އަންނަ އަހަރު މާރިޗުމަހު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން 87 ދާއިރާއަށް ވާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތާއީދު ނުކުރައްވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
އެމަނިކުފާނު އެކަމަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވައިފައިވަނީ މުލިއާގޭގައި ރޭ ބޭއްވެވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅުގައި ކަމަށް މަޢުލޫމާތު ވަނީ ލިބިފައެވެ. އެ ބައްދަލުވުމަކީ މަޖިލީސް އިންތިޚާބާ ބެހޭގޮތުން އެމަނިކުފާނުގެ ޚިޔާލުފުޅު ފާޅުކުރެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.
އެމްޑީޕން 87 ދާއިރާއަށް ވާދަކުރެއްވުމުގެ ބަދަލުގައި ކަށަވަރު ކާމިޔާބު ކުރެވޭނެ ދާއިރާތަކަށް ކެންޑިޑޭޓުން ކުރިމަތިލެއްވުމަކީ ކޯލިޝަންގެ ދަމަހައްޓައި ސުލްޙަވެރިކަމާއެކު ކުރިއަށް ދިޔުމަށްއޮތް މަގެއް ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.
އެމަނިކުފާނު އެގޮތަށް ވިދާޅުވީ ކުރިއަށްއޮތް މަޖިލިސް އިންތިޚާބުގައި 87 ގޮނޑިއަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސް ކުރައްވައިފައިވަނިކޮށްނެވެ. އެ ނިންމެވުމަކީ ކޯލިޝަންގެ އެއްބަސްވުމާ ޚިލާފު ނިންމެވުމެއް ކަމަށް ކޯލިޝަންގެ ބައެއް މެމްބަރުން ވިދާޅުވެފައިވެއެވެ.
މިކަމާބެހޭ ގޮތުން ކޮމެންޓެއް ހޯދުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރަކަށް ގުޅާލުމުން ވިދާޅުވީ އެއީ ރައީސުމްޖުމްހޫރިއްޔާ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނާ އެކު ބޭއްވި ނުރަސްމީ ބައްދަލުވުމަކަށްވާތީ އެއްވެސް ކޮމެންޓެއް ކުރައްވަން ބޭނުން ނުވާކަމަށެވެ.
އެމްޑީޕީން 87 ދާއިރާއަށް ކުރިމަތިލައްވަން ފާސްކުރައްވައިފައިވަނީ އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދު އެގޮތަށް ހުށަހެޅުއްވުމުންނެވެ. އެގޮތަށް ފާސްކުރެއްވުމުން ބައެއް ފަރާތްތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާ ބެހޭގޮތުން ޖޭޕީގެ ސެކްރެޓަރީޖެނެރަލް އަޙުމަދު ސަމީރު ވިދާޅުވެފައިވަނީ އެމްޑީޕީން އެގޮތަށް ނިންމެވިޔަސް ކޯލިޝަންގެ ބަދަހި ކަމަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށެވެ. ކޯލިޝަން ދެމި އޮންނާނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަހަތްޕުޅުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ހިންގާ ޤަވާޢިދުގައި ބުނެފައިވަނީ އެޕާޓީ ވެރިކަމުގައި އޮންނަ އިރު ޕާޓީގެ އެންމެ އިސްފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އެގޮތުން އެމްޑީޕީގެ އެންމެ އިސް ބޭފުޅަކަށް މިހާރުވެވަޑައިގެންފައިވަނީ ރައީސް އިބްރާހީމެވެ.