ޞިއްޙީ ދާއިރާގެ ޙާލަތު ބައްލަވައިލެއްވުމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން އައްޑުއަށް ވަޑައިގެންފިއެވެ.
މިއަދު މެންދުރުފަހު އައްޑުއަށް ވަޑައިގެން އެމަނިކުފާނުވަނީ އައްޑޫ ސިޓީގައި ޞިއްޙީ ޚިދުމަތް ދެއްވާ ބައެއް ތަންތަނަށް ވަޑައިގެން އެތަންތަނުގެ މުވައްޒަފުންނާ ބައްދަލު ކުރައްވައިފައެވެ.
މިނިސްޓަރ މިއަދުވަނީ އައްޑޫސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށާއި، މަރަދޫ ޞިއްޙީ މަރުކަޒަށާއި، އައިއެމްޑީސީ އަށްވަޑައިގެން އެތަނުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވައިފައެވެ. އަދި އެތަންތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި މުވައްޒަފުންގެ ކަންބޮޑުވުންތައް އެމަނިކުފާނުވަނީ އަޑުއައްސަވައިފައެވެ. މިނިސްޓަރ ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައި ވޯޑުތަކަށް ވަޑައިގެން ބަލިމީހުންގެ ޙާލުއަޙުވާލު ވެސް ބައްލަވައިފައެވެ. އޭގެ އިތުރަށް އެމަނިކުފާނު ވަނީ އެސްޓީއޯ ބޭސް ފިހާރަށްއަށް ވެސް ވަޑައިގެންފައެވެ.
މިނިސްޓަރ މިރޭ ދަމަނަވެއްޓާއި އިތުރު ޞިއްޙީ މަރުކަޒުތަކަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ އެމަނިކުފާނު ހެލްތު މިނިސްޓަރުކަމާ ޙަވާލުވެ ވަޑައިގެންނެވުމަށްފަހު އަތޮޅަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅާ ބެހޭ ގޮތުން މިނިސްޓަރަށް ސުވާލު ދެއްނެވުމުން ވިދާޅުވީ މިއީ އައްޑޫ ސިޓީގެ ޞިއްޙީދާއިރާގެ ކަންކަން ހުރިނެތްގޮތް ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މިދަތުރުފުޅުގައި މިނިސްޓަރ އަމީން ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ތަންތަނުގެ ތެރޭގައި އީސީސީގައި ހަދަމުންއަންނަ 100 އެނދުގެ އައު ހޮސްޕިޓަލް ހިމެނެއެވެ. އަދި އައްޑޫ ސިޓީ ކައުންސިލާ ވެސް އެމަނިކުފާނު ބައްދަލު ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
ގުޅިފައިވާ ރަށްރަށަށްފަހު މާދަމާ އެމަނިކުފާނު ހުޅުމީދުއަށް ވަޑައިގަންނަވާނެއެވެ. މިދަތުރުފުޅަށްފަހު އެމަނިކުފާނު މާލެ ވަޑައިގަންނަވާނީ މާދަމާ ހަވީރުގެ ވަގުތެއްގައެވެ.