ވެމްކޯއަކީ ދައުލަތަށްއޮތް ބުރައަކަށް ނުހަދައި ޚިދުމަތް ދިނުމަށް މަސައްކަތްކުރާނަން: އެމްޑީ

މިހާރު ގެންދަވަނީ ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) ޙާލަތު ދެނެގަތުމުގެ މަސައްކަތް ކުރައްވަމުން ކަމަށް އެކުންފުނީގެ އައު މެނޭޖިންޑިރެކްޓަރ (އެމްޑީ) އާދަމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

އާފާތިހަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ޙާލަތު ދެނެގަތުމަށްފަހު ގެންނަވަންޖެހޭ ބަދަލުތައް ގެންނަވައި ކުންފުނީގެ މިސްރާބު ރަނގަޅު ކުރައްވާނެ ކަމަށެވެ. "އަޅުގަނޑު އެންމެފުރަތަމަ މި ކުންފުނީގެ ޙާލަތު ދެނެގަތުމުގެ ކަންކަން ކުރަމުން މިދަނީ. ކުންފުނީގެ އޮޕަރޭޝަންތައް މިހާރު ރޭވިފައިއޮތްގޮތާއި، އަލުން ރީސްޓްރަކްޗަރކުރުމުގެ ކަންކަން ދެނެގަންނަމުން މިދަނީ،" އާދަމް މުޙައްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަސައްކަތް ކުރައްވާނީ ވެމްކޯއަކީ ދައުލަތަށްއޮތް ބޮޑު ބުރައަކަށް ނުވެ ރައްޔިތުންގެ ތެރެއިން ކުންފުނީގެ ޚިދުމަތް ހޯއްދަވާ ފަރާތްތަތަކަށް އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދެއްވުމަށް ކަމަށެވެ. " މަސައްކަތް ކުރާނީ މިކުންފުނި ދައުލަތުގެ މައްޗަށް ބޮޑު ބުރައަކަށްނުވެ ރައްޔިތުންގެ ތެރެއިން މި ޚިދުމަތް ހޯދާ ހުރިހާ ބޭފުޅުންނަށް ވެސް އެކަށޭނަ ޚިދުމަތެއްލިބޭނެ މިންވަރަކަށް މިކުންފުނި ތަރައްގީކުރުން،" އެމްޑީ ވިދާޅުވިއެވެ.

އާދަމް މުޙައްމަދު ވިދާޅުވީ ކުންފުނި ހިންގެވުމަށް ލަނޑުދަނޑިތަކެއް މިހާރުވެސް އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ ހަމަސް ދުވަހުގެ ތެރޭގައި ޙާސިލް ކުރައްވަން ބޭނުންވާ ލަނޑުދަނޑިތަކެއް އެބަހުރި ކަމަށެވެ. އެއީ "ހަ މަސްދުވަސްތެރޭގައި މިކުންފުނީގެ ހިންގުމުގެ އޮނިގަނޑު ހަރުދަނާކޮށް ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތުގައި ޝަކުވާތަކަށް ޖަވާބުދާރީ ވެވޭ ގޮތަކަށް އަދި ކުނި އެންމެ އެކަށީގެންވާ ގޮތުގައި ނުނެގޭ ޝަކުވާއެއް އަންނަ ކޮންމެ ބޭފުޅަކަށް އަޅުގަނޑުމެންނަށް އެޓެންޑުކުރެވޭނެ މިންވަރަށް ވަކިން އެޝަކުވާއެއްބެލި އެ ޝަކުވާއަކަށް އެދުވަހުން ދުވަހަކަށް ޖަވާބުދާރީ ވެވޭނެ މިންވަރަކަށް ހަމަދުވަސް ތެރޭގައި މިކުންފުނި އެކުލަވާލުން،" އޭނާ ވިދާޅުވިއެވެ.

ދިގުމުއްދަތަށް ބަލާއިރުގައި މާލޭ އޭރިއާއިންނާއި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީން ނަގާ ކުންޏަކީ ވަކިވަކިން ސެގްރިގޭޓު ކުރެވިގެން ތިމާވެއްޓާ އެންމެ ރައްޓެހި ގޮތަކަށް ކުނި މެނޭޖުކުރުމުގެ ކަންތައްތައް ގެންދެވޭނެ އިންތިޒާމެއް ހަމަޖައްސަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަންކަން ދެ އަހަރުދުވަހުގެ މުއްދަތެއްގެ ތެރޭގައި ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ދެއަހަރުތެރޭގައި އެކަންކަން އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ ކަމަށް ބަލައިގެން އެލަނޑުދަނޑިތަކަށް ވާސިލް ވެވޭތޯ އަޅުގަނޑުމެން މަސައްކަތް މިކުރަނީ،" އާދަމް މުޙައްމަދު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.