ބ.އަތޮޅުގައި ހިންގާ ރީތި ބީޗް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ މިޙާދިސާގައި ރޯވެފައިވަނީ އެ ރިސޯޓުގައި ހުންނަ ވަޑާންގޭގެ ގުދަނުގައި ކަމަށެވެ. އަދި ހާދިސާ ހިނގުމާއެކު އަލިފާންގަނޑު އިތުރަށް ބޮޑުވެ ފެން އުފައްދާ ޕްލާންޓު ގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައި ކަމަށް ވެސް ވިދާޅުވިއެވެ. އަލިފާނުގެ ހާދިސާ އާ ގުޅިގެން ހޫނު ވުމުގެ ސަބަބުން އިންޖީނު ގޭގެ ސީލިންގ އާއި ކަރަންޓު ވަޔަރިންގ ގެ ބޮޑުބަޔަކަށް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައި ކަމަށްވެސް ވިދާޅުވިއެވެ.
މި ހާދިސާގައި އަލިފާން ރޯވި ވަޑާންގޭގެ ގުދަނާއި ވަޑާންގޭގެ އިތުރުން ފެން އުފައްދާ ޕްލާންޓާއި އިންޖީނުގެ ހުންނަނީ އެއް އިމާރާތެއްގައެވެ.
ޙާދިސާ ހިނގީ މިއަދު ހެނދުނު 11:00 އެހައިކަންހާއިރު އެވެ. ޙާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު ނައިފަރު ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެހީވުމުގެ މަސައްކަތް ފަށައިފައެވެ. ރިސޯޓުގެ މުވައްޒަފުން ކުރި މަސައްކަތުން ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލާފައިވަނީ މިއަދު 12:19 އެހައިކަންހާ އިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.