ކުރީގެ މިސްޓޭކު ތަކުރާރުވިޔަނުދީ ތަޖުރިބާގެ އަލީގައި ކޯލިޝަން ސަރުކާރު ދެމެހެއްޓޭނެ: ޝާހިދު

ޚިޔާލު ތަފާތުވުން ކޯލިޝަނުގެ ބައިވެރިންގެ މެދުގައި ހުރުމަކީ މައްސަލައެއް ނޫން ކަމަށާއި ޚިޔާލު ތަފާތުވުން ތަކުގެ ތެރެއިންވެސް ކޯލިޝަން ސަރުކާރު 5 އަހަރުގެ ދައުރު ފުރިހަމަ ކުރެވޭނެ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ދަހިންދޫ ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙުގެ ވިސްނުންފުޅުވެސް ހުރީ ކޯލިޝަނުގެ ބައިވެރިންނާއެކު ވެރިކަމުގެ 5 އަހަރުގެ ދައުރު ނިންމާލެއްވުމަށް ކަމަށެވެ. އެހެންވެ ރާއްޖޭގައި މީގެކުރިން އައި ކޯލިޝަންތަކުން ހެދި މިސްޓޭކު މިސަރުކާރުގައި ތަކުރާރުވިޔަ ނުދެއްވައި ލިބިފައިވާ ތަޖުރިބާގެ އަލީގައި މި ފަސް އަހަރު ކޯލިޝަނާއެކު ކުރިޔަށް ދެވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ކުރިޔަށް އޮތް ފަސް އަހަރު ކޯލިޝަން ސަރުކާރު ދެމެހެއްޓޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބައޮތް." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރައީސް ސޯލިޙު ބޭނުންފުޅު ވަނީ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓު ދީފައިވާ ގޮތަށް ކޯލިޝަނުގެ ވެރިކަމެއް ކުރައްވަން ކަމަށާއި ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހަށް ރައްޔިތުން ވޯޓު ލާފައި ވަނީ ކޯލިޝަން ސަރުކާރެއް ހިންގުމަށް ކަމަށެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައްޔިތުން ވަރަށް ސާފު މެޖޯރިޓީއެއް އެމްޑީޕީއަށް ދީފައިވާ ކަމަށާއި ނަމަވެސް މެޖޯރިޓީގެ ބޭނުން ހިއްޕަވައިގެން އެންމެ ޕާޓީއެއްގެ ވެރިކަން ކުރުމުގެ ވިސްނުންފުޅު ރައީސް ސޯލިޙު ނުގެންގުޅުއްވާ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.