ތެޔޮއެޅުމުގައި ރައްކާތެރިވުމަށް ފުލުހުން އިލްތިމާސް ކޮށްފި

އުޅަނދުފަހަރަށް ތެޔޮއެޅުމުގެ މަސައްކަތް ކުރާއިރު ވީހާ ވެސް ރައްކާތެރި ކަމާއެކު އެކަން ކުރަން އޮންނަ އުސޫލުން ކުރުމަށް ފުލުހުން އިލްތިމާސް ކުރައްވައިފިއެވެ.

ފުލުހުން މިކަމަށް އިލްތިމާސް ކުރެއްވީ ވިލިމާލޭ ބަނދަރުގައި ރޭ ހިނގި އަލިފާނުގެ ޙާދިސާއާބެހޭ މަޢުލޫމާތު ދެއްވަމުންނެވެ.

ރޭގެ އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ ތެޔޮބޯޓުން ލޯންޗަށް ތެޔޮ އެޅުމަށްފަހު ލޯންޗު "ނައްޓާލަން އުޅެނިކޮށް" ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ޙާދިސާގައި 6 މީހަކަށް ވަނީ އަނިޔާވެފައެވެ. ލޯންޗުގައި ތިބި 5 މީހަކަށާއި ތެޔޮބޯޓުގައި ހުރި މީހަކަށެވެ. އަނިޔާވެފައިވަނީ ތިން ބިސީއަކަށާއި 3 ދިވެހީންނަށެވެ. މީގެ އިތުރަށް އަލިފާން ނިއްވަން އުޅުނު ސިފައިންގެ މީހަކަށް އަނިޔާވެފައިވެއެވެ.

ފުލުހުން ވިދާޅުވީ މިފަދަ ޙާދިސާތަކުން ރައްކާތެރިވުމަށް ހުރިހާ އުޅަނދުފަހަރަކުން ވެސް ގަވާއިދާއި އުސޫލުގެ ތެރެއިން ތެޔޮ އެޅުމުގެ ހުރިހާ ކަމެއް ކުރުން ވަރަށް މުހިންމު ކަމަށެވެ.

"މިފަދަ ހާދިސާތަކުން ރައްކާތެރިވެ ތިބުމަށް ހުރިހާ އުޅަނދުފަހަރަކުން ވެސް އެކަން ކުރުމަށް އޮންނަ ގަވާއިދާއި އުސޫލުގެ ތެރެއިން ރައްކާތެރި ކަމަށް ސަމާލުކަންދީގެން ތެޔޮއެޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މިސާވިސްއިން އިލްތިމާސް ކުރަން،" ފުލުހުން ވިދާޅުވިއެވެ.

ވަރަށްފަހުން ވެސް މާލޭ ހާބަރުގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައި އެތައް ވެހިކަލެއް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އަދި އެތައް މީހުންނަށް ވަނީ އަނިޔާވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.