ޖިންސަކަށް، ކުލައަކަށް، އުފަން ރަށަކަށް ބެލުމެއް ނެތި ޤާނޫނުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަވާންޖެހޭނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ބޭފުޅެއްކަމުގައިވާ ޢަބްދުﷲ ކަމާލުއްދީން ކުރެއްވީ ޓުވީޓަކަށް ޖަވާބު ދެއްވަމުންނެވެ.
ޢަބްދުﷲ ކަމާލުއްދީންގެ ޓުވީޓުގައި ވިދާޅުވެފައިވަނީ، "ޢުމުރުން 65 އަހަރުވީމާ ރައީސްކަމެއް ނުކުރެވޭ؛ ރައީސްކަން ކޮށްފިއްޔާ މެންބަރު ކަމެއް ނުކުރެވޭ؛ އެއް ރަށެއްގައި ވިހައިފިއްޔާ އަނެއް ރަށަކަށް ޚިދުމަތް ކޮއްގެން ނުވާނެ؛ މިހެން ގޮސް.. މުޅީން ކަނޑާ ފާހަގަ" ކަމަށާއި އެއްވަރުވާންވީ ނަތީޖާއެއް ނޫން ކަމަށާއި އެއްވަރުވާންވީ ފުރުޞަތު ކަމަށެވެ.
ކަމާލުއްދީންގެ މި ޓުވީޓަކީ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހަށް ވާދަ ނުކުރެއްވޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ އިޞްލާހަށް އިޝާރާތްކުރައްވައި ކުރައްވާފައިވާ ޓުވީޓެކެވެ. މި އިޞްލާޙު ހުށަހަޅުއްވާފައިވަނީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުލް ލަޠީފެވެ. ލަޠީފަކީ މިހާރު ޖުމުހޫރީ ޕާޓީގެ މެންބަރެކެވެ.
މި އަހަރުގެ މަޖިލިސް އިންޠިޚާބުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދް ނަޝީދް ވާދަކުރައްވައެވެ. މެންބަރު ލަޠީފު ހުށަހެޅުއްވި އިޞްލާޙަކީ ރައީސް ނަޝީދަށް އަމާޒުކޮށް ހުށަހަޅެއްވި އިޞްލާޙެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އިޞްލާޙު ހުށަހަޅުއްވާފައިވަނީ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތްތައް ލިބިވަޑައިގަންނަވާތީ އެވެ. ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވެސް ވަނީ މަޖިލީހަށް ކުރިމަތިލައްވާނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ.
ރައީސް މުޙައްމަދު ނަޝީދު ދަނީ މާފަންނު މެދު ދާއިރާއަށް ކެންޕޭނު ކުރައްވަމުންނެވެ. ޖޭޕީގެ ނައިބް ލީޑަރު ޢަބްދުﷲ ރިޔާޒު ވަނީ މި އިޞްލާޙް އަނބުރައި ނެގުމަށް ގޮވާލައްވާފައެވެ. އަދި ޕާޓީގެ ރައީސް ޢަލީ ވަޙީދުވެސް ވަނީ "ވަކި މީހަކަށް ވަކި ގޮތެއް ހެދުމާއި، ވާދަވެރިޔާ ނައްތާލުމުގެ ސަޤާފަތާ އެންމެން ވެސް ދުރުވާން ޖެހޭ" ކަމަށް ވިދާޅުވެފައެވެ. މަޖިލީހަށް ކުރިމަތި ލެއްވުމަކީ ރައީސް މުޙައްމަދް ނަޝީދުގެ ޤާނޫނީ އަދި އަސާސީ ޙައްޤެއް ކަމަށް ވެސް ޢަލީ ވަޙީދު ވަނީ ވިދާޅުވެފައެވެ.