ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޮނަސްގެ ކާވެނީގެ ރަސްމީ ތައްޔާރީތައް މުމްބާއީ ގައި ފަށައިފިއެވެ. ކާވެނީގެ ރަސްމީ ތައްޔާރީތައް ފަށާފައި ވަނީ ބުދަ ދުވަހު ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްރާގެ ގޭގައި ބެއްވި ޕޫޖާ އަކުންނެވެ.
މި ހްފަލާ އަށް ނިކް ޖޮނަސް އާއި ޕްރިޔަންކާގެ ހެދުން ފަރުމާ ކުރީ މަޝްހޫރ ފެޝަން ޑިޒައިނަރު މަނީޝް މަލޯތްރާ އެވެ. ނިކް ޖޮނަސް ލައިގެން ހުރީ މަޑު ފިޔާތޮށި ކލައިގެ ކުރްތާ އެކެވެ. ޕްރިޔަންކާ ހުރީ މާ ޖެހި ނޫކުލައިގެ ދޯޕައްޓާ ހެދުމެއް ލައިގެންނެވެ.
ނިކް ޖޮނަސްގެ ބޭބެ ޖޯ ޖޮނަސް އާއި އޭނަގެ ލޯބިވެރިޔާ، 'ގޭމް އޮފް ތްރޯންސް' ގެ ތަރި ސޯފީ ޓަރނަރ ވެސް ޕޫޖާގައި ބައިވެރިވިއެވެ. ދެ މީހުްނވެސ ތިބީ އިންޑިއާ ސްޓައިލަށް ހެދުން އަޅައިގެންނެވެ.
ޕުޖާގެ އިތުރުން ސަންގީތް ހަފްލަ އަކާއި މެހެނދީ ހަފްލާ އެއް ބޭއްވުމަށް ފަހު ހިންދޫ ސަގާފަތާއި އެއްގޮތަށް ކާވެނި ކުރާނީ ޖޯދްޕޫރްގެ ތާޖް އުމައިދް ބަވާން ގަނޑުވަރުގައެވެ. އެއަށްފަހު ކްރިސްޓިއަން ދީނާ އެއްގޮތަށް ޑިސެންބަުރ މަހުގެ 3 ވަނަ ދުވަހު ހަފްލާއެއް ބާއްވާނެ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓު ކުރެއެވެ.
ޕްރިޔަންކާގެ ކާވެނީގެ ހަފްލާގައި ހޮލީވުޑްގެ ތަރީން ވެސް ބައިވެރިވެއެވެ. އޭގެ ތެރެގައި 'ދަ ރޮކް' ވެސް ހިމެނެއެވެ. ޕަޕަރާޒީންގެ ކިބައިން ސަލާމަތް ވުމަަށް ކާވެނި އޮންނަ ގަނޑުވަރުގައި މިހާރު ވަނީ ހެލިޕެޑެއް ހަދާފައެވެ. ކާވެނީގެ ރަސްމިއްޔާތުގައި ބައިވެރިވަ ހައި ޕްރޮފައިލް މީހުންނާއި ޕްރިޔަންކާ ކާވެނީގެ ރަސްމިއްޔާތު އޮންނަ ތަނަށް ދާނީ ހެލިކެޕްޓަރުގައެވެ.