ޔޫއޭއީއަށް ދަތުރުކުރަނިކޮށް އިސްރާއީލުގެ މަހުޖަނެއްގެ އުޅަނދަކަށް ދިން ހަމަލާއެއްގައި ދެމީހުން މަރުވެއްޖެ

އޮމާން ކައިރިން ހަމަލާއެރި ތެޔޮ ޓޭންކަރު 'މާސާ ސްޓްރީޓް' ދެކުނު އެފްރިކާގެ ކޭޕްޓައުން ބަނދަރުގައި

އަރަބި ކަނޑުގައި އޮމާން (ޢުމާން) ކައިރިން ދަތުރުކޮށްފައި ދަނިކޮށް އެކުންފުނިން ދުއްވާ އުޅަނދަކަށް ދިން ހަމަލާއެއްގައި އެ ބޯޓުގެ ދެ ފަޅުވެރިން މަރުވެފައި ވާކަމުގައި ޒޯޑަޔަކް މެރިޓައިމްއިން ބުނެފިއެވެ. މިހަމަލާގައި މަރުވެފައި ވަނީ އިނގިރޭސިއަކާއި ރޯމޭނިޔާގެ މީހެކެވެ. އިސްރާއީލުގެ ޗެނަލް 13 އިން ބުނެފައިވާ ގޮތުގައި މަރުވި އިނގިރޭސި މީހާއަކީ ބޯޓުގެ ކެޕްޓަނެވެ. އަދި ރޯމޭނިޔާ މީހާއަކީ ގާޑެކެވެ. އަދިވެސް އެ ޗެނަލުން ބުނެފައިވާ ގޮތުގަައި ބޯޓަށް ހަމަލާއެރި ވަގުތު އޭޭގައި އިސްރާއީލު ރައްޔިތަކު ނެތެެވެ.

ލައިބީރިޔާގައި ރަޖިސްޓަރީކޮށްފައިވާ ތެޔޮ ޓޭންކަރު 'މާސާ ސްޓްރީޓް' އަށް ހަަމަލާދީފައި ވަނީ އޮމާންގެ ވެރިރަށް މަސްޤަޠުގެ އިރުއުތުރުން 300 ކިލޯމީޓަރު ދުރުގައި އޮންނަ މަސީރާ ޖަޒީރާ ކައިރިން ދަތުރުކޮށްފައި ދަނިކޮށެވެ.

އިސްރާއިލު ސިފައިންގެ ރޭޑިޔޯއިން ޚަބަރުދިން ގޮތުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބަނދަރަކަށް ދަތުރުކުރަމުން ދިޔަ އުޅަނދަށް ހަމަލާއެރި އިރު އެ އުޅަނދު އޮތީ ހުހަށެވެ.

ލަންޑަނުގައި މައި އޮފީސް ހުންނަ ޒޮޑަޔަކް މެރިޓައިމްއަކީ އިސްރާއީލުގެ ބިލިއަނަރު އެޔާލް އޮފާގެ ޒޮޑަޔަކް ގްރޫޕްގައި ހިމެނޭ ކުންފުންޏެކެވެ. އެކުންފުނިން ނެރުނު ބަޔާނެއްގައި ވާގޮތުން ހަމަލާ އަމާޒުވި ތެޔޮ ޓޭންކަރަކީ ލައިބީރިޔާ ދިދަ ނަގާފައިވާ، ޖަޕާނުގެ ބޯޓެކެވެ.

އިސްރާއީލުގެ އިސް މަސްއޫލުވެރިއެއް ކަމަށް ބުނާ ފަރާތަކާ ހަވާލާދީ އެ ގައުމުގެ މަސްދަރަކުން ތުހުމަތުކޮށްފައިވާ ގޮތުގައި ތެޔޮ ޓޭންކަރަށް ދިން ހަމަލާގެ ފަހަތުގައި ވަނީ އީރާނެވެ. އެ މަސްދަރުން ބުނެފައިވާ ގޮތުގައި މި ހަމަލާއަކީ "ޑްރޯނެއް ބޭނުންކޮށްގެން ދީފައިވާ ޓެރަރިސްޓް ހަމަލާ"އެކެވެ. އަދި މިއީ ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރަށް ދިން ހަމަލާއެކެވެ.

މިރޭގެ ވަގުތެއްގައި އީރާނުގެ މަސްދަރަކާ ހަވާލާދީ އެ ގައުމުގެ އަލްއާލަމް ޓީވީން ބުނި ގޮތުގައި ތެޔޮ ޓޭންކަރަށް ހަމަލާދީފައި ވަނީ ސީރިޔާ (ސޫރިޔާ) ގެ އައްޟަބްޢާ އެއާޕޯޓަށް އިސްރާއީލުގެ ވައިގެ ސިފައިން ދިން ހަމަލާއަށް ރައްދުދިނުމުގެ ގޮތުންނެެވެ. އިސްރާއީލުގެ ހަމަލާގައީ ހަނގުރާމަވެރިންގެ ދެ މީހުން މަރުވެފައި ވެއެވެ.  

އިނގިރޭސި ސިފައިންގެ ޔުނައިޓެޑް ކިންގްްޑަމް މެރިޓައިމް އޮޕަރޭޝަންސްއިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ފަރާތުން ދަނީ މިހަމަލާ ތަހުގީގުކުރަމުންނެވެ. އަދި އެއީ ކަނޑުފޭރޭ ބަަޔަކު ދިން ހަމަލާއެެއް ކަމުގައި ނުބެލެވެއެވެ.

"ހަމަލާއެރި ވަގުތު އުޅަނދު އޮތީ އުތުރު އިންޑިޔާ ކަނޑުގައި. ދަތުރުކުރަމުން ދިޔައީ (ޓެންޒޭނިޔާގެ) ދާރުއްސަލާމުން (ޔޫއޭއީ) ގެ ފުޖައިރާއަށް." އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީގެ ބަޔާނެއްގައި ވެއެވެ.

މި ހަމަލާދީފައި މިވަނީ އީރާނުގެ ނިއުކުލިޔާ އެެއްބަސްވުމުގެ މައްސަލައިގައި ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. 2018 ވަަނަ އަހަރު ރައީސު ޑޮނާލްޑް ޓްރަމްްޕްގެ ސަރުކާރުން ނިއުކުލިޔާ އެއްބަސްވުމުން ވަކިވި ފަހުން ގަލްފު ސަރަހައްދުގައި އުޅަނދުތަކަށް ދެވޭ ހަމަލާތައް ވަނީ އިތުުރުވެފައެވެ. އަދި ގިނަ ފަރާތްތަކަކުން ތުހުމަތުކުރާ ގޮތުގައި މި ހަމަލާތަކުގެ ފަހަތުގައި ވަނީ އީރާނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.