އީރާނަށް ޖާސޫސުކޮށްދީގެން އިސްރާއީލުގެ ކުރީގެ ވަޒީރަކު 11 އަހަރަށް ޖަލަށް

ގޯނެން ސެގޭވް އިސްރާއީލުގެ ފުލުހުންގެ ބެލުމުގެ ދަށުގައި

އިސްރާއީލާ އެންމެ ބޮޑަށް ދުޝްމަން އެއް ގައުމު ކަމުގައިވާ އީރާނަށް ޖާސޫސުކޮށްދިން ކަމުގެ ކުށަށް އިއުތިރާފުވުމުން އިސްރާއީލުގެ ކުރީގެ ވަޒީރަކު 11 އަހަރަށް ޖަލަށް ލާން ނިންމައިފި ކަމަށް އިސްރާއީލުގެ ޖަސްޓިސް މިނިސްޓަރީން ބުނެފިއެވެ.

އޭނާގެ މައްޗަށް ހުކުމްކުރާ ޝަރީއަތުގެ މަޖިލިސް އޮންނާނީ އަންނަ ފެބުރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.

1994 އިން 1996 އަށް އިސްރާއީލުގެ އެނާޖީ އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރުކަން ކުރި ގޯނެން ސެގޭވްގެ ޝަރީއަތް ފަށާފައި ވަނީ ފާއިތުވި އަހަރުގެ ޖުލައި މަހުގައެވެ. ނަމަވެސް ޝަރީއަތް ސިއްރުކުރެވިފައިވާތީ، މާބޮޑު ތަފްސީލެއް ހާމަވެފައި ނުވެއެވެ.

11 އަހަރުގެ ޖަލު ހުކުމެއް އައީ އޭނާއާ އިސްރާއީލުގެ ޕްރޮސެކިއުޝަނާ ދެމެދު ވެނުނު އެއްބަސްވުމެއްގެ ދަށުން އޭނާ ކުށަށް އިއުތިރާވުމުންނެވެ.

އޭނާ ވަނީ ދުޝްމަން ގައުމަކަށް ސިއްރު މައުލޫމާތު ފޯރުކޮށްދީ، ޖާސޫސުކުރުމުގެ އެންމެ ނުރައްކާތެރި އަމަލު ހިންގާފައިވާ ކަމަށް އިއުތިރާފުވެފައެވެ. އޭނާގެ އަދަބު 11 އަހަރުގެ ޖަލު ހުކުމަކަށް ކުޑަކުރެވުނީ މިއެއްބަސްވުމުގެ ދަށުން ކަމަށް އިސްރާއީލުގެ މިނިސްޓަރީގެ ބަޔާނުގައި ވެއެވެ. ދުޝްމަން ގައުމަކަށް ޖާސޫސު ކުރުމުގެ ކުށަކީ އިސްރާއީލުގައި މަރުގެ އަދަބު ދެވޭ ކުށެކެވެ.

ގޯނެން ސެގޭވް ވަޒީރުކަން ކުރީ ކުރީގެ ލޭބަރ ބޮޑު ވަޒީރު ޔިޓްޒަގް ރާބީން ސަރުކާރުގައެވެ. ސެގޭވްއަކީ ކުރިން ހަރުކަށި ކަނާތުފިޔައިގެ ޕާޓީއެއްގައި ހުރި މީހެކެވެ. ނަމަވެސް އޮސްލޯ ސުލްހައިގެ އެއްބަސްވުން-2 އިސްރާއީލުގެ ގާނޫނުހަދާ މަޖިލީހުގައި ނެގުނު ވޯޓުގައި ސަރުކާރާ އެއް ކޮޅަށް ވޯޓުދިނުމަށް ފަހު އޭނާ ލޭބަރ ޕާޓީއަށް ބަދަލުވީއެވެ.

އިސްރާއީލުގެ ސަލާމަތީ އިދާރާ ޝިން ބެތުން ބުނާ ގޮތުގައި ސެގޭވް ވަނީ ހަ އަހަރުގެ މުއްދަކަށް އީރާނުގެ ޖާސޫސީ އެޖެންޓުންނާ ބައްދަލުކޮށް މައުލޫމާތު ފޯރުކޮށްދީފައެވެ. އޭނާ ހައްޔަރުކޮށްގެން އިސްރާއީލަށް ގެނެވުނީ ފާއިތުވި އަހަރުގެ މޭ މަހު އީކުއޭޓޯރިއަލް ގިނީންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.