގައި އުޅޭ އިންޑިޔާ މީހުންގެ ކަންބޮޑުވުންތައް އަޑު އަހައި އެކަންކަމަށް ޙައްލު ހޯދުމަށް ކަމާބެހޭ މުއައްސަސާތަކާއެކު މަސައްކަތް ކުރެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދެގައުމުގެ ގުޅުން އަލުން ރަނގަޅު ކުރުމުގެ މަޝްވަރާތައް ފެށިއިރު ވަރަށް އަވަހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙްވެސް އިންޑިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެއެވެ. ރައީސް ސޯލިޙް ހުވާ ކުރެއްވި ރަސްމިއްޔާތަށް އިންޑިޔާގެ ބޮޑުވަޒީރު މޯދީވެސް ވަނީ ވަޑައިގެންފައެވެ. މިއީ ރައީސެއްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގެންނެވި ހަމައެކަނި ފަހަރެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.