ވިލިމާލެ ބަނދަރުގައި އަލިފާނުގެ ޙާދިސާ ހިނގީ ތެޔޮ އަޅައިގެން ލޯންޗު ފުރަން އުޅެނިކޮށް: ފުލުހުން

ވިލިމާލޭ ބަދަރު ސަރަޙައްދުގައި ރޭ އަލިފާނުގެ ޙާދިސާ ހިނގީ އަލިފާން ރޯވި ތެޔޮބޯޓުން ލޯންޗަކަށް ތެޔޮ އެޅުމަށްފަހު ލޯންޗު ފުރަން އުޅެނިކޮށް ކަމަށްފުލުހުން ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ފުލުހުންނަށް ވެސް އެނގިފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ އިތުރަށް ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިހާދިސާގައި އަލިފާންރޯވި ލޯންޗަކީ ބ. އަތޮޅުގައި ފެރީއެއްގެ ގޮތުގައި ދުއްވާ އުޅަނދެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އެއަށް "ތެޔޮއެޅީ ރިޔާ 11" ނަމަކަށް ކިޔާ ތެޔޮ ބޯޓަކުން ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ވިދާޅުވީ މިހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބި 2 ބިދޭސީއަކަށާއި 3 ދިވެހީންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. އަދި ތެޔޮ ބޯޓުގައި ހުރި ބިދޭސީއަކަށް ވެސް ވަނީ އަނިޔާ ލިބިފައެވެ. އެ ދެ އުޅަނދުގައި ރޯވި އަލިފާން ނިއްވަން ޙަރަކާތްރިވި ސިފައިންގެ މީހެއްގެ ބޯވެސް ވަނީ ފަޅައިގެން ގޮސްފައެވެ. އެހެންނަމަވެސް ސިފައިންގެ މީހާގެ ހޮސްޕޮޓަލަށް ގެންދިޔަ ކަމެއް ކަށަވަރުވެފައި ނުވެއެވެ.

އަނިޔާވި އަނެއް 6 މީހުންނަށް ފަރުވާ ދިނުމަށް ފުރަތަމަ ގެންދިޔައީ ވިލިމާލެ ހޮސްޕިޓަލަށެވެ. އެހެންނަމަވެސް ފަހުންވަނީ 2 ދިވެއްސަކަށާއި ބިދޭސީއަކަށް އިތުރުފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައެވެ. އެމީހުންގެ ޙާލު ރަނގަޅު ކަމަށް މަޢުލޫމާތު ލިބިފައެވެ. އެހެންނަމަވެސް ފިހިފައިވާ މިންވަރެއް ނުވަތަ ލިބިފައިވާ އަނިޔާގެ ތަފްސީލެއް އެނގިފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.