އިސްރާއީލުގެ މަހުޖަނަކަށް ނިސްބަތްވާ ތެޔޮ ޓޭންކަރު 'މާސާ ސްޓްރީޓް' އަށް އޮމާނުގެ އައްސޭރި ކައިރިން ދިން ހަމަލާއާ ގުޅިގެން އީރާނާ ހުޅަނގާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަވާފަދަ މެސެޖެއް އިނގިރޭސިވިލާތުން އީރާނަށް ދީފިއެވެ.
އީރާނުގެ މަސްދަރަކާ ހަވާލާދީ ނޫރްނިއުސްއިން ބުނެފައިވާ ގޮތުގައި، އިނގިރޭސިވިލާތުން ތިންވަނަ ފަރާތެއް މެދުވެރިކޮށް އީރާނަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ވަނީ ތެޔޮ ޓޭންކަރުގެ މައްސަލައިގައި ނުތަނަވަސްކަން އިތުރުކޮށް އަސްކަރީ ކުރިމަތިލުމަކަށް ދާން ބޭނުންނުވާ ކަމުގައެވެ.
އެ މަސްދަރުން އިތުރަށް މައުލޫމާތުދީފަައިވާ ގޮތުގައި މީގެ ދުވަސްތަކެއް ކުރިން ގަލްފް އޮފް އޮމާނުގައި ތެޔޮ ޓޭންކަަރަށް ރޮކެޓް ހަމަލާދިން މައްސަލައިގައި އިނގިރޭސިވިލާތުން އީރާނަށް ރައްދުދޭން ބޭނުންވަނީ ޑިޕްލޮމެޓިކް ގޮތުންނެވެ. ހަމަލާ އެރި ތެޔޮ ޓޭންކަަރަކީ އިނގިރޭސިވިލާތުގައި ރަޖިސްޓަރީ ކޮށްފައިވާ އަދި ލަންޑަނުގައި މައި އޮފީސް ހުންނަ ޒޮޑަޔަކް މެރިޓައިމް ކުންފުނިން ދުއްވާ އުޅަނދެކެވެ. ޒޮޑަޔަކް މެރިޓައިމްއަކީ އިސްރާއީލުގެ ބިލިއަނަރު އެޔާލް އޮފާގެ ޒޮޑަޔަކް ގްރޫޕްގައި ހިމެނޭ ކުންފުންޏެކެވެ.
ފާއިތުވިި ޖުލައި މަހުގެ 29 ވަނަ ދުވަހު ތެޔޮ ޓޭންކަރަށް ދިން ހަމަލާގައި މަރުވި އެކަކީ އިނގިރޭސި ރައްޔިތެކެވެ. އޭނާއަކީ
އިސްރާއީލު، އެމެރިކާ އަދި ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ބުނާގޮތުގައި ތެޔޮ ޓޭންކަރަށް ހަމަލާދިނީ އީރާނުންނެވެ. އެފަރާތްތަކުން ބުނާ ގޮތުގައި ޓޭންކަރަށް ހަމަލާދީފައި ވަނީ އީރާނުގައި އުފައްދައްދާފައިވާ ރޮކެޓަންނެވެ. އަދި ޓޭންކަރުން ފެނިފައިވާ ބައިތަކަކީ އީރާނުގައި އުފައްދާފައިވާ ޑްރޯނެއްގެ ބައިތަކެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެެނެޓް ބުނެފައި ވަނީ ތެޔޮ ޓޭންކަރަށް ހަމަލާދިނީ އީރާނުކަމާމެދު އެއްވެސް ޝައްކެއް ނެތްކަމުގައެެވެ.
އިއްޔެ ބޭއްވި އިސްރާއީލުގެ ކެބިނެޓްގެ ޖަލްސާއެއްގައި ބެނެޓް އީރާނު ސިފަކޮށްފައިވަނީ ދުނިޔޭގެ ހަމަޖެހުމާއި އަމާންކަމަށް "ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް"ގެ ގޮތުގައެވެ.
އީޔޫގެ ހައި ރެޕްރެޒެންޓެޓިވް ފޯ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ ޖޯސެޕް ބޮރެލް ވިދާޅުވި ގޮތުގައި ހުރިހާ ހެއްކެއްވެސް އިޝާރާތް ކުރަނީ މާސާ ސްޓްރީޓަށް ދިން ހަމަލާގައި އީރާނުގެ އަތެއްވާ ކަމަށެވެ.
އީރާނުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި އީރާނުން ވަނީ މިމައްސަލައިގައި އީރާނަށް ހަމަލާއެއްދީފިނަމަ ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރުދީފައެވެ. އަދި އިރާނުން މި ތުހުމަތުތައް ސިފަކޮށްފައިވަނީ އެ ގައުމާ ދެކޮޅަށް ކުރާ ނަފްސާނީ ހަނގުރާމައެއްގެ ގޮތުގައެވެ.