ސިޔާސީ ސަބަބުތަކަށްޓަކައި ފިޔަވަޅު އަޅާފައިވާ މީހުން ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ސިޔާސީ މަޤުޞަދެއް ހާސިލުކުރުމަށްޓަކައި ބަންދުކުރެވި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އެކިއެކި ފިޔަވަޅު އަޅާފައިވާ ފަރާތްތަކާއި، ޙުކުމްތައް ކުރެވި އެ ޙުކުމްތައް ތަންފީޒުކުރަމުންދާ ފަރާތްތަކުން، ޝަކުވާ ހުށައެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވައިލައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ މިފުރުސަތު ހުޅުވާލައިފައިވަނީ 2012 ވަނަ އަހަރު ފެބުރުއަރީ 1 ގެފަހުން އެފަދަ ކަމެއް ދިމާވެފައިވާ މީހުންނަށް ކަމަށެވެ. އެފަދަ ފަރާތްތަކުން މައްސަލަޔާ ގުޅޭ އެންމެހައި ލިޔެކިޔުންތަކާއެކު، 6 ޑިސެންބަރު 2018 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޝަކުވާ ހުށައެޅުއްވުމަށް ހުޅުވާލައްވައިފައިވާ ކަމަށް ރައީސް އޮފީހުންވަނީ ވިދާޅުވެފައެވެ.

މިއީ ސިޔާސީ ހައްޔަރީންގެ މައްސަލަތައް ބަލައި، ނުޙައްޤުން ބަންދުކޮށްފައިވާ ފަރާތްތައް މިނިވަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން ކުރައްވާ ކަމެކެވެ. އެކަން ކުރެއްވުމަށްޓަކައި މިހާރުވަނީ "ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީ" އުފައްދަވައިފައެވެ. އެގޮތުން އެމަނިކުފާނު މަޤާމާ ޙަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު ވަނީ އެ މަސައްކަތްޕުޅު ފަށްޓަވައިފައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.